Roadha Mihaaru
ވޯލްޑް ބޭންކުން އެއް ބިލިއަން ރުފިޔާގެ އެހީއެއް ދީފި

ވޯލްޑް ބޭންކުން އެއް ބިލިއަން ރުފިޔާގެ އެހީއެއް ދީފި

18 ޖޫން 2023

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަސްވެރިކަމުގެ ދާއިރާއަށް އެހީވުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 67.8 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަސްވެރިކަމުގެ ދާއިރާއަށް އެހީވުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 67.8 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް އެވެ. މި އެހީއާ ގުޅޭ ދެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

އޭގެ ތެރެއިން 53 މިލިއަން ޑޮލަރު (814 މިލިއަން ރުފިޔާ) ގެ އެހީ ދިނީ މަސްވެރިކަމުގެ ދާއިރާއަށެވެ. އެ ޕްރޮޖެކްޓްގެ ދަށުން ޑޭޓާ ހޯދައި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގާބިލުކަން އިތުރުކުރާނެ އެވެ. އަދި ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަދުވެގެން 40،000 މީހުން ތަމްރީނު ކުރަން ވެސް ވަނީ ރާވާފަ އެވެ. މި ޕްރޮކްޓް ކުރިއަށް ގެންދަނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ފިޝަރީސް މިނިސްޓްރީ ގުޅިގެންނެވެ.

ބާކީ 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ދިނީ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް (އެމްސީޖީޕީ)ގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހޮވާލެވޭ އަމިއްލަ ވިޔަފާރިތަކަށް އެހީވުމަށެވެ. އެ ޕްރޮޖެކްޓްގެ ދަށުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 40،000 ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކަރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، އިގްތިސާދު ޑައިވާސިފައި ކުރުމަށް އެހީތެރިވާނެ ކަމަށެވެ.

"މި ދެ މަޝްރޫއުގެ ސަބަބުން، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ތަނަވަސްވެ، އަޅުގަނޑުމެންގެ ކާމިޔާބު މަސްވެރިކަމުގެ ސިނާއަތް ހަރުދަނާވެ، ދިގު މުއްދަތަކަށް މާލީ އަދި އިގްތިސާދީ ހަމަޖެހުން ކަށަވަރުކުރެވޭނެ މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ވިދާޅުވީ، ކުރިއަށް ތަނުގައި މިހާރަށްވުރެ ބޮޑަށް އިގްތިސާދު ޑައިވާސިފައިކޮށް ޓޫރިޒަމްގެ އިތުރުން އެހެން ދާއިރާތަކުން ވެސް ކުރިއެރުން ހޯދުން މުހިއްމު ކަމަށެވެ.

"މުސްތަގުބަލުގައި ރާއްޖޭގެ އަމާޒަކީ، މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ޑަިއވާސިފައިކޮށް، ދާއިރާތަކުގެ ތެރޭގައި ބަދަލުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކޮށްގެން މި ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުން. މި ޕްރޮޖެކްޓްތަކުގެ ސަބަބުން އެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.