Roadha Mihaaru
"ބިންވެރިޔާ" އަށް ލިބޭނީ ކަނޑުން ދަމާލާ ރޮނގެއްބާ؟

"ބިންވެރިޔާ" އަށް ލިބޭނީ ކަނޑުން ދަމާލާ ރޮނގެއްބާ؟

03 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެމަނިކުފާނު ހުށަހެޅުއްވި އެއް ހައްލަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން 18 އަހަރުން މަތީގެ އެންމެންނަށް ގޯތި ދިނުމެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެމަނިކުފާނު ހުށަހެޅުއްވި އެއް ހައްލަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން 18 އަހަރުން މަތީގެ އެންމެންނަށް ގޯތި ދިނުމެވެ.

އެ ވައުދާ އެކު، ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަށް ވެފައި އޮއްވައި ގިނަ ބަޔަކަށް ފުށިދިއްގަރު ފަޅުން ގޯތި ލިބުނު ކަމުގެ ލިޔުންތައް ބެހި އެވެ. އަދި އަޅަން ނުފަށާ ހުރި ފްލެޓްތަކެއް ލިބުނު ކަމުގެ ލިޔުން ވެސް ހަވާލު ކުރި އެވެ.

އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވެރިކަމާ ހަވާލުވީ އެ ނޫން ގޮތެއް ހޯދައިދޭނެ ކަމުގެ ވައުދާ އެކު އެވެ.

އިންތިހާބު ކައިރިވެފައި ވަނިކޮށް ފްލެޓާއި ގޯތި ދޭނެ ކަމުގެ ވައުދު ވަނީ ނުފޫޒު ފޯރުވަން ކަމަށާއި އެއީ "ދައްކާ ދަޅައެއް" ކަމަށާއި "ހުވަފެނެއް" ކަމަށް އެ ޕާޓީން ބުނަމުން އައެވެ. ވުޖޫދުގައި ނެތް ފްލެޓުތައް ބަހާލާ ކަމަށް ބުނެ އެ ސިޔާސަތުތަަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ވަނީ މާލެ ރައްޔިތުން ބިންވެރި ކުރަން "ބިންވެރިޔާ" ގެ ނަމުގައި މަޝްރޫއެއް ފަށައި 6000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމައިފަ އެވެ.

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ޝަކުވާ އާއި ސުވާލު ފުރިބާރުވެފައިވާ ބޮޑު ލިސްޓެއް ނެރެފައިވާ އިރު އޭގައި ހިމެނޭ ޝަރުތު ހަމަވާ 9000 އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ރައީސް ނިންމާފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ގޯތި ލިބޭ ލިސްޓެއް ނެރުން ފިޔަވައި އެހެން މާ ގިނަ ވާހަކަތަކެއް ސަރުކާރުން ތިލަ ނުކުރާތީ ގިނަ ބައެއްގެ ޝަކުވާ އެބައޮތެވެ. ގިނަ ގޯތިތަކެއް ކަނޑައަޅާ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ފެށިތާ ގިނަ ދުވަސްތަކެއް ނުވާއިރު މިއީ އަނެއްކާވެސް ކަނޑުގައި އަޅާލާ ރޮނގެއް ނޫންތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ނޫނީ ރަނގަޅަށް ގޯތި ނުދެވި އުޅެނިކޮށް ވެރިކަން ބަދަލުވެ ބިންވެރިން އަތަށް އަރާނީ ބުރަދަނެއް ނެތް ލިޔުމެއްތޯ ސުވާލު އުފައްދާލައި، މައްސަލައިގެ ފުނަށް ފީނާލަން ޖެހެ އެވެ!

67 ދުވަސް؛ ފަޅުތައް ހިއްކައި ގޯތި ކެނޑޭނެ؟

ގުޅިފަޅުގައި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރީ އިއްޔެ އެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާތާ ދުވަސްކޮޅެއް ވެފައިވާ އިރު އެ ތަންތަން ނިމެން ކިހާ ދުވަހެއް ނަގާނެތޯ ބަލަން ޖެހެ އެވެ.

އެތަން ތަން ހިއްކައި، މީހުންނަށް ގޯތީގެ އިިން ވަކިކޮށް، އޮގަސްޓު މަހުގެ ތެރޭގައި ދޭނެ ކަމަށް ރައީސް އިއްޔެ ވިދާޅުވި އިރު ސެޕްޓެމްބަރު 9 އަށް ނުވަތަ ވޯޓާ ހަމައަށް ބާކީ އޮތް 67 ދުވަސް ތެރޭގައި އެކަން ކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.

