Roadha Mihaaru
ފައިނަލަށް ދިޔަޔަސް މި ކުޅުން ބަލައެއް ނުގަނެވޭނެ

ފައިނަލަށް ދިޔަޔަސް މި ކުޅުން ބަލައެއް ނުގަނެވޭނެ: ކުވެއިތު ކޯޗު

01 ޖުލައި 2023

ބަންގްލަދޭޝްއާ ވާދަކޮށް އިތުރު ވަގުތުގައި ލަނޑު ޖަހައިގެން 1-0 އިން މެޗު ކާމިޔާބު ކޮށްގެެން ފައިނަލުގެ ފުރުސަތު ލިބުނަސް މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުން ބަލައި ނުގަނެވޭނެ ކަމަށް ކުވެއިތުގެ ކޯޗު ރުއީ ބެންޓޯ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބަންގްލަދޭޝްއާ ވާދަކޮށް އިތުރު ވަގުތުގައި ލަނޑު ޖަހައިގެން 1-0 އިން މެޗު ކާމިޔާބު ކޮށްގެެން ފައިނަލުގެ ފުރުސަތު ލިބުނަސް މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުން ބަލައި ނުގަނެވޭނެ ކަމަށް ކުވެއިތުގެ ކޯޗު ރުއީ ބެންޓޯ ބުނެފި އެވެ.

ސެމީ ފައިނަލް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެންޓޯ ބުނީ، މެޗުގެ ކުރިން ބުނި ފަދައިން މިއީ އުނދަގޫ މެޗެއް ކަމަށާއި، ނަމަވެސް ޓީމުގެ ފަރާތުން ފެނުނީ އުންމީދު ކުރި ވަރަށް ވުރެ ދަށް ކުޅުމެއް ކަމަށެވެ.

"އަހަރެމެންހެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނު. މިއީ ބަލައިގަނެވޭނެ ފެންވަރުގެ ކުޅުމެއް ނޫން،" ކުޅުމާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކޯޗު ބެންޓޯ ބުންޏެވެ.

"ބަންގްލަދޭޝް އިން މޮޅަށް ކުޅުނު. އަހަރެމެންގެ ބެސްޓު ނުދެއްކުނުތަން ފެނުނީ. ދެން އޮންނާނީ ރިކަވަރީ އަށް ފަހު، ފައިނަލް މެޗަށް އިތުރަށް ގަދައަޅާ މަސައްކަތް ކުރުން."

މުޅި މެޗުގައި ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ބަންގްލަދޭޝް ޓީމުގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނީ، ޓީމުން ދެއްކި ކުޅުމާ އެކު ފަހު ވަގުތު ބަލިވުމުން ނަތީޖާ ގަބޫލު ކުރަން ވެސް ދަތިވި ކަމަށާއި ނަމަވެސް މުޅި މުބާރާތުގައި ޓީމުން އެއް ފެންވަރެއްގައި ދެއްކި ކުޅުމަށް ތައުރީފް ކުރާ ކަމަށެވެ.

"ގަބޫލު ކުރަން އުނދަގޫ މި ނަތީޖާ. މުޅި މުބާރާތުގައި ވެސް އެއް ފެންވަރަކަށް ޓީމު ކުޅުނު. ގައިމުވެސް މި މެޗުގައި ކުވެއިތަށް ވުރެ މޮޅަށް ކުޅުނު. މޮޅުވާން ގިނަ ފުރުސަތުތަކެއް ވެސް ލިބުނު. ދެން ބޭނުމީ އަހަރެމެންގެ ސްޓެންޑާޑް ވެއްޓުނަ ނުދީ ފެންވަރު ހިފަހައްޓާލަން މަސައްކަތް ކުރަން،" ކަބްރޭރާ ބުންޏެވެ.

"އަހަރެމެން ގޯލު ޖަހަން ގިނަ ފުރުސަތު ތަނަވަސް ކުރި. ދެވަނަ ހާފުގައި އެމީހުން (ކުވެއިތުން) ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އަހަރެމެންނަށް ވުރެ ރަނގަޅު ފުރުސަތު ތަނަވަސް ކުރެވުނު ކަމަށް ގަބޫލެއް ނުކުރެވޭ."

ބަންގްލަދޭޝް ވަނީ ގުރޫޕް ސްޓޭޖުގައި ލެބަނަން އާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން ބަލިވީ މެޗުގެ ފަހު 10 މިނިޓުގައި ކޮޅަށް ވަން ދެ ގޯލުންނެވެ. ބޫޓާނާއި ދިވެހި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ފުރިހަމަ މޮޅެއް ހޯދި އިރު ކުވެއިތާ ދެކޮޅަށް ވެސް މިވަނީ ދެކުނު އޭޝިއާ ސަރަހައްދު ފަހުރުވެރި ވާފަދަ ކުޅުމެއް ދައްކައިފަ އެވެ.

ކޯޗު ކަބްރޭރާ ބުނީ މުބާރާތުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކުނީ، މުބާރާތުގެ ކުރިން ގިނަ ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެ، ޓްރޭނިންތަކުގައި ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.