Roadha Mihaaru
ހުޅުމާލެ 2ގެ ފުރަތަމަ އޭޓީއެމް އެމްއައިބީން ހުޅުވައިފި

އެމްއައިބީގެ އޭޓީއެމް ހުޅުމާލެ 2 އަށް؛ އެހެން ބޭންކުތަކުގެ ކާޑުން އިތުރު ފީއަކާނުލައި ފައިސާ ނެގޭނެ

20 ޖޫން 2023

އެހެން ބޭންކުތަކުގެ ކާޑުން އިތުރު ފީއަކާނުލައި ފައިސާ ނެގޭ ގޮތް ހަމަޖައްސައި، ހުޅުމާލެ 2 ގައި އެމްއައިބީގެ އޭޓީއެމްއެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެހެން ބޭންކުތަކުގެ ކާޑުން އިތުރު ފީއަކާނުލައި ފައިސާ ނެގޭ ގޮތް ހަމަޖައްސައި، ހުޅުމާލެ 2 ގައި އެމްއައިބީގެ އޭޓީއެމްއެއް ހުޅުވައިފި އެވެ.

މިއީ ހުޅުމާލެ ފޭސް 2 ގައި ހުޅުވި އެ ބޭންކުގެ ފުރަތަމަ އޭޓީއެމް އެވެ. އެމްއައިބީން ބުނީ މި އޭޓީއެމްގައި ވެސް ހުރިހާ ބޭންކެއްގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ ކަމަށެވެ. އަދި މީގެ ކުރިން އެހެން ބޭންކުތަކުގެ ކާޑުން ފައިސާ ނަގާއިރު ނަގަމުން ދިޔަ ފީ ދެން ނުނަގާނެ ކަމަށް، އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ އިއުލާނުކޮށްފަ އެވެ.

އެމްއައިބީއިން ބުނި ގޮތުގައި ހުޅުމާލެ 2 ގައި އެތައް ހާސް ބަޔަކު ދިރިއުޅޭ އިރު، ފައިސާ ނަގަން ފޭސް 1 ދާން ޖެހުން މި އޭޓީއެމްގެ ސަބަބުން ނިމުމަކަށް އަންނާނެ އެވެ.

އެމްއައިބީގެ އޭޓީއެމް ހުޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ކުރިމަތިން ވިނަރެސް ފްލެޓުގަ އެވެ. އޭޓީއެމްގެ ބޭރުގައި ރާއްޖޭގެ ކަނޑު އަޑީގެ ރީތި މަންޒަރުތައް ހިމެނޭ ރީތި ކުރެހުންތަކެއް ވަނީ ހިމަނާފަ އެވެ.

މި އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. މި ވަގުތު އޭޓީއެމްއިން ލިބޭނީ ފައިސާ ނެގުމުގެ ހިދުމަތް އެކަންޏެވެ. އެމްއައިބީން ބުނި ގޮތުގައި ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ އެވެ.

އެމްއައިބީގެ ހިދުމަތްތައް ފުޅާކޮށް، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދާދި ފަހުން އެ ބެންކުގެ ހުޅުމާލެ ބްރާންޗެއް ވެސް ވަނީ ހުޅުވާފަ އެވެ. އެ ބްރާންޗުން އެމްއައިބީ މާލެ ބްރާންޗުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބެ އެވެ.