އެކަމާ ގުޅޭ ގޮތުން އެ ދާއިރާގެ ތަޖުރިބާކާރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ގުޅިފަޅަކީ ސަރުކާރުން އާންމުކޮށް ހިއްކާ ފަޅުތަކަށް ވުރެ ފުން ފަޅެކެވެ. އާންމު ގޮތެއްގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ހިއްކަން ޖެހޭނީ ދެ މީޓަރެއް ނުވަތަ އެއް މީޓަރު ފުން މިނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގުޅިފަޅުގެ ފުންމިނުގައި 20 މީޓަރު ހުންނަ ކަމަށާއި އެއީ ވަރަށް ގިނަ ދުވަހުގެ އަދި ވަރަށް ގިނަ ވެލި އަޅައިގެން ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ 150 ހެކްޓަރޭ ވިދާޅުވިޔަސް ފުންމިނަށް ބަލާއިރު އެ ގާތްގަނޑަކަށް ފަސް ގުނަ ވޮލިއުމް ދާނެ އާންމުކޮށް ހިއްކާ ތަންތަނަށް ވުރެ. އެހެންވެ އެންމެ އަވަސް ވެގެން ދެ މަސް ދުވަސް ވަރު ނަގާނެ ހިއްކަން،" ނަން ނުޖަހަން ޝަރުތުކޮށް މިހާރު އާ ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

އެ މަސައްކަތް އެންމެ އަވަހަށް ވެސް ކުރެވޭނެ ގޮތެއް ކަމަށް އޭނާ އަށް ގަބޫލު ކުރެއްވެނީ ދެ ޑްރެޖަރު އެއްފަހަރާ ބޭނުން ކުރުމެވެ. ބިން ހިއްކަން ހަވާލު ކޮށްފައިވާ ބޮސްކާލިސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ކުންފުންޏެއް ކަމަށާއި އޭގެ ދެ ޑްރެޖަރު ރާއްޖެ ގެނެސް ބޭނުން ކުރަން ފަށައިފި ނަމަ ސްޕީޑް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ވިޔަސް ވަރަށް އަންލައިކްލީ މިހާ ބޮޑު ތަނެއް މަހެއް ހާ ދުވަހުން ނިންމާލަން." އޭނާ ވިދާޅުވި އެވެ.

ވަރަށް އަންލައިކްލީ މިހާ ބޮޑު ތަނެއް މަހެއް ހާ ދުވަހުން ނިންމާލަން -- ތަޖުރިބާކާރެއް

އޭނާ ވިދާޅުވި ގޮތުގައި ގިރާވަރުފަޅު ހިއްކަން ފަށާފައިވާ އިރު އެތަން މަހެއްހާ ދުވަސް ތެރޭ ހިއްކާ ނިންމާލެވޭނެ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން ފަޅެއް ހިއްކައިގެން ގޯތި ދޭން ނިންމާފައިވާ އިރު އެތަނަކީ ވެސް އާންމުކޮށް ހުންނަ ފަޅުތަކަށް ވުރެ ދެތިން މީޓަރު ފުން ފަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން ގޯތި ހިއްކާފައި ދިނުން ނާދިރު ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރާ އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ.

އެއް ކަމަކީ ބިން ހިއްކުމަށް ފަހު ފަސްގަނޑު ހިކި ވަރުގަދަ ވާން ނަގާ މުއްދަތެވެ. އަދި އެއްގަމާއި ކަނޑުތޮށި ލުމަކީ ވެސް ހުސް މަސައްކަތެވެ.

މާހިރުން ލަފާ ކުރާ ގޮތުގައި ބިން ހިއްކާ ނިމިެގެން މަދުވެގެން 4-6 ހަފްތާ ދޭން ޖެހޭނެ އެވެ. އަދި އެއަށް ފަހު ފަސްގަނޑުގައި ބޮޑެތި މޫތައް އުފެދޭ ފަދަ ގަސްތައް ޖަހައި ބިން ވަރުގަދަ ކުރަން ޖެހެ އެވެ. އެ ނޫނީ ރޮނގެއް ދަމާލައި ގޯތި ކެނޑިޔަސް އެ ތަންތަނުގައި އިމާރާތް ކުރުމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގޯތިތައް ދޭއިރު މަގު ހެދުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ދެކެ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގުތައް ހަދާފައި އޮތަސް ގިނަ ގޯތި އަލަށް ހިއްކާ ބިންތަކުން ދޭތީ ވަރަށް ޕްލޭން ކޮށްގެން ރައްޔިތުންނަށް ފަސޭހާ ވާނެ އިންތިޒާމްތައް ހަމަނުޖައްސައި ދިނުން ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވަރަށް ގޯތި އެބައޮތްތަ؟ ލިބެނީ ކޮންތަނަކުން؟

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރައްވަމުން ރައީސް އިއްޔެ ދެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި ސަރުކާރުގެ އަމާޒަކީ ހުޅުމާލެއިން 2200 ގޯތި ދޫކުރުމެވެ. އަދި ގުޅިފަޅުން 2000 ގޯއްޗާއި ގިރާވަރު ފަޅުން ވެސް 2000 ގޯތި ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަކިވަކި ގޯތިތައް ކަނޑައަޅާފައި ހުރި ތަންތަނާއި ދޭން ނިންމާ ގޮތުގެ މާ ބޮޑު ތަފްސީލެއް ސަރުކާރުން ހާމަ ނުކުރިޔަސް މީގެ ފުނަށް ފީނާލުމުން ފެންނަން އޮތީ މުޅިން އެހެން މަންޒަރެކެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އިފްތިހާހު ކުރުމުގެ ހަފްލާގައި ރައީސް އާއި ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުން--ފޮޓޯ: ރައީސް އޮފީސް

