Roadha Mihaaru
ރަޝިޔާގެ މިސައިލްތަކުން ކިޔޭވްއަށް ބޮޑެތި ގެއްލުންތަކެއް

ރަޝިޔާގެ މިސައިލްތަކުން ކިޔޭވްއަށް ބޮޑެތި ގެއްލުންތަކެއް

17 މެއި 2023

މިދިޔަ އަންގާރަ ވިލޭރޭ މެންދަމުން ފެށިގެން، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް އަމާޒުކޮށް ރަޝިޔާ އިން ދިން ބާރުގަދަ މިސައިލް ހަމަލާތަކުގެ ސަބަބުން، އެ ސަހަރަށާއި ޔޫކްރޭންގެ އަސްކަރީ ދިފާއީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިދިޔަ އަންގާރަ ވިލޭރޭ މެންދަމުން ފެށިގެން، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް އަމާޒުކޮށް ރަޝިޔާ އިން ދިން ބާރުގަދަ މިސައިލް ހަމަލާތަކުގެ ސަބަބުން، އެ ސަހަރަށާއި ޔޫކްރޭންގެ އަސްކަރީ ދިފާއީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މަރުވި މީހުންގެ އަދަދެއް ވެސް ޔޫކްރޭނުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ސަހަރުގެ އާންމުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ގިނަ އަދަދެއްގެ މީހުން މަރުވި އެވެ. އަދި ޔޫކްރޭން ސިފައިންގެ ބައެއް މަގާމުތަކަށް އަމާޒުވި ބާރުގަދަ މިސައިލްތަކުން މުޅި ސަހަރަށް ލޮޅުން އަރައިގެން ދިޔަ ކަމަށް ވެސް އާންމުން ބުނެ އެވެ.

އަންގާރަ ވިލޭރޭ ރަޝިޔާ އިން ދިން މައިގަނޑު ގޮތެއްގައި އަމާޒުކުރީ، ވެރިރަށް ކިޔޭވް ހިމާޔަތް ކުރުމަށް ޔޫކްރޭނުން ގާއިމުކޮށްފައި ހުރި ދިފާއީ މަގާމުތަކަށެވެ. އެ ގޮތުން، ކިޔޭވްގެ މެދުތެރޭ ސަރަހައްދެއްގައި ބަހައްޓާފައި ހުރި، މިސައިލުން ދިފާއުވާ ޕެޓްރިއޮޓް މިސައިލް ނިޒާމެއް ހަލާކުވި ކަމަށް، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެ އެވެ.

އެމެރިކާ އިން ދީފައިވާ ޕެޓްރިއޮޓް މިސައިލް ނިޒާމު ހަލާކުކޮށްލީ ރަޝިޔާ އިން ދިން ކިންޒަލް މިސައިލް ހަމަލާއެއްގައި ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެ އެވެ. އަންގާރަ ދުވަހުގެ ރޭ ރަޝިޔާ އިން މިސައިލް ހަމަލާތައް ދޭން ފެށުމާއެކު، ޕެޓްރިއޮޓް މިސައިލް ނިޒާމު ބޭނުންކޮށްގެން، ރަޝިޔާގެ މިސައިލްތައް ވައިގެ ތެރެއަށް ގޮއްވައިލެވޭތޯ ޔޫކްރޭނުން މަސައްކަތް ކުރި އެވެ.

އެކަމުގައި ޔޫކްރޭނަށް މާބޮޑު ކާމިޔާބެއް ނުލިބުނަސް، ރަޝިޔާގެ ބައެއް މިސައިލްތައް ވައިގެ ތެރެއަށް ގޮއްވައިލެވުނެވެ. އަދި ރަޝިޔާ އިން ފޮނުވައިލި ގިނަ މިސައިލްތައް، އެމެރިކާގެ ޕެޓްރިއޮޓް މިސައިލްތަކަށް އަތުނުޖެހި އޭގެ އަމާޒަށް ވާސިލުވި އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރަޝިޔާގެ މިސައިލް ހަމަލާތަކުގައި ޕެޓްރިއޮޓް މިސައިލް ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މަރާމާތުކޮށްގެން ބޭނުންކުރެވޭނެ އެވެ. އެހެންކަމުން އެ ނިޒާމު މަރާމާތުކުރުމާ ބެހޭ ގޮތުން އެމެރިކާ އާއި ޔޫކްރޭންގެ ފަންނީ ޓީމަކުން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާގައި އުފައްދައި، އެމެރިކާ އާއި ބައެއް އެހެން ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ޕެޓްރިއޮޓް މިސައިލް ނިޒާމަކީ، އެމެރިކާގައި މިހާތަނަށް އުފެއްދި އެންމެ ފުރިހަމަ ވައިގެ ދިފާއީ ނިޒާމެވެ. މިއީ، ބާރު ދުވެލީގައި ދަތުރުކުރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި، ތިރިން ދަތުރުކުރާ ކްރޫޒް މިސައިލްތަކާއި އަޑަށް ވުރެ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލްތައް ވައްޓައިލުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެކެވެ.