ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިއަދު ކުވެއިތާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްގެ ޓާގެޓަކީ މެޗު ކާމިޔާބު ކޮށްގެން ފައިނަލަށް ދިޔުން ކަމަށް އެޓީމުގެ ކޯޗު ސްޕެއިންގެ ހަވިއޭ ކަބްރޭރާ ބުނެފި އެވެ.
01 ޖުލައި 2023
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިއަދު ކުވެއިތާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްގެ ޓާގެޓަކީ މެޗު ކާމިޔާބު ކޮށްގެން ފައިނަލަށް ދިޔުން ކަމަށް އެޓީމުގެ ކޯޗު ސްޕެއިންގެ ހަވިއޭ ކަބްރޭރާ ބުނެފި އެވެ.
ގުރޫޕް ސްޓޭޖުގައި ރާއްޖެ ބަލިކޮށްފައި ސެމީގެ ފުރުސަތު ހޯދި ބަންގްލަދޭޝް އެންމެ ފަހުން މުބާރާތުގެ ފައިނަލް ކުޅުނީ 2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި މުބާރާތުގަ އެވެ. އެފަހަރު އިންޑިއާ އަތުން ފައިނަލްގައި ބަލިވި އިރު، އޭގެ ކުރީ މުބާރާތުގައި ވަނީ ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރާއްޖެއާ އެއް ގުރޫޕެއްގައި ވާދަކޮށްގެން ބަންގްލަދޭޝް ސެމީއަށް ދަތުރު ކުރީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކުވެއިތަކީ އިންޑިއާ ހިމެނުނު ގުރޫޕް އޭގެ އެއްވަނަ ހޯދި ޓީމެވެ. ބަންގްލަދޭޝްގެ ކޯޗު ބުނީ ސެމީ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރިކަން ފެންނާނެ ކަމަށާއި މެޗުގައި ކޮޅަށް ގޯލެއް ވަނަ ނުދޭން ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
"މި މެޗުގައި ބަންގްލަދޭޝްގެ ޑިފެންސާއި ކުވެއިތުގެ އެޓޭކުގެ ވާދަވެރިކަމުގެ އިތުރަށް ބަންގްލަދޭޝްގެ އެޓޭކާއި ކުވެއިތުގެ ޑިފެންސުގެ ވާދަވެރިކަން ފެންނާނެ. އަހަރެމެންގެ ޓާގެޓަކީ މާދަމާ [މިއަދު] ގެ މެޗު ކާމިޔާބު ކުރުން،" އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކަބްރޭރާ ބުންޏެވެ.
"އަހަރެމެންނަށް ވަރުގަދަ ފައިޓެއް ދެވޭނެ ކަމަށް ގަބޫލު ކުރަން. މެޗުގެ ކުރީކޮޅު އަހަރެމެން ކޮޅަށް ގޯލެއް ވަންނާކަށް ބޭނުމެއް ނުވޭ ޔަގީނުން ވެސް. މެޗަކީ އަހަރެމެންނަށް ވަރަށް މުހިއްމު މެޗަކަށް ވެފައި، މެޗު ފެށިގެން އަހަރެމެން ޖެހޭނެ ކުވެއިތު ހުއްޓުވަން މަސައްކަތް ކުރަން. އެމީހުން ގޯލު ޖެހިއަސް އަހަރެމެން ޖެހޭނެ މަސައްކަތް ކޮށްގެން ނަތީޖާ އަނބުރާލަން، އެއީ އޭގެ ތަޖުރިބާ މި މުބާރާތުގައި (ރާއްޖެ އާއި ބޫޓާނާ ދެކޮޅަށް) ކުރެވިއްޖެ. އެކަމަކު ކުވެއިތާ ދެކޮޅަށް ކުޅޭއިރު އެ ހާލަތަށް ނުގޮސް ވޭތޯ ބަލަންވީ."
