Roadha Mihaaru
އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް

އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް

18 ޖޫން 2023

މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން އެލިއާއިން ބޭއްވި ބްލަޑް ޑޮނޭޝަން ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން އެލިއާއިން ބޭއްވި ބްލަޑް ޑޮނޭޝަން ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އެ ކުންފުނިން މީރުމާ މާލަމުގައި އިއްޔެ ހެނދުނު 9 އިން ރޭގަނޑު 6 އަށް ބޭއްވި ބްލަޑް ޑޮނޭޝަން ކޭމްޕުގައި ލޭ ހަދިޔާކުރުމަށް 273 މީހުން ރަޖިސްޓްރީކުރި އެވެ. އޭގެ ތެރެއިން 231 މީހަކު ލޭ ހަދިޔާކުރި އެވެ.

އެލިއާއިން ބުނި ގޮތުގައި އެ ކޭމްޕުގައި ގިނަ އަދަދެއްގެ 18 އަހަރު ފުރިފައިވާ ސްކޫލް އަދި ކޮލެޖް ދަރިވަރުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ އަލަށް ލޭ ހަދިޔާކުރި ޑޯނަރުންކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ލޭ ހަދިޔާ ކުރުމަށް ތައްޔާރު ވަނީ. -- ފޮޓޯ: އެލިއާ

ލޭ ހަދިޔާ ކުރުމަށް ތައްޔާރު ވަނީ. -- ފޮޓޯ: އެލިއާ

"އަޅުގަނޑުމެންގެ ކޭމްޕުގައި އަލަށް ލޭ ހަދިޔާކުރި ގިނަ ކުދިންތަކެއް ތިބުމަކީ މި ކޭމްޕު ކާމިޔާބުކަމަށް އަޅުގަނޑުމެން ދެކޭ އެއް ސަބަބު. އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތްތަނުގައި އެ ޑޯނަރުން ލޭ ހަދިޔާކުރާނެ ކަމަށް. އަދި ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް މި ފަދަ ކޭމްޕުތަކުގެ ސަބަބުން ލުއިތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރަން." އެލިއާގެ ފަރާތުން އޮފިޝަލަކު ވިދާޅުވި އެވެ.

އާއްމުންގެ މެދުގައި ލޭ ހަދިޔާ ކުރުމަށް ހިތްވަރުދީ، އެކަމަށް އަހުލުވެރިކުރުމަށް އެލިއާ އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ބޭއްވި ކޭމްޕުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އެލިއާގެ މުވައްޒަފުން ވެސް ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕު. -- ފޮޓޯ: އެލިއާ

އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕު. -- ފޮޓޯ: އެލިއާ

އެލިއާއިން ބުނި ގޮތުގައި ކޭމްޕުގެ މަގުސަދު ފުރިހަމައަށް ހާސިލްވެ، އެ ކޭމްޕަކީ އެކަކު އަނެކަކަށް އަޅާލާ ފަރުދުންތަކެއް ދިރިއުޅޭ މުޖުތަމައެއް ބިނާކުރުމަށް ބާރުއަޅާދިން ކޭމްޕަކަށްވީކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕުކުރިއަށް ދިޔައީ ޒުވާނުންނާ ގުޅޭ އުފާވެރި މާހައުލެއްގައި މިއުޒިކާއި ބޯޑް ގޭމާ އެކު އެވެ.