Roadha Mihaaru

ހައްޖުވެރިން ބަލައި ގިނަ މީހުން ނުދިއުމަށާއި އެއްވުންތައް ނުބާއްވަން އެދެފި

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ރޭ އިލްތިމާސްކޮށްފި އެވެ.

ހައްޖުވެރިން ބަލައި ވީހާވެސް މަދުން މީހުން ދާން އެދެފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

11 ޖޫން 2025

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ރޭ އިލްތިމާސްކޮށްފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީ ހައްޖުގެ އަޅުކަމަށް ފަހު މީހުން އަނބުރާ އަންނައިރު، ތޮއްޖެހުން ކުޑަކޮށް، ރޯގާތައް ފެތުރުން ކުޑަކުރުމަށް މަދުން މީހުން ދިއުމަށް އެދިވަޑައިގެންފަ އެވެ.

ހައްޖުގެ އަޅުކަމަށް މި އަހަރު ރާއްޖެއިން 1،000 މީހުން ދިޔަ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ހައްޖާޖީން ރާއްޖެ އަންނަން ފަށާނެ އެވެ.

ހަމްޒަތު ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަން ނިންމުމަށް ފަހު މީހުން އަނބުރާ ރާއްޖެ އަންނަ ދުވަސްވަރާއި ވިއްސާރަ މޫސުމުގައި މަދިރި ގިނަވާތީ ރޯގާތައް އިތުރުވާ ކަމަށެވެ. އެއީ ޖޫން، ޖުލައި، އޮގަސްޓު އަދި ޑިސެމްބަރާއި ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މި އަހަރު އެ ޓްރެންޑުގައި ބަދަލުތަކެއް އުޅެނީ، ހަމްޒަތު ވިދާޅުވި ގޮތުގައި، ބަންދުތައް ގިނަވެ، ދަތުރުކުރުން ގިނަވުމުން ކަމަށް ވެދާނެ ކަމަށެވެ. އެއާއެކު، އެކެއްގެ ފަރާތުން އަނެކަކަށް ރޯގާ ޖެހި، ބަލި ފެތުރިގެންދެ އެވެ.

އެހެންވެ، ހައްޖުވެރިން ބަލައި އެއާޕޯޓަށް ދާ ނަމަ މާސްކު އަޅައިގެން ދިއުމާއި ހައްޖުވެރިން އަންނައިރު ރޯގާގެ އަލާމާތެއް ހުރި ނަމަ މާސްކު އަޅަން ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އޭގެ އިތުރުން ހައްޖުން އަނބުރާ އަންނަތާ 14 ދުވަސްތެރޭގައި، ރޯގާއެއް ހުރި ނަމަ ޑޮކްޓަރަށް ދައްކައި ދަތުރުގެ ހިސްޓްރީ ކިޔައިދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ ހައްޖުވެރިން އަންނައިރު އެއާޕޯޓު ފުރެންދެން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ތިބޭ އެއާޕޯޓުގައި ތިބޭ ކަމަށެވެ.

އެކަމަކު، ގިނަ މީހުން ބަލި ޖައްސަން އެއާޕޯޓުގައި ތިބުމަށްވުރެ މަދު ބަޔަކު ދިއުން ވަރަށް މުހިއްމުކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވަނީ ހައްޖުވެރިން އެނބުރި އައުމަށް ފަހު، ބޮޑެތި އެއްވުންތައް ދެ ހަފުތާ ވަންދެން ނުބޭއްވުމަށް އިލްތިމާސްކުރައްވައިފަ އެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވި އެވެ.

ރޯގާގެ އަލާމާތެއް ހުރިހަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފުރަތަމަ ވެސް ގޭގައި ޕެނެޑޯލް ކައިގެން ހުން ތިރިވޭތޯ ބެލުމަށް އިޔާޒު ލަފާދެއްވި އެވެ. އަދި ހޮސްޕިޓަލަށް ދާނީ، އޭނާ ވިދާޅުވި ގޮތުގައި ގޭގައި ކުދިން ނުބެލޭ ވަރަށް ހުން ގޯސް ކަމަށް ގަބޫލުކުރެވޭނަމަ އެވެ. އެ ހާލަތުގައި ވީހާ ވެސް އަވަހަށް ފަރުވާ ހޯދަން ވަނީ އެދިފަ އެވެ.