ކުވެއިތުގެ ކޯޗު ރުއީ ބެންޓޯ، އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ސެމީ ފައިނަލަށް ކުވެއިތު ނުކުންނަނީ ނުވަ މެޗުން ބަލި ނުވުމުގެ ރެކޯޑަކާ އެކު އެވެ. އެޓީމު އެންމެ ފަހުން ބަލިވީ މިއަހަރު ކުޅުނު ފުރަތަމަ މެޗުގައި ގަތަރު އަތުންވެ. އޭގެ ފަހުން މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ކުވެއިތު ވަނީ ހަތް މެޗު ކާމިޔާބު ކޮށްފަ އެވެ.
ކުވެއިތު ޓީމުގެ ކޯޗު ރުއީ ބެންޓޯ ބުނީ، އިދިކޮޅުން ނުކުންނަ ބަންގްލަދޭޝް ޓީމަށް ވެސް އިހުރިރާމު ކުރާ ކަމަށާއި، ފުޓުބޯޅައިގައި އެއްވެސް ޓީމަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ފުޓުބޯޅައިގައި އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. ތަފާތު ޓީމުތަކާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް. ކޮންމެ ކޯޗެއް ވެސް ބޭނުން ވާނީ އެމީހުންގެ ކުޅުވުމުގެ ވައްޓަފާޅިއަށް ޓީމު ބައްޓަން ކުރަން، އެކަމު އެކަން އަބަދުވެސް ވެފައި ވަނީ އުނދަގޫ ކަމަކަށް،" ކުރިން ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކުޅުނު ބެންޓޯ ބުންޏެވެ.
"މެޗު ފަސޭހަ ވާނެ ކަމަށް ދެކުމަކީ ގޯހެއް. ކޮންމެ ބަޔަކަށް ވެސް ނަތީޖާ ނެރެން ލިބޭނީ 90 މިނިޓު، ބައެއް ފަހަރު އިތުރު ވަގުތު ލިބޭނެ. އެކަމަކު މެޗެއް ފަސޭހައެއް ނުވާނެ. ކޮންމެ މެޗަކަށް ވެސް ނުކުމެ، ޓީމުގެ އެންމެ ބެސްޓު ދައްކަން އަބަދުވެސް މަސައްކަތް ކުރަން ވާނެ."
ބެންޓޯ ބުނީ ނޮވެމްބަރު މަހު ޓީމާ ހަވާލުވި އިރު ޓީމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި، އޭރު ކުޅުންތެރިންނާ ވާހަކަ ދައްކައި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެވުން ކަމަށެވެ. އަދި މިހާރު ޓީމުގެ ނަތީޖާ ރަނގަޅު ވަމުން އަޔަސް، މިއީ ޓީމު ބިނާކުރުމުގެ މަސައްކަތް ނިމުނީ ކަމަށް ނުދެކޭ ކަމަށާއި، އިތުރަށް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަ ހުރި ކަމަށެވެ.
ކުވެއިތާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން މެންދުރު 2:30 ގައެވެ.
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ޗެތުރީ އަށް
ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ދިފާއުކޮށްފި
ސާފްގެ ތައްޓަށް އިންޑިއާ އާއި ކުވެއިތު މިރޭ ނުކުންނަނީ
ސާފްގެ ޝަރަފް ދަމަހައްޓަން އިންޑިއާ ފައިނަލަށް
ފައިނަލަށް ދިޔަޔަސް މި ކުޅުން ބަލައެއް ނުގަނެވޭނެ
ބަންގްލަދޭޝް ހިތްވަރުގަދަ، ކުވައިތު ފައިނަލަށް
ނުކުޅޭވޭ ކަމަށް އިހުސާސް ކުރެވޭނަމަ ކުޅުން ހުއްޓާލާނަން
ލެބަނަން އަށް އޮތީ އިންޑިއާ އަތުން ބަދަލުހިފުން
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