Roadha Mihaaru
13 މިލިއަންގެ ބޯޓު ހިނދުކޮޅެއް ތެރޭ އަޑިއަށް!

13 މިލިއަން ހަރަދުކުރި ބޯޓު ހިނދުކޮޅެއް ތެރޭ އަޑިއަށް!

01 ޖޫން 2023

މުދާ ބަރުކޮށްގެން ދަނިކޮށް ރޭ ފަތިހު ދިޔަވެ އަޑިއަށް ދިޔަ "އާލާ" ބޯޓަކީ 13 މިލިއަން ރުފިޔާގެ އުޅަނދެއް ކަމަށާއި ބޯޓު އަޑިއަށް ދިޔައިރު އެތައް ރަށަކުން އެތައް ބައެއްގެ ގިނަ އަދަދެއްގެ މުދާ ވެސް ހުންނާނެ ކަމަށް ބޯޓުގެ ވެރިޔާ މުހައްމަދު އަބްދުއްރަހީމް ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މުދާ ބަރުކޮށްގެން ދަނިކޮށް ރޭ ފަތިހު ދިޔަވެ އަޑިއަށް ދިޔަ "އާލާ" ބޯޓަކީ 13 މިލިއަން ރުފިޔާގެ އުޅަނދެއް ކަމަށާއި ބޯޓު އަޑިއަށް ދިޔައިރު އެތައް ރަށަކުން އެތައް ބައެއްގެ ގިނަ އަދަދެއްގެ މުދާ ވެސް ހުންނާނެ ކަމަށް ބޯޓުގެ ވެރިޔާ މުހައްމަދު އަބްދުއްރަހީމް ބުނެފި އެވެ.

މުހައްމަދު ބުނީ އެއީ އިންޝުއާ ކޮށްފައި އޮތް ބޯޓެއް ވެސް ނޫން ކަމަށާއި އެހެންވެ މިއީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

އެމްްއެންޑީއެފުން ބުނީ ރ. މަޑުއްވަރީ "އާލާ" ބޯޓަށް ރާޅެއް އަރައި ދިޔަވާ ކަމުގެ ރިޕޯޓް ލިބުނީ ފަތިހު 5:22 ގައި ކަމަށެވެ. އޭރު ބޯޓު އޮތީ ބ. އޭދަފުށީގެ ދެކުނުން 2.5 މޭލު ބޭރުގަ އެވެ.

"ރާޅު ޖެހީމާ އިންޖީނުގެއާ އެއްކޮށް ފުރަތަމަ ދިޔަވާން ފެށީ. ދިޔަވީމާ ޕަމްޕުތަކުގައި މައްސަލަ ޖެހިގެން ދިޔަވުން ނުހުއްޓުވުނު. އެހިސާބުން ދެން އެނގިއްޖެ ސަލާމަތް ނުވާނެކަން،" މުހައްމަދު "މިހާރު" އަށް ބުންޏެވެ.

"އާލާ" ބޯޓު އަޑިއަށްދަނީ. -- ފޮޓޯ: އެމްއެންޑީއެފް

"އާލާ" ބޯޓު އަޑިއަށްދަނީ. -- ފޮޓޯ: އެމްއެންޑީއެފް

އޭރު އެ ބޯޓުގައި 15 މީހުން ތިއްބެވެ. އެއީ އެ ބޯޓުގައި މަސައްކަތްކުރާ އަށް މީހުންނާއި ބޯޓުން ރަށްރަށަށް ދަތުރުކުރި ހަތް މީހެކެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ އެންމެން ސަލާމަތްކޮށްފަ އެވެ. ނަމަވެސް އެއްވެސް މުދަލެއް ސަލާމަތްކުރުމުގެ ކުރިން ދިޔަވެ އެއްކޮށް އަޑިއަށް ދިޔައީ އެވެ.

މުހައްމަދު ބުނީ މި ބޯޓަކީ މީގެ 13 އަހަރު ކުރިން ކަންނެލި މަސްވެރިކަމަށް ބަން ދޯންޏެއް ކަމަށާއި އެކަމަކު މަހަށްދާނެ މީހުން ނުވެގެން، މާލެ ދަތުރުކުރާ ބޯޓަކަށް ބަދަލުކުރީ ކަމަށެވެ.

"އޭގައި ހުންނާނީ އެންމެ ފަހުގެ އެއްޗެހި. ދެ އިންޖީނު ލާފައި. މަސް ފިނިކުރެވޭ ގޮތަށް ހަދާފައި ހުންނާނީ،" އޭނާ ބުންޏެވެ.

"މަހަށް ދާނެ މީހުންނެއް ނުވި. ދިޔަޔަސް މީހުން ނެތީމާ މަސް ބޭނޭ ގޮތެއް ނުވޭ. ރަނގަޅު އާމްދަނީއެއް ނުލިބޭ. އެހެންވެ ނިންމީ މުދަލާއި މީހުން އުފުލާ ބޯޓަކަށް ބަދަލުކުރަން."

އެ ދޯނި 250 މީހުންގެ ޖާގައިގެ ބޯޓަކަށް ބަދަލުކޮށް ދުއްވަން ފެށީ މީގެ ފަސް އަހަރު ކުރިންނެވެ.