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އިފްތިހާހު ކުރުމުގެ ހަފްލާގައި ރައީސް އާއި ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުން--ފޮޓޯ: ރައީސް އޮފީސް

އާބަންކޯ އިން ހަދާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޭޑް ޔޫޒް ޕްލޭންގައިވާ ގޮތުން ހުޅުމާޅޭގައި ބާކީ ހުރި ބިންތަކުގެ ތެރެއިން "ޕިއޯ ރެޒިޑެންޝިއަލް" ގެ ގޮތުގައި 1000 ގޯތި ދެވޭނެ ޖާގަ އެބައޮތެވެ. އެހެން ނަމަވެސް އެ އަދަދު ހަމަވަނީ ސަރުކާރުން ގޯތި ދޭ އެންމެ ކުޑަ އަކަފޫޓު ކަމަށްވާ އާއިލާއަކަށް 1250 ގެ ރޭޓުން ބަހައިފި ނަމަ އެވެ.

ނަމަވެސް ގިނަ ބަޔަކު ގުޅިގެން ހުށަހަޅާ އެޕްލިކޭޝަންތަކަށް ސަރުކާރުން އިސްކަން ދޭތީ އެ ތަންތަނުން 2000-3000 އަކަފޫޓުގެ ގޯތި ދިނުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން މިހާރު ހިއްކާފައި ހުރި ބިމުން ސަރުކާރަށް ދެވެން އޮތީ 700 އެއްހާ ގޯތި ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލެއިން ބާކީ 1200 އަށް ވުރެ ގިނަ ގޯތި ދޭން ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގައި ކްރޫޒްލައިން ޓާމިނަލް އަޅާ ސަރަހައްދު ހިއްކައިގެންނެވެ. އެ ސަރަހައްދު އެކީ ހާއްސަ ކުރަން ސަރުކާރުން ގަސްތު ކުރަނީ މާލެ މީހުންނަށް ދޭ ގޯއްޗަށެވެ.

ހިއްކާ ބިމުގެ ކުރެހުންތައް ވެސް ކުރަހާފައި ވަނީ އިގްތިސާދީ މަސައްކަތްތައް މަދުކޮށް ވީހާ ވެސް ގިނަ ގޯތިތައް ކަނޑައެޅޭ ގޮތަށް ކަން ކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން "މިހާރު" އަށް ވިދާޅުވި އެވެ. އަދި ސިނާއީ ސަރަހައްދާއި ހުޅުމާލޭގެ ހުސްކޮށް އޮތް ހުރިހާ ސަރަހައްދެއް ހިމަނައިގެން 2200 ހަމަ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް އިތުރު 4000 ގޯއްޗާއެކު ޖުމްލަ 6200 އެއްހާ ގޯތި ސަރުކާޜުން ދޭން ނިންމާފައިވާ އިރު މި ހުރިހާ ކަމެއް ނިމިގެން މި އަންނަ ގޮތުން ރައްޔިތުންނަށް މުހިންމީ އެންމެ ސުވާލެކެވެ.

ހުޅުމާލޭގައި މިހާރު ވެސް އެވެއިލަބަލް ކޮށް ހުރި ހުސް ބިންތައް ބަހާލަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ގޯތި ލިބޭނީ އެތަނުންތޯ ނުވަތަ އަވަހަށް ނިމޭނެ ކަމަށް ލަފާ ނުކުރެވޭ ގުޅިފަޅާއި ގިރާވަރުންތޯ މީހުން އެނގެން ބޭނުންވެ އެވެ.

"ބިމުގެ އަގާއި ޑިމާންޑަށް ބަލާއިރު އެންމެ މުހިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ބިންތައް. އެ ތަންތަން ބަހަން ޖެހޭނީ ދެ ފުށް ފެންނަ އުސޫލަކުން. ގޯތި ބަހައިލި ގޮތަށް އެކަން ކޮށްފި ނަމަ ވަރަށް ގޯސްވާނެ،" މި މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކެވި ސަރުކާރުގެ ކުރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެއް ބަޔަކަށް ގޯތި ދިނުން އީދަކަށް ވި ނަމަވެސް މާލޭގެ އަގު ބޮޑު ގޯތިތަކެއް ހިލޭ ބަހައިލުމުން ޝަކުވާ ކުރާ ފަރާތްތަތައް ވެސް މަަދެއް ނޫނެވެ. މީގެ އިތުރުން ވެރިކަން ބަދަލުވުމުގެ ކުރިން ސަރުކާރުން މި އުންމީދު ކުރާ ސްޕީޑް މި ފަހު ދެ މަސް ތެރޭގައި ނުގެނެވިއްޖެ ނަމަ ގޯތީގެ ބަދަލުގައި އަނެއްކާވެސް ލިބޭނީ ލިޔުމެއްތޯ ވެސް މީހުން ސުވާލު އުފައްދަ އެވެ.