Roadha Mihaaru
ނީނާ މި ހިނގަނީ އަދަމުންދާ "އަލިފާނު"ގައި

ނީނާ މި ހިނގަނީ އަދަމުންދާ "އަލިފާނު"ގައި

03 ޖުލައި 2023

ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ދިވެހި ފިލްމު "ނީނާ"ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ "އަލިފާން" އިއްޔެ ނެރެފި އެވެ.

ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ދިވެހި ފިލްމު "ނީނާ"ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ "އަލިފާން" އިއްޔެ ނެރެފި އެވެ.

މިއުޒިކް ކޮމްޕޯސަރު މިސްޓީ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވަ ކިޔާފައި ވަނީ "ޖޯޑެއްގެ ސާފު ލޯބި" ލަވައިން ގިނަ ބަޔަކަށް އެނގޭ ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ) އެވެ.

ރެޕް ސްޓައިލްގެ މި ލަވައިގެ މަންޒަރުތަކުން އަންޔާއާއެކު ފިލްމުގައި ލީޑު ރޯލު ކުޅޭ ނުޒުހަތު ޝުއައިބު (ނުޒޫ) ވެސް ފެނެ އެވެ.

ލަވައިގެ މެލޮޑީ އަދި ލިރިކްސް ތައްޔާރުކުރީ "ނީނާ"ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އެވެ. އިބްރާހިމް ވިޝާން (ކަނޑި)ގެ ސިނަމަޓޯގްރާފީ ފެންނަ މި ލަވަ ޑައިރެކްޓްކުރީ ވެސް އިއްލެ އެވެ.

ހެއާ އެންޑް މޭކަޕްގެ މަސައްކަތްކުރީ ރުތުބާ އަހްމަދު އަދި އަމާނީ އަހްމަދެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރީ އޯކޭޒް އިންކްގެ ފަރާތުން އަހްމަދު އަމީދު އަދި ސާމީ އެވެ. އަދި މި ލަވައަށް ބޭނުންވާ އެހެނިހެން ޓެކްނިކަލް އެސިސްޓެންސް ދިނީ އިސްމާއިލް މުނައްވަރު، އަހްމަދު ޒިފާފް އަދި އަބްދުﷲ ހުސެއިނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ހިމެނޭ "ނީނާ" އޮލިމްޕަހުގައި ޕްރިމިއާކުރަނީ އަންނަ މަހު 6 ގަ އެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ހިތްވަރުގަދަ އަންހެނެއް ކަމަށްވާ ނީނާގެ ހަޔާތަށެވެ. މީގެ ތިން އަހަރުކުރިން، 2020 ގައި ޕްރޮޑަކްޝަން ފެށި މި ފިލްމަށް 600،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑައިރެކްޓަރު އިއްލެ ބުންޏެވެ.

މިއީ މި ފިލްމު އުފައްދާ ޕްރޮޑަކްޝަން ހައުސް "އައިފިލްމްސް" އިން ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. އެ ޕްރޮޑަކްޝަން ހައުސިން އިން އެންމެ ފުރަތަމަ 2019 ވަނަ އަހަރު ނެރުނު "ބަވަތި" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެހެންވެ މި ފިލްމަށް ކުރެވޭ އުއްމީދު ވަރަށް ބޮޑެވެ.