29 ޖޫން 2018
އެހެން މީހަކަށް އެހީތެރިވެ ދެއްވުމަށް ހުންނަވާށެވެ. ލޭ ހަދިޔާ ކުރައްވައި، ދިރިއުޅުން ހިއްސާ ކުރައްވާށެވެ. މިއީ ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރެވެ. މި ދެކެވެނީ ކޮން ވާހަކައެއްކަން އެނގޭ ހެއްޔެވެ؟
އެހެން މީހަކަށް އެހީތެރިވެ ދެއްވުމަށް ހުންނަވާށެވެ. ލޭ ހަދިޔާ ކުރައްވައި، ދިރިއުޅުން ހިއްސާ ކުރައްވާށެވެ. މިއީ ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރެވެ. މި ދެކެވެނީ ކޮން ވާހަކައެއްކަން އެނގޭ ހެއްޔެވެ؟
މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވާ ގޮތުން އެ ޝިޔާރަކީ ލޭ ހަދިޔާ ކުރާ މީހުންނާ، ލޭ އަޅާ ކުދިންނާ ވަރަށް ބޮޑަށް ގުޅުވާލަދީފައިވާ ޝިއާރެކެވެ. އޭގައި އެ ބުނަނީ ލޭ ހަދިޔާ ކޮށްގެން، އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭ ވާހަކަ އެވެ. ތިމާގެ ދިރުމުގެ ބައެއް އެހެން މީހަކަށް ދީ، އޭނާގެ ދިރުމުގެ ބަޔަކަށް ހަދައިލަދޭ ވާހަކަ އެވެ.
ޑރ. އުމަރު ވިދާޅުވީ، ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް މައްސަލަ އަކީ މިއީ އެވެ؛ ކޭމްޕްތަކުގައި ލޭ ދީފައި އެންމެން އެކަން ހުއްޓާލައިގެން ތިބޭތީ އެވެ. ނުވަތަ މީހަކު ލޭ ބޭނުންވެގެން ބުނަންދެން މަޑުކޮށްލައިގެން ތިބޭ ތިބުމެވެ.
ކޮންމެ ދުވަހަކީ ވެސް، ކޮންމެވެސް މީހަކަށް ލޭ ބޭނުންވާ ދުވަހެކެވެ. ތިމާގެ ގައިގައި ހުންނަނީ ވަރަށް ގިނަ ލެ އެކޭ، ނުވަތަ ވަރަށް މަދު ލެ އެކޭ ބުނެ މަޑުކޮށްގެން ތިބޭ ތިބުމަކީ ވަރަށް ބޮޑު ކުށްހީ އެކެވެ. ޑރ. އުމަރު ވިދާޅުވާ ގޮތަށް ކޮންމެ މީހެއްގެ ލެ އަކީ ވެސް ކޮންމެވެސް މީހަކަށް ބޭނުންވާ ލެ އެއް ކަމަށް ދެކިގެން މަސައްކަތް ކުރަން ޖެހެ އެވެ.
"ވަރަށް ގިނަ މީހުންގެ ގައިގައި ހުންނަ ލެ އެއް ވެއްޖިއްޔާ އެ ވައްތަރުގެ ލޭ އަޅާ ކުދިން ވެސް ގިނަ ވާނެ. ވަރަށް މަދުން ލޭ ހުންނަ ނަމަ، ލޭ އަޅާ ކުދިންނަށް ލޭ ހަދިޔާ ކުރަން ތިބޭ މީހުން ވެސް ހަމަ އެހާ މަދުވާނެ. އެހެންވީމާ އެ ކަން ކަމަށް އަޅުގަނޑުމެން އެބަ ޖެހޭ ވިސްނަން،" ޑރ. އުމަރު ވިދާޅުވި އެވެ.
