Roadha Mihaaru
ސާފްގެ ތައްޓަށް އިންޑިއާ އާއި ކުވެއިތު މިރޭ ނުކުންނަނީ

ސާފްގެ ތައްޓަށް އިންޑިއާ އާއި ކުވެއިތުގެ ކުރިމަތިލުން މިރޭ

04 ޖުލައި 2023

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގެ ގަދަ ބާރު އިންޑިއާ ވިދިވިދިގެން ނުވަ ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްގައި މިރޭ ނުކުންނާނީ، ގަލްފު ސަރަހައްދުގައި ކުރިން ރަސްކަން ކުރި ކުވެއިތާ ދެކޮޅަށެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގެ ގަދަ ބާރު އިންޑިއާ ވިދިވިދިގެން ނުވަ ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްގައި މިރޭ ނުކުންނާނީ، ގަލްފު ސަރަހައްދުގައި ކުރިން ރަސްކަން ކުރި ކުވެއިތާ ދެކޮޅަށެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި މުޅިން އަލަށް ސަރަހައްދުން ބޭރުގެ ދެ ގައުމު ބައިވެރިކޮށްފައި ވާއިރު، ދެ ޓީމުން ވެސް ވާދަކުރި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި އެވެ. ނަމަވެސް އިންޑިއާގެ މައްޗަށް އެއްވެސް ޓީމަކަށް އަދި ކުރި ހޯދޭގޮތެއް ނުވެ އެވެ.

ފައިނަލްގައި ވާދަކުރާ އިންޑިއާ އާއި ކުވެއިތު ވާދަކުރީ މުބާރާތުގެ ގުރޫޕް އޭގަ އެވެ. ދެ ޓީމު ވެސް ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ކާމިޔާބު ކުރިއިރު، ފަހު މެޗުގައި އިންޑިއާ މޮޅުވާން ދަނިކޮށް ކުވެއިތުން ފަހު ވަގުތު ނަތީޖާ އެއްވަރުކުރީ އިންޑިއާގެ ކުުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ރާއްޖެ ވާދަކުރި ގުރޫޕް ބީގެ އެއްވަނަ ހޯދީ ލެބަނަން އެވެ. ދެވަނަ ހޯދީ ފަހަތުން އަރައި ރާއްޖެ 3-1 އިން ބަލިކުރި ބަންގްލަދޭޝް އެވެ. އެއީ 20 އަހަރަށް ފަހު މި މުބާރާތުގައި ބަންގްލަދޭޝް އިން ރާއްޖޭގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލްގައި ކުވެއިތުން ބަންގަލަދޭޝް ކައިރިން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެ، 1-0 އިންނެވެ. އިންޑިއާ އާއި ލެބަނަން ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ 120 މިނިޓުގެ ކުޅުމާ އެކު ވެސް ލަނޑެއް ނުޖެހުނުއިރު، އިންޑިއާ ކުރި ހޯދީ ޕެނަލްޓީގައި 4-2 އިންނެވެ.

ސެމީ ފައިނަލް މެޗަށް ސަސްޕެންޑް ވެފައިވާ އިންޑިއާގެ ހެޑް ކޯޗު އީގޯ ސްޓިމަކް ހުރީ ފައިނަލް މެޗަށް ވެސް ސަސްޕެންޑް ކޮށްފަ އެވެ. ފައިނަލްގައި ވެސް އިންޑިއާ ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ އެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސް އަށް ފަހު އިންޑިއާގެ އެސިސްޓެންޓް ކޯޗު ގޯލީ އާއި ޑިފެންޑަރު ޖިންގަން އާއެކު ކުވެއިތުގެ ކޯޗު ބެންޓޯ އަދި ބަދުރު އަލް ސާނޫން، މުބާރާތުގެ ޗެމްޕިއަން ޓްރޮފީއާ އެކު.-- ފޮޓޯ: އޭއައިއެފްއެފް

އިއްޔެގެ ޕްރެސް ކޮންފަރެންސް އަށް ފަހު އިންޑިއާގެ އެސިސްޓެންޓް ކޯޗު ގޯލީ އާއި ޑިފެންޑަރު ޖިންގަން އާއެކު ކުވެއިތުގެ ކޯޗު ބެންޓޯ އަދި ބަދުރު އަލް ސާނޫން، މުބާރާތުގެ ޗެމްޕިއަން ޓްރޮފީއާ އެކު.-- ފޮޓޯ: އޭއައިއެފްއެފް

މުބާރާތުގެ ތަށި ދިފާއު ކުރަން ނުކުންނަ އިންޑިއާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ތަޖުރިބާކާރު ޑިފެންޑަރު ސަންދޭޝް ޖިންގަން އަށް މެޗުގައި ކުޅެވުމެވެ. ރީނދޫ ކާޑު ހަމަވެގެން ސެމީ ފައިނަލް މެޗުގައި އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. ފައިނަލް މެޗުގެ ކުރިން އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި އޭނާ ބުނީ، ކުވެއިތަކީ އިންޑިއާ އިން ފާއިތުވި 10 ވަރަކަށް ދުވަހު އިދިކޮޅުން ކުޅުނު އެންމެ އުނދަގޫ ޓީމު ކަމަށާއި އުންމީދަކީ ފައިނަލް މެޗުގައި ކާމިޔާބު ހޯދުން ކަމަށެވެ. އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ ވެސް ވަނީ ކުވެއިތު ބަލިކުރަން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ.

