Roadha Mihaaru
ޕީޕީއެމާއި ޑިމޮކްރެޓްސް މަސައްކަތްފެށީ ރައީސް ބަލިކުރަން

ޕީޕީއެމާއި ޑިމޮކްރެޓްސް އިން އެކުގައި މަސައްކަތް ފެށީ ރައީސް ބަލިކުރަން

25 ޖޫން 2023

އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އިން އެކުގައި ސިޔާސީ މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަލިކޮށް، ސަރުކާރު ނިމުމަކަށް ގެނައުމަށް ކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އިން އެކުގައި ސިޔާސީ މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަލިކޮށް، ސަރުކާރު ނިމުމަކަށް ގެނައުމަށް ކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އިން ބޭއްވި ބައްދަލުވުމަކަށް ފަހު އެ ޕާޓީތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގަތް މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް އާޒިމް ވިދާޅުވީ އެ ބައްދަލުވުމަކީ މި ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ހޯދައި އެ މަސައްކަތްކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ފެށުމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ފަށާފައި ވަނީ ދައުލަތުގެ ދަރަނި އަތު ނުޖެހޭ ހިސާބަށް ގޮސްފައިވުމާއި މިނިވަން މުވައްސަސާތައް ސަރުކާރުގެ މުށުތެރޭގައި ތާށިކޮށްގެން ގެންގުޅުން ފަދަ ދެ ޕާޓީން ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އެ ބައްދަލުވުންތަކުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އަދި ޕީޕީއެމާއި ޕީއެންސީން ބައިވެރިވެވަޑައިގަންނަވާނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން މުހައްމަދު ހުސެއިން ޝަރީފެވެ.

މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް އިދިކޮޅާ އެކު ދަ ޑިމޮކްރެޓްސް އިން ފެށިއިރު ދެ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރައްވާނެކަން އިއުލާންކޮށްފަ އެވެ. އެހެންވެ ދެ ޕާޓީން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެފާނެތޯ ކުރެވުނު ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި އާޒިމް ވިދާޅުވީ ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވަން ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެން މި ސަރުކާރު ބަލިކުރަން، ނިންމަން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ފަރާތުން ކުރާނަން،" އިންތިހާބުގައި ދެ ޕާޓީން ގުޅިގެން ކެންޑިޑޭޓަކު ނެރެފާނެތޯ ދެވަނަ ފަހަރަށް ސުވާލުކުރުމުން އާޒިމް ވިދާޅުވި އެވެ.

ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.

ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.

އިންތިހާބަށް ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ބާކީ އޮތްއިރު، އިދިިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވިއިރު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވެންޖެހޭ ކަމަށް ގަބޫލުކުރެއްވޭތޯ ސުވާލުކުރެއްވުމުން ވެސް އާޒިމް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ހަމައެކަނި ޔާމީން ޖަލަށް ލާފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އިންސާފުވެރި އިންތިހާބެއް ބާއްވާ ނަމަ، ހުރިހާ ލީޑަރުންނަށް ވެސް ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ.

"ފެއާ އިލެކްޝަނެއް ބާއްވާކަމުގައިވާ ނަމަ އެބަޖެހޭ ހުރިހާ ސިޔާސީ ލީޑަރުންނަށް އެ ފުރުސަތު ދޭން. އެހެންވީމަ އަޅުގަނޑުމެންގެ ސްޓޭންޑް ވަރަށް ސާފު،" އާޒިމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ދެ ޕާޓީން ގުޅިގެން މަސައްކަތްކުރާއިރު ބައްދަލުވުންތަކުގައި ނިންމާނީ ދެ ޕާޓީން ވެސް އެއްބަސްވާ ކަންކަން ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ފަށާފައި ވަނީ މި ސަރުކާރު ނިމުމަކަށް ގެނައުމުގެ މަސައްކަތް ކަމަށާއި އެއީ ދެ ޕާޓީން ވެސް އެއްބަސްވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އިލެކްޝަން ކޮމިޝަނުން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމުގެ މަސައްކަތް ލަސްކުރުމަކީ ވެސް ކަންބޮޑުވާ ކަމެކެވެ. އެއީ ކުރިއަށް އޮތް އިންތިހާބަކީ ވެސް ދެ ފުށް ފެންނަ އިންތިހާބަކަށް ނުވެދާނެ ކަމުގެ ސިގްނަލެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ، އެކަހަލަ ކަންކަމުގައި ވެސް ދެ ޕާޓީއަށް އެކުގައި މަސައްކަތް ކުރެވިދާނެ ކަމަަށާއި އެކަމަކު ފުރަތަމަ ކަމަކީ މި ސަރުކާރު ނިމުމަކަށް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތްތަކާ މެދު ގޮތްތައް ނިންމުމަށް ކޮންމެ ހަފްތާއަކު ތިން ބައްދަލުވުން އެ ޕާޓީތަކުގެ މެދުގައި ބާއްވަން ނިންމާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރެއިން އުފެދުނު ދެ ފެކްޝަނުގެ ކޯޅުންގަނޑު ބޮޑުވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެެއް އުފައްދައިގެން މަސައްކަތްކުރަމުން އަންނައިރު ކުރިން އާޒިމް ވެސް ވަނީ، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ޔާމީން މިނިވަންކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.