Roadha Mihaaru
އިސޫ އާއި މުއާގެ މައްސަލަ ވެސް ބޭރު، ޓެގް ނައްޓައިފި

އިސޫ އާއި މުއާގެ މައްސަލަ ވެސް ބޭރު، ޓެގް ނައްޓަން އަމުރުކޮށްފި

22 ނޮވެމްބަރ 2023

ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) އަަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) އަަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

މިގޮތަށް ނިންމުމާ އެކު މިހާރު ވަނީ، އެ މީހުން ބަންދުން ދޫކޮށްލި އިރު ފައިގައި އެޅުވި "މޮނިކޮން" ޓެގް ނައްޓާލުމަށް އަމުރުކޮށްފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައްސަލަ އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާލައިފަ އެވެ.

މީގެކުރިން މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ އަހްމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ކުރާ ދައުވާ ވެސް ކުރިއަަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު އަހަނދުގެ ޓެގް ނެއްޓުމަށް ވެސް އަމުރުކުރި އެވެ.

ބޮޑު ދެ މަރުގެ ތުހުމަތުވާ އިސޫ އާއި މުއާ ވެސް ޝަރީއަތް ކުރިއަށް ދަނިކޮށް ބަންދުން ދޫކޮށްލީ ފައިގައި ޓެގް އަޅުވައިފަ އެވެ. ޓެގް އަޅުވައިގެން މޮނިޓަކުރުމަށް އެ ދެ މީހުންގެ މައްޗަށް ނެރުނު އަމުރު ވެސް އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.

މި ނިންމުމާ އެކު، މިދިޔަ ސަރުކާރުގައި އުފެއްދި މަރުތައް ބަލާ ކޮމިޝަނުން ދައުވާ ކުރަން ނިންމި ތިން މީހުން ވެސް މިނިވަންވީ އެވެ.

ރިލްވާނާއި ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. މީގެ ކުރިން މުހައްމަދު ނޫރައްދީން އަދި އަހުމަދު އާލިފް ރައޫފަށް ވެސް ދައުވާކުރި އެވެ. ނަމަވެސް، އެމީހުންގެ މައްޗަށް ވެސް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.