Roadha Mihaaru
ކޮރަޕްޝަންގެ ފައިސާ ޗަމްޕާ ބްރަދާސްއަށް ނުލިބޭ: އޭސީސީ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޗަމްޕާ ބްރަދާސް އަށް ނުލިބޭ ކަމަށް އޭސީސީން ނިންމައިފި

02 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޑެޓަށް ނުލިބޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޑެޓަށް ނުލިބޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ނިންމައިފި އެވެ.

އެ ހިޔާނާތުގައި ޗަމްޕާ ބްރަދާސް އިން ބައިވެރިވި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު މިއަދު ނިންމި ނިންމުމުގައި ބުނި ގޮތުގައި، މި މައްސަލާގައި އެ ކުންފުނިން ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ކުށެއްގައި ބައިވެރިވި ކަން ސާބިތުވާ މިންވަރަށް އެއްވެސް ހެއްކެއް އަދި ގާރީނާއެއް ވެސް ފެނިފައެއް ނުވެ އެވެ.

"... މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީ އެވެ،" ތަހުގީގުގެ ނިންމުމުގައި ބުނެފައިވެ އެވެ.

މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ ހުސެއިން އަފީފް އާއި މުހައްމަދު މޫސަ (އުއްޗު)ގެ ކުންފުންޏަށް ތުހުމަތުކުރީ، 2014-2015 އަހަރު އެމްއެމްޕީއާރުސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ހިޔާނަތްތެރިވެ، އެ ފައިސާ ބަހައިގެން ލިބުނު ފަރާތްތަކުގެ ތެރޭގައި އެ ކުންފުނިން ވެސް ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އިތުރު ވަރަށް ގިނަ މައްސަލަ އަދިވެސް އޭސީސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި މިފަހުން ވަނީ ގޮތެއް ނިންމައިފަ އެވެ. އަދި ބައެއް މައްސަލަތަކުގައި މީހުންނަށް ދައުވާކުރަން ވެސް ފޮނުވާފައިވެ އެވެ.

އެމްއެމްޕީއާރުސީން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލާގައި މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވެސް ތަހުގީގަށް ފަހު އެސީސީން ކުރިން އެކުލަވާލާފައިވެ އެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަގަމުގައި ތިބި މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެކި މީސްމީހުންނަށް ދީފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް މެދުވެރިކޮށެވެ.