- ބްލަޑް ބޭންކް ކެޕޭސިޓީ: 200 ޔުނިޓް (ހަފުތާ އަކަށް ބޭނުންވަނީ 160 ޔުނިޓް)
- ލޭ އަޅާ ކުދިންގެ ދަފްތަރު: 632 ކުދިން ( 50 ޕަސެންޓް ކުދިން ލޭ އަޅަނީ މާލޭގައި)
- ތަފާތު 86 ރަށަކުން ލޭ އެޅޭނެ.
- ހުކުރު ދުވަސް ނޫނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:30 އަށް ލޭ ހަދިޔާ ކުރެވޭނެ.
ޑރ. އުމަރު "މިހާރު" އާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ލޭ ދިނުމަށް އަހަރަކު 40 ވަރަކަށް ކޭމްޕް ބާއްވާއިރު، ކޭމްޕް ބާއްވާ ގިނަ ފަހަރުތަކުގައި މޯލްޑިވްސް ބްލަޑް ސާވިސަސް އަށް ބޭނުންވާ ވަރަށް ލޭ ލިބޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ތެލެސީމިއާ ކުދިންނަށް ލޭ އަޅަން ލޭ ރައްކާ ކޮށްފައި ބެހެއްޓެނީ އެންމެ ގިނަ ވެގެން 10 ދުވަހަށެވެ. މާނަ އަކީ ކޮންމެ ކޭމްޕަކީ ވެސް ބްލަޑް ބޭންކަށް ލިބޭ ވަގުތީ ހައްލެއް ކަމަށެވެ.
ޑރ. އުމަރު ވިދާޅުވީ ކޭމްޕްތަކުގައި ލޭ ހަދިޔާ ކުރުމަށް ފަހު އެ އާދަ ހަރުލައިގެން، ގަވާއިދުން ލޭ ހަދިޔާ ކުރާ މީހުން ވަރަށް މަދު ކަމަށެވެ.
"ކޭމްޕްތައް ބޭއްވީމާ މި ލިބޭ ފައިދާ އަކީ ލޭ ހަދިޔާ ކުރަން ބޭނުންވެފައި، ނުކެރިފައި ތިބޭ މީހުންނަށް އައިސް ބްރޭކް ކުރަން ފަސޭހަ ވޭ. ދެން އާންމުކޮށް ގަވާއިދުން ދަރުމަ އަށް ލޭ ދިނުން އާދަވާނީ އަޅުގަނޑަށް ހީވަނީ އެއީ އިންސާނިއްޔަތައްޓަކައި ކޮށްދެވޭ ސޮދަގާތެއް ކަމަށް ދެކިގެން އެކަން ކުރީމާ،" ޑރ. އުމަރު ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އަމާޒަކީ 2020 ވަނަ އަހަރު އަންނަ އިރު އެ ގައުމަކަށް ބޭނުންވާ ލޭ، ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުންގެ ފަރާތުން ލިބިގެން ދިއުމެވެ. ބާކީ ދެ އަހަރު އޮތް އިރު، މި އަމާޒަށް ވާސިލް ވުމަށްޓަކައި ކާމިޔާބު ކުރަން ރާއްޖޭން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ޑރ. އުމަރު ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުން، ގަވާއިދުން ލޭ ހަދިޔާ ކުރާ ނަމަ އެ ކަން މިހާރު ވެސް ހާސިލްވާނެ އެވެ. ޑްލިއުއެޗްއޯ އިން ބުނާގޮތުގައި އެ ގައުމެއްގެ އެއް ޕަސެންޓް މީހުން ލޭ، ގަވާއިދުން ލޭ ހަދިޔާ ކުރާނަމަ ބޭނުންވާ ވަރަށް ލޭ ލިބޭނެ އެވެ. ޑޮކްޓަރު ވިދާޅުވީ ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ އަދަދު އެއް ޕަސެންޓަށް ވުރެ އިތުރެވެ.
