Roadha Mihaaru
ގަވައިދު އޮތީ ޑެޑްލޮކަށް ދާ ގޮތަކަށް ނޫން: އަސްލަމް

ގަވައިދު އޮތީ މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން: އަސްލަމް

08 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރުން އެއްފަހަރާ ހުށަހެޅީ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސް އެ ބާރު ހުއްޓުވާލާފައި ބޭއްވުމަށް ކަމަށް އީވާ މިއަދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރާ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ މަޖިލިހުގެ ނައިބު ރައީސެވެ. ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ ރައީސެވެ.

ނަމަވެސް އީވާ ތުހުމަތު ކުރެއްވާ ގޮތުގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން އެއްފަހަރާ އެމްޑީޕީން މަޖިލިހަށް ވެއްދީ ރިޔާސީ އިންތިހާބަށް ތިން މަހަށް ވެފައިވާތީ ސަރުކާރަށް ފާރަވެރިވާން އޮތް މަޖިލިސް ހުއްޓުވާފައި ބޭއްވުމަށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި ވާހަކަ އަކީ އަމިއްލަ ހިޔާލެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ގިނަ އަދަދެއްގެ މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް މައްސަލަ ހުށަހެޅުމުން ރަނގަޅު ގޮތަކީ އެ ދެ ބޭފުޅުން އަމިއްލަ އަށް ދުރަށް ޖެހިވަޑައިގަތުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް މަޖިލީހުގެ ގަވައިދުގައި އޮތް ގޮތަށް އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެގޮތަށް ދެކުނަސް ގަވައިދުގައި ބުނާ ގޮތުން ރިޔާސަތުގައި އިނދެވޭނެ. ހުރަހެއް ނެތް. އަޅުގަނޑު އެހެން ބުންޏޭ ކިޔާފައި މިހާރު އެ ދައްކަވަނީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލިސް ޑެޑްލޮކަކަށް ގެންދަން ބޭނުން ނުވާ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ޖަލްސާ ގަވައިދާ އެއްގޮތަށް ބޭއްވޭނެ ކަމަށެވެ. ރައީސާއި ނައިބު ރައީސް ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ދެން އަމަލު ކުރަންވީ ގޮތް ވެސް ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ދާއިމީ ކޮމިޓީތައް ވެސް އެކުލަވާލަން ހުރަސް އަޅުއްވައިގެން އެ އަމަލު ކުރައްވަނީ ވީހާ ވެސް ގިނަ ދުވަހު މަގާމުގައި ދެމި ތިބެވޭނެ ގޮތަކަށް،" މަޖިލިހުގައި 19 ވަނަ އަހަރު ގުނުއްވަމުން ގެންދަވާ އަސްލަމް ވިދާޅުވި އެވެ.

އީވާގެ އިތުބާރު ނެތް މައްސަލާގައި ދިން 14 ދުވަހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވެ އެވެ. ނަމަވެސް އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މެންބަރުންނަށް ސިޓީއެއް ފޮނުއްވައި އެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގަވައިފަ އެވެ. ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ އާންމު ކޮމިޓީން ވަގުތު ކަނޑައެޅުމުގެ މަސައްކަތް ނުކޮށް އޮތުމެވެ.

އެކަމަކު، މިހާރު ތިބި މެންބަރުންނާ އެކު އާންމު ކޮމިޓީ އަށް ގޮވާލެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ސިޓީ އަށް ޖަވާބު ދީފަ އެވެ. މަޖިލިހުގެ ގަވާއިދަށް ރިއާޔަތްކޮށް، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ވަރަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވަނީ ދާއިމީ ކޮމިޓީތަކުގެ މެމްބަރުން އެ ކޮމިޓީގައި ތިއްބަވާނެ ކަމަށެވެ.