Roadha Mihaaru

މިނާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި

ހައްޖަށް ދިޔަ ދިވެއްސެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިނާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 ޖޫން 2023

ހައްޖަށް ދިޔަ ދިވެއްސެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އަލް ހަރަމައިން ގްރޫޕްގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް، މީގެ ތިން ދުވަސް ކުރިން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަނީ މުހައްމަދު ނަސީމް އަލީ ނަމަކަށް ކިޔާ ރ. މާކުރަތު މީހެކެވެ.

އޭނާގެ ދޮށީ އަންހެނުން އަމީނާ އިބްރާހިމް "މިހާރު" އަށް ބުނީ ނަސީމް، 72، ގެއްލިގެން އުޅޭކަން އެނގުނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ މިނާގައި ހުރެފައި އަރަފާތަށް ދިއުމަށް ބަހަށް އަރަން ހާޒިރީ ކީއިރު ނެތުމުންނެވެ. އޭގެ ފަހުން ނަސީމްގެ ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

އަމީނާ ބުނީ، ނަސީމަކީ ނަފްސާނީ މައްސަލަ ހުންނާތީ އެކަމަށް ބޭސް ވެސް ކާ މީހެކެވެ. ނަމަވެސް، މި ފަހަރު ހައްޖަށް ދިޔައިރު ބޭސް ގެންދިޔަ ކަމެއް ސާފެއް ނުވެ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޖަށް ގޮސްފައިވާ ނަސީމް މި ފަހަރު އެ އަޅުކަމަށް ދިޔައީ އޭނާގެ ދޮށީ އަނބިމީހާއާ އެކުގަ އެވެ.

"ނަސީމް ސިކުނޑި ހަމަނުޖެހޭތީ އޭނާގެ އަތުގައި މިހާރު ނޯންނާނެ ފޯނެއް ވެސް. ނަފްސާނީ މައްސަލައަށް ބޭސްކާތާ ވެސް އަށް މަސް ވެއްޖެ." އަމީނާ ބުންޏެވެ.

ސައުދީގައި ތިބި ރާއްޖޭގެ އޮފިޝަލުންނާ ހަވާލާދީ އާއިލާއިން ބުނީ، ނަސީމް ހޯދުމަށް މިނާގެ އެކި ތަންތަން ދަނީ ބަލަމުންނެވެ. ނަމަވެސް، އޭނަ އަދި ނުފެންނަ ކަމަށް ބުންޏެވެ.