Roadha Mihaaru
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް

ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

23 ޖެނުއަރީ 2020

މާލެއަތޮޅު ކަގި ކައިރީ އޮންނަ ފަރަކަށް މި މަހުގެ ފަސް ވަނަ ދުވަހު އެރި "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި ގެއްލިގެން، އޭނާ ހޯދަން އޭރު ފެށި މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަދިވެސް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެއަތޮޅު ކަގި ކައިރީ އޮންނަ ފަރަކަށް މި މަހުގެ ފަސް ވަނަ ދުވަހު އެރި "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި ގެއްލިގެން، އޭނާ ހޯދަން އޭރު ފެށި މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަދިވެސް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް މިއަދު ވިދާޅުވީ މުހައްމަދު ހޯދަން ކުރާ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި ނަމަވެސް މުހައްމަދާ ގުޅުން ހުރި އެއްވެސް އެއްޗެއް ފަހުން ނުފެންނަ ކަމަށެވެ.

ޓީޓީއެސް ފާނަ ދޯނި އަދިވެސް އޮތީ ފަރުމަތީގަ އެވެ. އެނގިފައިވާ ގޮތުގައި އެ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ދޯނި އޮތީ ވަރަށް ބޮޑަށް ފަރަށް އަރައި ހިކިފަ އެވެ.

މުހައްމަދު ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ކުރަމުން އަންނަ އިރު، އޭނާ ގެއްލުނު ގޮތާ ބެހޭ ގޮތުން އުފެދުނު ގިނަ ސުވާލުތަކަށް އަދިވެސް އޮތީ ޖަވާބު ނުލިބި އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އޭރު ބުނި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މުހައްމަދު ގެއްލުނު ގޮތާ މެދު ސުވާލު އުފެދުނީ އޭނާ ދަތުރުކުރި ދޯނި ފަރަށް އެރިތާ އެއް ދުވަސް ވީ އިރު ވެސް އެކަން ކޯސްޓްގާޑަށާއި ދޯނީގެ ވެރިފަރާތަށް ވެސް ނާންގާ އޮތުމުންނެވެ. އެ ދޯނި ފަރަށް އެރިކަން އެނގުނީ މުހައްމަދު ގެއްލިގެން އެންގުމުން، އޭނާ ހޯދަން ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.

ސިފައިންނަށް އޭރު އެންގީ އޭގައި ތިބީ މުހައްމަދާއި ބިދޭސީ ދެ ފަޅުވެރިން އެކަނި ކަމަށެވެ. އެކަމަކު އެ ސަރަހައްދުން ދަތުރުކުރި ބައެއް އުޅަނދުފަހަރުގެ މީހުން ބުނެފައިވާ ގޮތުގައި ދޯނި ފަރަށް އެރި އިރު، މުހައްމަދުގެ އިތުރުން އެހެން ދިވެއްސަަކާ އެކު ހަތަރު މީހަކު ތިއްބެވެ. އެކަން ފުލުހުން ވެސް ވަނީ ފަހުން ކަށަވަރުކޮށްދީފަ އެވެ.

ބައެއް ކައްޕިން ބުނީ ދޯނި ފަރަށް އަރާފައި އޮއްވައި ގާތްކޮށް، އެހީތެރިކަން ދޭން އުޅުމުން އެ އެހީތެރިކަން ބޭނުން ނުކުރި ކަމަށެވެ. ދޯނި ފަރަށް އެރިކަން ކޯސްޓްގާޑަށް ނުވަތަ ވެރިފަރާތަށް އަންގާފައިވާ ކަމަށް އެހެން ކައްޕިން ބެލީ މިހެންވެ އެވެ.

މުހައްްމަދު ގެއްލުނު ސަރަހައްދުން މިހާތަނަށް ފެނިފައި ވަނީ ފޯނަކާއި ވަޅިއެއް ލާފައިވާ ކަޅު ކޮތަޅަކާއި ލޭ ހޭކިފައިވާ ތުވާލިކޮޅެކެވެ. ސިފައިން ވަނީ އެތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބަކާ ބެހޭ ގޮތުން ފުލުހުންނާ މިއަދު ސުވާލުކުރި ނަމަވެސް އަދި ޖަވާބެއް ނުލިބެ އެވެ.