Roadha Mihaaru
އާސެނަލްގެ އުންމީދުތައް ފުނޑުފުނޑު ވެއްޖެ

އާސެނަލްގެ އުންމީދުތައް ފުނޑުފުނޑު ވެއްޖެ

15 މެއި 2023

ލަންޑަން (މެއި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިރޭ ބްރައިޓަން އަތުން 3-0 އިން ބަލިވެ ޗެމްޕިއަންކަން ހޯދުމުގެ ހަނި ފުރުސަތު ވެސް ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.

ލަންޑަން (މެއި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިރޭ ބްރައިޓަން އަތުން 3-0 އިން ބަލިވެ ޗެމްޕިއަންކަން ހޯދުމުގެ ހަނި ފުރުސަތު ވެސް ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.

އާސެނަލްއާ އެކު ލީގަށް ވާދަކުރަމުން އައި މެންޗެސްޓާ ސިޓީ ވަނީ މިއަދު ރަށުން ބޭރުގައި 3-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ސިޓީގެ މޮޅަށް ގިނަ އިރުތަކެއް ނުވަނީސް އާސެނަލް ބަލިވުމުން އަންނަ ހަފްތާ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ސިޓީ އަށް މިހާރު ވަނީ ފަހިވެފަ އެވެ.

ލީގުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކޮށްގެން ސިޓީ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އެކަމަކު އެ މެޗުގެ ކުރިން ހޮނިހިރު ދުވަހު އާސެނަލް އަތުން ނޮޓިންހަމް ފޮރެސްޓް މޮޅުވެއްޖެ ނަމަ ސިޓީ އަށް ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ މިހާރު އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް އަށް 36 މެޗުން ލިބިފައިވަނީ 81 ޕޮއިންޓެވެ. ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް އާސެނަލް އަށް ހަމަކުރެވޭނީ 87 ޕޮއިންޓެވެ.

ލީގުގައި ސިޓީ އަށް ބާކީ އޮތީ ޗެލްސީ އާއި ބްރައިޓަން އަދި ބްރެންޓްފޯޑް މެޗެވެ. ފަހު ދެ މެޗުގައި އާސެނަލް ކުޅޭނީ ފޮރެސްޓް އަދި ވުލްވްސްއާ އެވެ.

ރަނގަޅު ނަތީޖާތަކަކާ އެކު އާސެނަލް މި ސީޒަނުގައި މަސައްކަތް ކުރީ 2003/2004 ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާށެވެ. އެފަހަރު އާސެނަލް ލީގު ނެގީ މެޗަކުން ބަލިނުވެ އެވެ.

ބްރައިޓަން އިން އާސެނަލް ބަލިކުރި މެޗުގެ ފުރަތަމަ ގޯލު ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓުގައި ޖެހީ ހޫލިއޯ އެންސިސޯ އެވެ. އެޓީމުގެ ދެވަނަ ގޯލު 86 ވަނަ މިނިޓުގައި ޖެހީ ބެންޗުން ކުޅެން އެރި ޑެނިޒް އުންޑޭވް އެވެ. ދެ ގޯލުގެ ލީޑެއްގައި އޮވެފައި ބްރައިޓަން އިން ފަރަގު ބޮޑުކުރީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޕާވިސް އެސްޓުޕީނާން ޖެހި ގޯލުންނެވެ.

ގުންޑޮއާން (ވ) ސިޓީއަށް ގޯލެއް ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގުންޑޮއާން (ވ) ސިޓީއަށް ގޯލެއް ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީ އިން އެވަޓަން ބަލިކުރި މެޗުގެ ފުރަތަމަ އެގާރަ އަށް ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ކެވިން ޑިބްރޭނާ އާއި ޖެކް ގްރީލިޝް އަދި ޖޯން ސްޓޯންސް އިނީ ބެންޗުގަ އެވެ. އާލިން ބްރައުޓް ހާލަންޑާ އެކު ކުރި ބެލެހެއްޓީ ހޫލިއަން އަލްވަރޭޒް އަދި ފިލް ފޮޑެން އެވެ.

ފުރަތަމަ ހާފު ސިޓީ ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ. ލީގު ނެގި ގޯލު 37 ވަނަ މިނިޓުގައި ޖެހީ އިލްކާއީ ގުންޑޮގާން އެވެ. އޭގެ ދެ މިނިޓް ފަހުން ހާލަންޑް ބޮލުން ޖެހި ގޯލާ އެކު ސިޓީ އިން ލީޑު ފުޅާކުރި އެވެ. ސިޓީގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ގުންޑޮގާން އެވެ.

މި ސީޒަނުގެ ބޮޑު ބައެއްގައި އާސެނަލް ލީގުގެ އެއް ވަނައިގައި އޮތެވެ. އެކަމަކު ސިޓީ އިން ފަހަތުން އަރައި އާސެނަލް އަތުލިއިރު ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ސިޓީ އިން ކާމިޔާބުކުރި އެވެ.

އާސެނަލް އަތުން ހޯދި ބޮޑު މޮޅާ އެކު ބްރައިޓަން ވަނީ 34 މެޗުން 58 ޕޮއިންޓް ހަމަކޮށް ލީގުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ ފަސް ވަނައިގައި އޮތީ ބްރައިޓަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، 62 ޕޮއިންޓް ހޯދައިފައިވާ ލިވަޕޫލް އެވެ. މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބްރައިޓަން މަސައްކަތްކުރަމުން އަންނަނީ ޔޫރަޕްގެ ޖާގައެއް ހޯދުމަށެވެ.

ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގައި ބްރެންޓްފޯޑްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއޭމޯ އާއި ޔުއޯނޭ ވިސާ އެވެ. މި މޮޅާ އެކު ބްރެންޓްފޯޑް އޮތީ 53 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.