Roadha Mihaaru
ޔާމީން/ރިލްވާންގެ މަރު: ދައުވާލިބޭ މީހަކު ދޫކޮށްލައިފި

ޔާމީނާއި ރިލްވާންގެ މަރުގެ މައްސަލާގައި ހިމެނޭ އެކަކު ދޫކޮށްލައިފި

22 ޖޫން 2023

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރޭގައި ހިމެނޭ އަހްމަދު އިސްމާއިލް (އަހަނދު) ބަންދުން ދޫކޮށްލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރޭގައި ހިމެނޭ އަހްމަދު އިސްމާއިލް (އަހަނދު) ބަންދުން ދޫކޮށްލައިފި އެވެ.

ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ސިއްރުން ކުރިއަށް ގެންދާ މި ޝަރީއަތްތަކުގައި ކޯޓުން އިއްޔެ އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އަހުމަދު އިސްމާއިލް ބަންދުން ދޫކޮށްލީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭނާގެ އިތުރުން ދައުލަތުން ވަނީ މި މައްސަލާގައި މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި ދަފްތަރު އާރްއެސް 8499، އަހްމަދު މުއާޒު (ގަޓު މުއާ)ގެ މައްޗަށް ވެސް ދައުވާ އުފުލައިފަ އެވެ. އެ ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

އިސްމާއިލް އަބްދުލްރަހީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އުފުލާފައިވާއިރު، މުއާޒުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެކެވެ.

ދައުލަތުން ބުނާ ގޮތުގައި އަހުމަދު އިސްމާއިލް އަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. އަދި ޔާމީން އާއި ރިލްވާންއަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އިސްމާއިލް އަބްދުއްރަހީމް އެހީތެރިވެދީފައިވާ ކަމަށް ބުނެ އެވެ. އޭގެ އިތުރުން، ދައުލަތުން ބުނެފައިވާ ގޮތުގައި މުއާޒަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރި މީހެއް ކަމަށް ބުނެ އެވެ. އެ ތިން މީހުންގެ މައްސަލައަކީ ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވި ފުރަތަމަ މައްސަލަ އެވެ.