Roadha Mihaaru
މެޗެއް ނުކުޅުނަސް އިއްބެ ގައުމީ ސްކޮޑަށް ނަގައިފި

މެޗެއް ނުކުޅުނަސް އިއްބެ ގައުމީ ސްކޮޑަށް ނަގައިފި

17 މެއި 2023

ކްލަބް ވެލެންސިއާ އާ އެކު މެޗެއް ނުކުޅުނަސް، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނަގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބް ވެލެންސިއާ އާ އެކު މެޗެއް ނުކުޅުނަސް، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނަގައިފި އެވެ.

އަންނަ މަހު 21 ގައި އިންޑިއާގެ ފަށާ މުބާރަތަށް ތައްޔާރުވުމުގެ ގޮތުން، ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އެކުލަވާލި 40 ކުޅުންތެރިންގެ ސްކޮޑް އެފްއޭއެމުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. ޓްރޭނިން ކޭމްޕްގައި އަންނަ މަހު ގައުމީ ޓީމު ޖަޕާނަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރިލިމިނަރީ ސްކޮޑަށް ވެލެންސިއާއިން ނެގީ ދެ ކުޅުންތެރިންނެވެ. އެއީ އިއްބެގެ އިތުރުން ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އެވެ. އެކަމަކު ވެލެންސިއާ އަށް ފީފާއިން ކުރިމަތި ކޮށްފައިވާ ސަސްޕެންޝަންގެ ސަބަބުން އިއްބެ އަށް އެއް ވެސް މެޗެއް އެ ކްލަބްގައި ކުޅެވޭ ގޮތެއް ނުވި އެވެ.

މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ސްޕެއިންގެ ބޯހަސް މާޓިން އަށް ދޭން ޖެހޭ މުސާރަ ދީފައި ނުވުމުން، އެ ފައިސާ ދައްކަންދެން ވެލެންސިއާ އަށް އަލަށް ސޮއި ކުރި އެއްވެސް ކުޅުންތެރިޔަކަށް ނުކުޅެވޭނެ އެވެ. އެހެންވެ ވެލެންސިއާގެ ޓީމާ އެކު ޕްރެކްޓިހަށް ނުކުތަސް އިއްބެ އަށް ޓީމާ އެކު އެއްވެސް މެޗެއްގައި ބައިވެރިއެއް ނުވެވުނެވެ.

ލީގުގައި ކުޅޭ އަށް ޓީމުން ވެސް، ގައުމީ ޓީމަށް ކުޅުންތެރިން ނެގި އެވެ. އެންމެ ގިނަ ކުޅުންތެރިން ނަގައިފައި ވަނީ މާޒިޔާއިންނެވެ. އެ ކްލަބުން 15 ކުޅުންތެރިން ނެގި އެވެ.

މާޒިޔާއިން ގައުމީ ޓީމަށް ނެގި ކުޅުންތެރިން

ސަމޫހް އަލީ (ސަމުއްޓޭ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސައިން ޝިފާއު ޔޫސުފް (ކްރޯ)، އައިސަމް އިބްރާހިމް (ޓޯނީ) ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހުސައިން ނިހާން (ނިހާޓް)، ހުސައިން ޝިފާޒު (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕް)، ހުސައިން ޝަރީފް، ނާއިޒު ހަސަން (ދާދު) މުހައްމަދު އިރުފާން، އަލީ ފާސިރު (ސެންޓޭ) ހަސަން ނަޒީމް (ޗޯޓް) އަދި މުހައްމަދު ފައިސަލް

އަނެއް 25 ކުޅުންތެރިންގެ ތެރެއިން އީގަލްސްއިން ފަސް ކުޅުންތެރިން ނެގި އެވެ.

އީގަލްސްއިން ނެގި ކުޅުންތެރިން

އަހުމަދު ރިޒްވާން، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަޝީދު، މުހައްމަދު ޝަފީއު (ޗެކް)، ހުމައިދު ހުސައިން އަދި އަހުމަދު ހަސަން (އަންމަޑޭ) އެވެ.

ބުރު ސްޕޯޓްސްއިން ނެގި ކުޅުންތެރިން

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް އިން ވެސް ފަސް ކުޅުންތެރިން ވަނީ ނަގައިފަ އެވެ. އެއީ މުޅިން އަލަށް ގައުމީ ޓީމަށް ނެގި ފާރޫގް އިސްމާއީލް، އިބްރާހިމް އުސާމާ، ޝައިހާން އަލީ އަދި ހަސަން މަޖީދު އެވެ. ދެން އެ ޓީމުން ނެގި މުހައްމަދު ސާއިފް ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމަށް ކުޅެފަ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ނެގި ކުޅުންތެރިން

ގައުމީ ޓީމަށް އަލަށް ނެގި ތިން ކުޅުންތެރިން ސަސްގެ ޓީމުގައި ހިމެނެ އެވެ. އެއީ މުހައްމަދު ނިޒާމް (ޕީކޭ) އަހުމަދު އައިހަމް (ފަތޯ) އާއި ވިޝާހް އަބްދުލް މަޖީދު އެވެ. ދެނެ އެ ޓީމުން ނެގީ މިގެ ކުރިން ގައުމީ ސްކޮޑްގައި ހިމެނުނު މުހައްމަދު ޝަހާއު (ބޭލް) އެވެ.

ޔުނައިޓެޑް ވިކްޓަރީން ނެގި ކުޅުންތެރިން

މުހައްމަދު ބައްސާމް، އަލީ ނާޖިހް، ޝިފާން ހަސަންގެ އިތުރުން މުޅިން އަލަށް ޓީމަށް ނެގި ޝަނާން ރަޝީދެވެ.

ގްރީން ސްޓްރީޓްސްއިން ޓީމަށް ނެގީ އަންސަރު އިބްރާހިމާއި މުހައްމަދު ޖައިލަމް (އޮގީ) އެވެ. ޓީސީ ސްޕޯޓްސް ކްލަބުން ޓީމަށް ނެގީ އަހުމަދު މާއިޝް ރަޝިދެވެ.