ޑރ. އުމަރު (ކ) އަދި އެލިއާގެ ދެ އޮފިޝަލަކު.--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
"އެ ގައުމެއްގެ އާބާދީގެ އެއް ޕަސެންޓު މީހުން ވޮލެންޓަރީ ކޮށް، ގަވާއިދުން ކޮންމެ ތިން މަހަކުން އަމިއްލަ އަށް ލޭ ހަދިޔާ ކުރާ ނަމަ ބޭނުންވާ ވަރަށް ލޭ ލިބޭނެ. ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތް އެ އަށް ވުރެ ގިނަ. އެ މީހުން ގަވާއިދުން ކުރާ ނަމަ މިހާރު ވެސް މިކަން އޮންނާނީ ހާސިލްވެފައި،" ޑރ. އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ބްލަޑް ޑޯނާސް ޑޭ ފާހަގަ ކުރަން އެންމެ ބޮޑު ކޭމްޕެއް ބާއްވަނީ އެލިއާ އިންވެސްޓްމަންޓުންނެވެ. މި އަހަރު ވެސް އެ ކުންފުނިން މި ވަނީ މިކަމަށް ތައްޔާރެވެފަ އެވެ. އެ ކުންފުނިން ބުނީ، އެ މީހުންގެ އަމާޒަކީ، ކޭމްޕްގައި ލޭ ހަދިޔާ ކުރާ މީހުންގެ ގިނަ ބަޔަކީ އަމިއްލަ އަށް ގަވާއިދުން ލޭ ހަދިޔާ ކުރާ ބަޔަކަށް ހެދުމެވެ. އެ އަމާޒާ އެކު، އެލިއާ އިން މެދުކެނޑުމެއް ނެތި ލޭ ހަދިޔާ ކުރަން ކޭމްޕްތައް ބާއްވާތާ މިއީ ހަތަރު ވަނަ އަހަރެވެ.
ބްލަޑް ސާވިސް އަށް ހަފުތާ އަކަށް ބޭނުންވާ 160 ޔުނިޓަށް ވާ ވަރަށް މިފަދަ ކޭމްޕްތަކުން ލޭ ލިބެ އެވެ. ނަމަވެސް މިކަން ދާއިމީ ކަމަކަށް ބަދަލު ކުރަން އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހެ އެވެ. ލޭ ހަދިޔާ ކުރުމުގެ ހުރިހާ ކަމެއް ގާތްގަނޑަކަށް ބައި ގަޑިއިރުން ނިމޭއިރު، ކޮންމެ ތިން މަހަކުން އެހެން މީހަކަށްޓަކައި އެ ވަގުތުކޮޅު ހުސްކޮށްނުލެވޭންވީ ކީއްވެގެންތޯ އެވެ.
ލޭ ހަދިޔާ ކުރުމަކީ ސިއްހަތަށް ގެއްލުމެއް ނެތް ކަމެއް ކަން ތަފާތު ދިރާސާތަކުން ސާބިތުކޮށްދޭ އިރު، މިކަން ނުކޮށް ތިބުމަކީ ވަރަށް ބޮޑު ގޯހެކެވެ. ދޭ ހަދިޔާ ކުރުމަކީ ވަރަށް ކުޑަ ކުޑަ ކަމެކެވެ. ނަމަވެސް އެ ކުޑަކުޑަ ކަމަކުން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭ މިންވަރަށް ނަތީޖާ ރަނގަޅެވެ.
އެލިޔާ އިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މާދަމާ ބާއްވަނީ
ލޭ ދޭ މީހުންގެ ޑޭޓާބޭހެއް މިއަހަރު ގާއިމްކުރާނެ:އަމީން
ލޭ ހަދިޔާކުރަން އެލިއާ އިން ބޭއްވި ކޭމްޕު ކާމިޔާބު
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިއާއިން ބާއްވައިފި
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިޔާ އިން ފަށައިފި
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އެލިއާ އިިން ފަށައިފި
ލޭ ހަދިޔާކުރާ މީހުންނާ ގުޅުވައިދޭ އެޕް ތައާރަފުކޮށްފި
އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް
ދަމާސް އިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ފަށައިފި
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި