Roadha Mihaaru
އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

21 މެއި 2023

ނޮޓިންހަމްޝަޔާ (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން 0-1 އިން ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ކަށަވަރު ވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ނޮޓިންހަމްޝަޔާ (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން 0-1 އިން ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ކަށަވަރު ވެއްޖެ އެވެ.

ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗުގެ 19 ވަނަ މިނިޓުގައި ނޮޓިންހަމް ފޮރެސްޓުން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ޓައިވޯ އަވޮނިޔީ އެވެ.

ލީގުގައި އާސެނަލް އަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެޓީމަށް 81 ޕޮއިންޓް ލިބިފައިވާއިރު ފަހު މެޗުން މޮޅުވެގެން އެންމެ ގިނަވެގެން ވެސް އެޓީމަށް ލިބޭނީ 84 ޕޮއިންޓެވެ. ތިން މެޗު ބާކީ އޮތް ސިޓީ ވަނީ މިހާރު ވެސް 85 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގައި ސިޓީ މާދަމާ ރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އާސެނަލް މިރޭ މޮޅުވި ނަމަ ޗެމްޕިއަންކަން ކަށަވަރުކުރަން ސިޓީ އަށް ޖެހޭނީ ޗެލްސީ ބަލިކުރާށެވެ.

މި ސީޒަނުގެ ފަހު މެޗުތަކާ ކުރިމަތިލީއިރު ވެސް އެއް ވަނައިގައި އޮތީ އާސެނަލް އެވެ. އޭޕްރިލް މަސް އާސެނަލުން ފެށީ ސިޓީ އަށް ވުރެ އަށް ޕޮއިންޓް ކުރީގައި އޮވެގެންނެވެ. އެކަމަކު ފަހުން ކުޅުނު މެޗުތަކުގައި އާސެނަލްގެ ފޯމު ދަށްވިއިރު ސިޓީ އިން ލީގުގައި ޖެހިޖެހިގެން 11 މޮޅު ހޯދި އެވެ.

މީގެ 31 އަހަރު ކުރިން، 1992 ވަނަ އަހަރު ޕްރިމިއާ ލީގު ރީބްރޭންޑް ކުރި ފަހުން މި ސީޒަނާއި ހަމައަށް ޖެހިޖެހިގެން ތިން ފަހަރު ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެކަމަކު މި ސީޒަން ހިމަނައިގެން އެންމެ ފަހުގެ ތިން ލީގު ތައްޓާ އެކު ސިޓީ ވަނީ އެ ރެކޯޑާ ހަމަކޮށްފަ އެވެ.

ސިޓީ އިން މިހާރު ވަނީ އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދައިފަ އެވެ. އޭގެ ތެރެއިން ހަތް ފަހަރު ޗެމްޕިއަންކަން ހޯދީ މިދިޔަ 11 އަހަރު ތެރޭގަ އެވެ.

ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އިން ވަނީ ފަސް ފަހަރު ލީގު ތަށި ހޯދައިފަ އެވެ. ގާޑިއޯލާ ވެފައިވަނީ މަދުވެގެން ފަސް ލީގު ތަށި އިނގިރޭސި ވިލާތުގައި ކާމިޔާބުކުރި ހަތަރު ވަނަ ކޯޗަށެވެ. މީގެ ކުރިން އެ ލިސްޓުގައި އޮތީ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އަލެކްސް ފާގަސަން އާއި ލިވަޕޫލަށް ކޯޗުކޮށްދިން ބޮބް ޕެއިސްލީ އަދި އެސްޓަން ވިލާގެ ކޯޗު ޖިއޯޖް ރަމްސީ އެވެ.

ޕްރިމިއާ ލީގުގެ އިތުރުން ސިޓީ އިން އަންނަނީ މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭ ކަޕްގެ ތައްޓަށް ވާދަކުރަމުންނެވެ. އެފްއޭ ކަޕްގެ ފައިނަލުގައި އަންނަ މަހުގެ ތިން ވަނަ ދުވަހު ސިޓީ ނުކުންނާނީ އަވައްޓެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ޖޫން 10 ވަނަ ދުވަހު ކުޅޭނީ އިޓަލީގެ އިންޓަ މިލާންއާ އެވެ.