Roadha Mihaaru
"ފަރީ" ގެ ޑިޖިޓަލް ޕްރިމިއާ މިއަދު

"ފަރީ" ގެ ޑިޖިޓަލް ޕްރިމިއާ މިއަދު

29 މާޗް 2021

މި އަހަރު ބަލައިލަން ލިބޭ ފުރަތަމަ އާ ދިވެހި ފިލްމު "ފަރީ" މިއަދު ބައިސްކޯފުން މިރޭ ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ބަލައިލަން ލިބޭ ފުރަތަމަ އާ ދިވެހި ފިލްމު "ފަރީ" މިއަދު ބައިސްކޯފުން މިރޭ ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އޮލިމްޕަސް ސިނަމާ އަށް ގެންނަން އުޅުނު ފިލްމެކެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އެކަން ނުވެ، ފިލްމު ގެނެސްނުދެވި ދިގުލައިގެން ގޮސްފައި ވަނިކޮށް ބައިސްކޯފުން "ފަރީ" ސްޓްރީމްކުރަން ނިންމިކަން އިއުލާންކުރީ މި މަހުގެ 8 ގަ އެވެ. އޭގެ ފަހުން ވަރަށް ގިނަ ބަޔަކު ފިލްމަށް އިންތިޒާރުކޮށް، އެ ބަލައިލަން ކެތްމަދުވެފައިވާ ކަމަށް ބުނެ ޓްވީޓް ވެސް ކޮށްފައިވެ އެވެ.

"ފަރީ" އަކީ އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ޑްރާމާ ފިލްމެކެވެ. މީގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ އުންމީދީ އެއް ބަތަލާ ކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގާއި ފައުޒިއްޔާ ހަސަނާއި އަހުމަދު އީސަ (އާނަންދު) އާއި "ބޮސް" ކުޅުނު މުހައްމަދު ޔުނާންގެ އިތުރުން "ގޮށްރާޅު" އިން ތައާރަފުވި ތަސްނީމާ ހިމެނެ އެވެ.

"ފަރީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި އަހަރު ޑިޖިޓަލް ޕްރިމިއާއަކަށް ދާން ނިންމި އަނެއް ފިލްމަކީ އެއް ކާފުގެ ޕޮލިޓިކަލް ތުރިލާ "މަރްޔަމް" އެވެ. އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ ފިލްމު އެހެން ޕްލެޓްފޯމަކުން ޕްރިމިއާކުރާނީ އަންނަ މަހުގެ 8 ގަ އެވެ. "މަރްޔަމް" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ މަރިޔަމް މަޖުދާ (މަޖޫ) އެވެ.