"އެންމެ ފަހުން ކުވެއިތާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެންގެ ޓީމު ހާސް ކޮށްލި، ލެބަނަން ވެސް އެއީ އެވަރުގެ ޓީމެއް. އަހަރެން ކުޅުންތެރިން ގާތު ބުނެފައި އޮންނާނީ އެންމެން ވެސް ހަމަޖެހިގެން، ހުރިހާ ފޯކަސް އެއް ބަހައްޓަން ވާނީ ފައިނަލް މެޗު ކާމިޔާބު ކުރާށޭ. މިއީ ތަފާތު ވާނެ މެޗެއް. އުންމީދު ކުރަނީ އަހަރެމެން ކުޅެމުން މިދާ ކުޅުން ތަކުރާރު ކުރެވޭނެ ކަމަށް،" ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރު މުބާރާތުގެ ތަށި އުފުލައިލި މަހޭޝް ގޯލީ ބުންޏެވެ.

"މިފަހަރު މާ އުނދަގޫވާނެ މުބާރާތް ކާމިޔާބު ކުރަން. ކުވެއިތަކީ މޮޅު ޓީމެއް، މުބާރާތް ވެސް ވާދަވެރި. ކުރިން މުބާރާތް ކުޅެނީ ހަމައެކަނި ސާފްގެ ގައުމުތަކުގެ މެދުގައި. އަހަރެން އެންމެ ފުރަތަމަ 2005 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރި އިރުގެ އިހުސާސްތަކަށް ވުރެ، މި ފައިނަލް ކާމިޔާބު ކުރެވިއްޖެ ނަމަ ކުރެވޭ އިހުސާސްތައް މާ ތަފާތު ވާނެ."

އިންޑިއާ މިހާތަނަށް މިއަހަރު 10 މެޗު ކުޅެފައި ވާއިރު އެޓީމު ކޮޅަށް ވަދެފައި ވަނީ އެންމެ ގޯލެކެވެ. އެއީ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުވެއިތާ ދެކޮޅަށް ކުޅެމުން އަމިއްލަ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެވެ. ކުވެއިތު ފައިނަލަށް ދަތުރުކުރީ އެންމެ ފަހުން އެޓީމު ކުޅުނު އަށް މެޗުން ވެސް ބަލި ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަކީ މިއީ 2010 ވަނަ އަހަރު އޮތް އަރަބިއަން ގަލްފް ކަޕްގެ ފައިނަލަށް ފަހު ކުވެއިތު ވާދަކުރާ ފުރަތަމަ ފައިނަލް މެޗެވެ. އެއަހަރު އެޓީމުން ގަލްފް ކަޕް ރެކޯޑް 10 ވަނަ ފަހަރަށް ކާމިޔާބު ކުރި އެވެ. އެއީ މިއަދާ ހަމައަށް ވެސް އެހެން ޓީމަކަށް މުގުރާ ނުލެވި އޮތް ރެކޯޑެކެވެ.

އެ އަހަރު މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުވެއިތުން އިންޑިއާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި 9-1 އިން އިންޑިއާގެ މައްޗަށް ކުރި ހޯދި އެވެ. އިންޑިއާ ފުޓްބޯޅައިގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު ބައްޔާ ހަމަކުރަން އެ މެޗުގައި ކުވެއިތަށް މަދުވީ އެންމެ ގޯލެކެވެ.

"އިންޑިއާއާ ދެކޮޅަށް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗަކީ އުނދަގޫ މެޗެއް. އެކަމަކު އަހަރެންގެ ތަޖުރިބާއަށް ބަލާއިރު، ފައިނަލަކީ އަބަދުވެސް ތަފާތު މެޗެއް. އަހަރެމެން ކުޅޭނީ ތަށި ހޯދަން. ކުޅުންތެރިން މެޗަށް ފޯކަސް ބަހައްޓައިގެން މޮޅަށް ކުޅުން އެއީ ވަރަށް މުހިއްމު ކަމެއް. އަހަރެމެން ފައިނަލަށް ދަތުރު ކުރީ ވަރަށް ބުރަ މަސައްކަތުން. އަހަރެންގެ ޓީމަށް ދޭން އޮތް މެސެޖަކީ ހުރިހާ ކުޅުންތެރިން ވެސް މެޗުގައި ހިތްހަމަ ޖެހިގެން ކުޅޭށޭ،" ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެ، އެގައުމުގެ އުމުރުފުރާގެ ގައުމީ ޓީމުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ކޯޗު ކޮށްދީފައި މިދިޔަ އަހަރުގެ ފަހުކޮޅު ކުވެއިތާ ހަވާލުވި ކޯޗު ރުއީ ބެންޓޯ ބުންޏެވެ.

"އަހަރެމެން ފާއިތުވި 21 ދުވަސް ތެރޭ ހަތް މެޗު ކުޅެފިން. ކުރު މުއްދަތެއްގައި މިއީ ވަރަށް ބައިވަރު މެޗު. މިހާރު ކުރިމަތީގައި މިއޮތީ ފައިނަލް މެޗެއް. އަހަރެމެން މެޗުގައި މެކްސިމަމް ދޭނަން. އަހަރެމެން މި ބިނާކުރާ ސިސްޓަމަށް އިތުބާރު ކުރަން ޖެހޭ."

ރެކޯޑް އަށް ފަހަރު ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިއާ އިން ފައިނަލްގައި ކުވެއިތާ ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.