03 ޖުލައި 2023
ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަން އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި ދޮގު ތުހުމަތު އަޅުވައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތް ހުއްޓާލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ގޮވާލައިފި އެވެ.
ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަން އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި ދޮގު ތުހުމަތު އަޅުވައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތް ހުއްޓާލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ގޮވާލައިފި އެވެ.
ޕީޕީއެމް އަދި ޑިމޮކްރެޓްސް އިން މީޑިއާތަކަށް ދައުވަތުދީގެން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.
މި މައްސަލާގައި ކަންބޮޑުވުންފާޅުކޮށް، މީޑިއާތައް ރެގިއުލޭޓްކުރާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ތަފާތު އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތްކުރުމާއި ވަކި ވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރާ ކަމުގެ ޝަކުވާ މިހާރު ލިބޭ ކަމަށެވެ.
އެކަމުގެ ސަބަބުން މީޑިއާގެ މިނިވަންކަމަށް ބޮޑު ހުރަހެއް އެޅި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ވެސް އިތުރަށް ދަށަށް ގޮސްދާނެ ކަމަށް ބުންޏެވެ.
"...ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް މީގެ ސަބަބުން ހުރަސްތަކެއް އެޅިގެންދާ ކަމަށް މި ކައުންސިލުން ދެކެމެވެ." އެމްއެމްސީން ބުންޏެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެހެންވެ، ވަކިވަކި ނޫސްވެރިންނާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތުކުރުން ހުއްޓާލަން ހުރިހާ ފަރާތްތަކަށް އެމްއެމްސީން ވަނީ ގޮވާލައިފަ އެވެ.
ސިޔާސީ ގޮތުން ތަފާތު ފިކުރުގެ ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އިން އެއް ވިސްނުމެއްގައި މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެއްވެސް ސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވައި ރުޅިގަދަވެ، ނޫސްވެރިންނަށް ވަނީ ރިޝްވަތުގެ ތުހުމަތުތައް ކޮށްފަ އެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން ޕްރެސްގައި ބައިވެރިވެވަޑައިގެންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ދެ ޕާޓީން ވަކިވަކި ކެނޑިޑޭޓުން ނެރޭނެ ކަމަށާއި އެހެން ނަމަވެސް އެއް ކެނޑިޑޭޓަކަށް އެއްބަސްވާން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ. ކެނޑިޑޭޓެއް ނެރުމާއި ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ޕީޕީއެމްގެ ސެނެޓްގެ މެންބަރުންނާ މަޝްވަރާ ނުކޮށް ހިންގާތީ އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ޕީޕީއެމްގެ ނައިބު ރައސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމް އިން ޑިމޮކްރެޓްސް އާ ވާހަކަ ދައްކަނީ އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީންގެ އިރުޝާދާ އެކީގައި ކަމަށެވެ.
އެއަށްފަހު ޝުޖާއު ވަނީ އެތެރޭގެ މައްސަލަތަކެއްގެ ސުވާލު ނޫސްވެރިން ކުރަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސުވާލުތައް ވަކިވަކި ނޫސްވެރިންނަށް ފޮނުވާތީ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު ކިހިނެއް ވެގެން މި އުޅެނީ ނޫސްވެރިންނަށް ސްޕޮންސާ ދީގެން ސުވާލު އުފައްދަނީ... އަޅުގަނޑު މި ދަންނަވަނީ މި ސުވާލު ނުކުރައްވާ ތިބޭފުޅުން. ޕީޕީއެމްގެ ކެނޑިޑޭޓު ހުންނާނެ. އެއީ ރައީސް ޔާމީން،" ޝުޖާއު ވިދާޅުވި އެވެ.
ޔާމީން އާ މެދު ޑިމޮކްރެޓްސް އިން ދެކެމުން އައި ގޮތް ބަދަލުވީތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވައި އަމްރު ގެންދެވީ މި ސަރުކާރުގެ ހިޔާނާތްތަކުގެ ވާހަކަ ދައްކަވަމުންނެވެ. "އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ. ތިބޭފުޅުން ދެން ޖައްސަވަން ބޭނުން ހެޑްލައިނެއް ޖައްސަވާ،" އަމްރު ވިދާޅުވި އެވެ.
ތިން ޕާޓީން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރެން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އަމްރު ވިދާޅުވުމުން އެ ކެނޑިޑޭޓަކީ ޔާމީން ނަމަވެސް ތާއީދު ކުރައްވާނެތޯ ނޫސްވެރިން ސުވާލު ކުރި އެވެ.
އެ ސުވާލަށް އަމްރު އެއްގޮތަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ "ތިއީ ރައީސް އޮފީހުން ފޮނުވާ ސުވާލެއް" ކަމަށެވެ.
އެމްއެމްސީން ވަނީ ނޫސްވެރިން ވެސް މަސައްކަތްކުރާއިރު ގާނޫނާއި ގަވާއިދުތަކަށް މީޑިއާގެ އަހުލާގީ މިންގަނޑު އަދި އުސޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ހަނދާންކޮށްދީފަ އެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
"ހެއްކާބެހޭ ބިލުން މިނިވަންނޫސްވެރިކަމަށް ހުރަސްއެޅޭ"
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން
މީޑިއާ ކައުންސިލުން އިންސާފުވެރި ވާން ޖެހޭ: އިދިކޮޅު
ބްރޯޑްކޮމް އަށް ބޮޑު ބަޖެޓް، ކައުންސިލްގެ ހާލަތު ދަށް
މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަށް ދިރުމެއް ނާންނާނެ
ނަޝީދަށް އަލިމަސް ގަލަން ނުދިނުމުން ފާޑުކިޔުން