"އާލާ" ބޯޓު؛ އެ ދޯނި އެންމެ ފުރަތަމަ ބަނދެފައި ވަނީ 2010ވަނަ އަހަރު.--

"އާލާ" ބޯޓު؛ އެ ދޯނި އެންމެ ފުރަތަމަ ބަނދެފައި ވަނީ 2010ވަނަ އަހަރު.--

"13 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ބޯޓަކަށް ބަދަލުކޮށްފައި އޮންނާނީ. އޭގައި ހުންނާނެ ކޮންމެ މީހަކަށް ނިދަން ގޮދަޑިއާ، ކޮންމެ ތަނެއްގައި ޗާޖު ކުރެވޭނެ ގޮތް ވެސް. ރަށަށް އަންނަން މީހުން ވަރަށް ދަތުރު ނުކުރާނެ. މުދާ ބަރުކޮށްގެން އަބަދުވެސް ދަތުރުކުރާނީ،،" މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ މަހަކު ހަތަރު ދަތުރުކުރާ އެ ބޯޓަށް ކޮންމެ މަހަކު ލައްކައެއްހާ ރުފިޔާގެ ފައިދާވާ ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިއީ. އިންޝުއަރެންސެއް ނުކުރަން. އެހެންވެ ވެސް ދެން މިއީ ފޫނުބެދޭވަރުގެ ގެއްލުމަކަށް ވާނެ."

މާލެއިން މުދާ ބަރުކޮށްގެން އެ ބޯޓު އާންމުކޮށް ދަތުރު ކުރަނީ ރ. މަޑުއްވަރި އާއި މީދޫގެ އިތުރުން ބ. ކެންދޫއަށެވެ.

އާލާ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްގެން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ނަގާފައި.

އާލާ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްގެން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ނަގާފައި.

މުހައްމަދު ބުނީ ބޯޓުގައި ހުރީ ކިހާ އަދެއްގެ މުދަލެއްކަން އަދި ބުނަން ނޭނގޭ ކަމަށެވެ. އަދި ބޯޓުގައި ހުރި މުދަލުގެ އަގު ވެސް އަންދާޒާ ނުކުރެވޭ ކަމަށް ބުންޏެވެ.

"އަޅުގަނޑު ވަރަށް ބިޒީކޮށް މިކަމާ މި އުޅެނީ. އަދި އެހެން ކަންކަމާ ނޫޅެވޭ. އެހެން ބުނާކަން ނޭނގޭ ކިހާ އަދެއްގެ މުދަލެއް އޭގަ ހުންނާނެ ކަމެއް. ވަރަށް ބައިވަރު ހުންނާނެ. ވަރަށް ގިނަ މީހުންގެ މުދާ އޭގަ ހުންނާނެ،" މުހައްމަދު ބުންޏެވެ.

އެ ބޯޓަށް މުދާ އެރުވި ކެންދޫ ވިޔަފާރިވެރިއަކު ބުނީ ބޯޓުގައި އޭނާގެ 60،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުންނާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިއީ ބޯޓަށް އޭނާ މަދުން މުދާ އެރުވި ފަހަރެކެވެ. އެހެން ބައެއް ވިޔަފާރިވެރިން ވަރަށް ގިނަ މުދާ އަރުވާފައި ހުންނާނެ ކަމަށް ބުންޏެވެ.

"އާލާ" ބޯޓު އަޑިއަށް ގޮސްފައި: އޭގައި ތިބި އެންމެން ވަނީ ސަލާމަތްވެފައި. .-- ފޮޓޯ: އެމްއެންޑީއެފް

"އާލާ" ބޯޓު އަޑިއަށް ގޮސްފައި: އޭގައި ތިބި އެންމެން ވަނީ ސަލާމަތްވެފައި. .-- ފޮޓޯ: އެމްއެންޑީއެފް

މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ވެސް ބުނީ ބޮޑު އީދާ ދިމާކޮށް ގިނަ ބަޔަކު ގިނަ އަދަދެއްގެ މުދާ ގަނެ ބޯޓަށް އެރުވި ކަމަށެވެ.

"ރަށުގެ ވިޔަފާރިވެރިން ވެސް އީދަށް ވަރަށް އާ މުދާ ގެންނާނެ. އީދު ކައިރިވެފައި އޮތީމާ އަމިއްލަ މީހުން ވެސް އީދަށް އެއްޗެހި ގެންނާނެ. ރައްޓެހި ކުއްޖެއް ވެސް އެބަ އުޅޭ ޝީން އިން 2،000 ޑޮލަރުގެ މުދާ ގެނެސްގެން،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މަޑުއްވަރީ މަސްވެރިންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި ބޯޓު އަޑިއަށްދިޔަ ސަރަހައްދުން ގިނަ އަދަދެއްގެ މުދަލާއި ބޯޓުގެ ބައިތައް އޮޔާދެ އެވެ. އެހެންވެ އެ ސަރަހައްދުން ދަތުރު ކުރާއިރު ސަމާލުވުމަށް ވަނީ އެދިފަ އެވެ.