Roadha Mihaaru
ހަރުގެ އަތުލާތީ އެމްޑީޕީން މައްސަލަ ކޯޓަށް ވައްދައިފި

ހަރުގެ ހުސްކުރަން އެންގުމުން އެމްޑީޕީން މައްސަލަ ކޯޓަށް ހުށަހަޅައިފި

28 މެއި 2023

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުރި ބިން ހުސްކުރަން ވެރިފަރާތުން އެންގުމުން އެ ޕާޓީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުރި ބިން ހުސްކުރަން ވެރިފަރާތުން އެންގުމުން އެ ޕާޓީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީގެ ސަޕޯޓަރުން އެއްވެ ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެއަކީ އެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެކަމަކު، އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ޝަފިއްޔާ މިހާރު ހުންނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް މެމްބަރުން އުފައްދަން އުޅުއްވާ "ދަ ޑިމޮކްރެޓްސް" އާ އެކު އެވެ.

އެމްޑީޕީގެ ހަރުގެ ހުސް ކުރަން އެ ޕާޓީ އަށް ދިން މުއްދަތު ހަމަވުމާ ގުޅިގެން ޝަފިއްޔާ ވަނީ އެ ބިން އެހެން ބަޔަކަށް ކުއްޔަށް ދީފަ އެވެ.

ނަމަވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީ ތަރުޖަމާން އަނަސް އަބްދުއްސަތާރު މިއަދު ވިދާޅުވީ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ މާ ގިނަ ތަފްސީލެއް ނުދެއްވި ނަމަވެސް އަނަސް ވިދާޅުވި ގޮތުގައި ކޯޓުގައި އެދިފައި ވާނީ ޕާޓީގެ ހައްގުތައް ހިމާޔަތް ކުރުމަށެވެ.

"އަޅުގަނޑުމެން އެދިފައި ވާނީ ހައްގުތައް ކަށަވަރު ކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މީގެ ކުރިން ބުނެފައި ވަނީ ހަރުގެ ހުސް ނުކޮށް ހުރީ އިތުރު ތަނެއް އަދި ނުލިބޭތީ އެވެ. ތަނެއް ލިބެންދެން އެތަނުގައި ތިބެވޭނެ ގޮތް ހަދައިދޭން ގޭގެ ވެރިފަރާތުގައި އެދިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި، އެ ބިމުގައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވިޔަސް، އެތަން ހުސްކުރަން ވެރިފަރާތުން އެންގީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން އެ ތަނުގައި ތިބެވޭނެ ކަމަށް ބުނުމަށް ފަހު އެވެ.