Roadha Mihaaru
އެމްއައިބީއަށް 12 އަހަރު، މިއަދު ގިނަ ހަރަކާތްތަކެއް

އެމްއައިބީ އަށް 12 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ގިނަ ހަރަކާތްތަކެއް

11 މާޗް 2023

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 12 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 12 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

އޭގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީން މިއަދު ފަށާ އިސްލާމިކް ފައިނޭންސް އެގްޒިބިޝަނާއި ހާފް މެރަތަން އޮންނަ ސަރަހައްދުގަ އާއި އެމްއައިބީގެ ބްރާންޗްތަކުގައި ހިންގާ ހަރަކާތްތަކެއް ހިމެނެ އެވެ.

މިއަދު ފަށާ އިސްލާމިކް ފައިނޭންސް އެގްޒިބިޝަންގައި އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި އޮންނާނީ އެމްއައިބީއާ ގުޅެން ބޭނުންވާ މީހުންނަށް ހާއްސަކުރާ "ވޯކް އިން" ޖޮބް އިންޓަވިއުތަކެވެ. އެ އިންޓަވިއުތައް އޮންނާނީ އެ އެގްޒިބިޝަނުގައި ހުންނަ އެމްއައިބީގެ ސްޓޯލްގައި މިއަދު ހަވީރު 6 ޖަހަންދެންނެވެ.

އެއީ ކަސްޓަމާ ސާވިސް ރިޕްރެޒެންޓޭޓިވް އާއި ކޯލް ސެންޓަ ރިޕްރެޒެންޓޭޓިވް އަދި ކާޑް އޮޕްރޭޝަންގައި ހުސްކޮށް ހުރި ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލާ ފުރުސަތުތަކެކެވެ. އެމްއައިބީން ބުނިގޮތުގައި ކޯލް ސެންޓަރުގައި އެ މުވައްޒަފަކަށް ފަސޭހަ ގަޑިތަކެއްގައި މަސައްކަތް ކުރެވޭނެ އެވެ.

އެމްއައިބީން ބުނީ، އިސްލާމިކް ފައިނޭންސް އެގްޒިބިޝަންގައި އެ ބޭންކުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތާއި އިސްލާމިކް ފައިނޭންސިއާ މެދު ހޭލުންތެރިކުރުވުމާއި އެމްއައިބީގެ އެކައުންޓް ހުޅުވުމަށް އެދެވޭނެ ކަމަށެވެ.

އެމްއައިބީން އެ އެގްޒިބިޝަނުގައި ބައިވެރިވެފައި ވަނީ އެގްޒިބިޝަންގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގަ އެވެ.

ހާފް މެރަތަންގައި، މެރަތަން ނިމެންދެން ހުޅުމާލެ ދުވާ ޓްރެކް ސަރަހައްދުގައި އެމްއައިބީގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުން ކުރިއަށް ގެންދާނެ އެވެ. އެމްއައިބީއަކީ އެ މެރަތަންގެ ބެންކިން ޕާޓްނަރެވެ.

އެމްއައިބީގެ މާލެ އަދި ހުޅުމާލެ ބްރާންޗުގައި އެކަައުންޓް ހުޅުވައި ދިނުމުގެ ހަރަކާތް އޮންނާނީ މިއަދު ހެނދުނު 9:30 އިން މެންދުރު 2:00 އަށެވެ.

އެމްއައިބީއިން ބުނިގޮތުގައި އެކައުންޓު ހުޅުވުމަށް އެދޭ ފޯމު ފުރައިގެން މާލެ ނުވަތަ ހުޅުމާލެ ބްރާންޗަށް ދިއުމުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ވަރަށް އަވަހަށް ލިބޭނެ އެވެ. އެކައުންޓް ހުޅުވުމަށް އެކައުންޓް އޯޕެނިން ފޯމާއި އިންފޮމޭޝަން އަޕްޑޭޓް ފޯމު ހުށަހަޅަން ޖެހޭނެ އެވެ.

MIB | Maldives Islamic Bank

އުޖާލާ ދިރިއުޅުމާއި ގުޅޭ މައުލޫމާތު މި ލިންކުން ލިބޭނެ.

އެމްއައިބީގެ 12 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެން މިއަދު އޮތީ "އުޖާލާ ދިރިއުޅުން" އަށް ޝައުގުވެރިވާ މީހުންގެ ފޯމު ބަލައިގަތުމެވެ. އެ ކަން އޮންނާނީ މިއަދު ހެނދުނު 10 އިން މެންދުރުފަހު 3 ޖަހަންދެންންނެވެ. "އެއް ދުވަހުން އުޖާލާ" ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތަށް ހުށަހަޅާ ފޯމު އެމްއައިބީގެ ހުރިހާ ބްރާންޗަކުން ބަލައިގަންނާނެ އެވެ. އެ ކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހަމަކޮށްގެން ބޭންކަށް ދިއުމުން އުޖާލާ ފެސިލިޓީ ހަމަޖައްސައިދޭނެ ކަމަށް އެމްއައިބީން ބުންޏެވެ.