Roadha Mihaaru
ހޭންޑްބޯލް އެސޯސިއޭޝަން ކަޕް: އަންހެން ކުއާޓާ މާދަމާ

ހޭންޑްބޯލް އެސޯސިއޭޝަން ކަޕް: އަންހެނުންގެ ކުއާޓާ ފައިނަލް މާދަމާ

05 ޖޫން 2023

ހަ ވަނަ މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލްގެ މެޗުތައް މާދަމާ ކުޅެން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ހަ ވަނަ މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލްގެ މެޗުތައް މާދަމާ ކުޅެން ތައްޔާރު ވެއްޖެ އެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް މިއަދު ކުޅޭގޮތަށް ތާވަލް ކުރެވުނަސް، ވިއްސާރައިގެ ސަބަބުން މެޗުތައް ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ.

މުބާރާތް ކުރިއަށް ދަނީ، އަންހެން ބައިގައި ބައިވެރިވި 17 ޓީމު އަދި ފިރިހެން ބައިގައި ބައިވެރިވި 10 ޓީމު ގުރޫޕްތަކަށް ބަހާލައިގެންނެވެ. އަންހެން ބައިގައި ހިމެނޭ ހަތަރު ގުރޫޕުން ވެސް އެންމެ ރަނގަޅު ދެ ޓީމެއް ކުއާޓާ ފައިނަލަށް ހޮވިފައި ވާއިރު، ފިރިހެން ބައިގެ ދެ ގުރޫޕުން ނަތީޖާ އެންމެ ރަނގަޅު ދެ ޓީމެއް މާދަމާގެ ސެމީ ފައިނަލަށް ހޮވޭނެ އެވެ.

މިދިޔަ އަހަރުގެ އަންހެން ބައިގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯލް ކްލަބުން ވަނީ ގުރޫޕް އޭގައި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވްސް (އާއި) ސްޕޯޓްސް ކްލަބާއި ޕާލްސް ސްޕޯޓްސް ކްލަބް އަދި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް އެއްވަނަ ހޯދައިފަ އެވެ. މި ގުރޫޕްގެ ދެވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ރެޑްހޯކްސް ސްޕޯޓްސް ކްލަބް ވެސް ވަނީ ގުރޫޕް ބީގައި ވާދަކޮށް ޕްރޯ ސްޕޯޓްސް އެކަޑަމީ އާއި ބޮންތި ސްޕޯޓްސް ކްލަބް އަދި ލަޔަންސް ރާއުސީ ބަލިކޮށް އެއްވަނަ ހޯދައިފަ އެވެ. ދެވަނައަށް ދިޔައީ ޕްރޯ ސްޕޯޓްސް އެކަޑަމި އެވެ.

ގުރޫޕް ސީގެ އެއްވަނަ ހޯދި ކީން ސްޕޯޓްސް ކްލަބާއި ދެވަނަ ހޯދި ޒެފްރޯލް ވެސް ވަނީ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. މި ގުރޫޕުގައި ދެން ވާދަކުރީ އާރުބީޖީ ސްޕޯޓްސް ކްލަބާއި ފޭސް 2 ސްޕޯޓްސް ކްލަބެވެ.

ފަސް ޓީމު ވާދަކުރި ގުރޫޕް ޑީގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް އެވެ. ދެވަނަ އަށް ދިޔައީ ސުޕަ ޖެނެރޭޝަން ކްލަބް (އެސްޖީސީ) އެވެ. ޕޮލިސް ކްލަބާއި ގެލެކްޓިކޯސް ސްޕޯޓްސް ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބް ވެސް މި ގުރޫޕުގައި ވާދަ ކުރި އެވެ.

އަންހެން ބައިގެ ކުއާޓާ ފައިނަލްގެ މެޗުތައް (ޖޫން 6):

◂ 16:30 : އޮރިކްސް - ޒެފްރޯލް

◂ 20:00 : ރެޑްހޯކްސް - އެސްޖީސީ

◂ 21:15 : ކީން ސްޕޯޓްސް ކްލަބް - ދިވެހި ސިފައިންގެ ކްލަބް

◂ 22:30 : ތުޅާދޫ ޔަންގް އީގަލްސް - ޕްރޯ ސްޕޯޓްސް އެކަޑަމީ

ފިރިހެން ބައިގެ ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބް މި މުބާރާތުގައި ނެތެވެ. ނަމަވެސް ރަނަރަޕް ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވަނީ މިހާތަނަށް ގުރޫޕް އޭގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެ ގުރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ޒެފްރޯލް ވަނީ ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ. މި ގުރޫޕުގައި ހިމެނޭ އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް ހަތަރު މެޗުން ދެ މެޗު ކާމިޔާބު ކޮށް، ފިއޮންޓީސްޕޯޓްސް ކްލަބަށް ހަތަރު މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކުރެވިފައި ވާއިރު، ފިއުޗާ ސްޕޯޓްސް އެކަޑަމީ އަށް ގުރޫޕުގެ ދެވަނަ ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. މި ގުރޫޕުގައި ހިމެނޭ ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

ގުރޫޕް ބީގެ އެއްވަނައިގައި މި ވަގުތު އޮތީ ކުުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފައިވާ ވެލިދޫ ޔުނައިޓެޑެވެ. ދިވެހި ސިފައިންގެ ކްލަބުން އަދި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައި ވާއިރު ޕޮލިސް ކްލަބު ކުޅުތު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅު ވެފަ އެވެ. ބޮންތި ސްޕޯޓްސް ކްލަބު ކުޅުނު ހަތަރު މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އަދި ހުޅުމާލެ ސްޕޯޓްސް ކްލަބް މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުތައް ތާވަލް ކުރެވިފައި ވަނީ ބުދަ ދުވަހުގެ ރެއަށެވެ.