Roadha Mihaaru
މިނިސްޓަރާ ދެކޮޅަށް ކުރި އިސްތިއުނާފް ނުބެލީ ރަނގަޅަށް

އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް ކުރި އިސްތިއުނާފް ނުބަލަން ނިންމީ ރަނގަޅަށް: ސުޕްރީމް ކޯޓް

15 މެއި 2023

އެމްއީއެސް ހިންގި އިމާރާތުގެ ބަދަލު ދިނުން ލަސްވި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވެސް ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްއީއެސް ހިންގި އިމާރާތުގެ ބަދަލު ދިނުން ލަސްވި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވެސް ދަމަހައްޓައިފި އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މާލެ ހައި ކުންފުންޏަށް ސަރުކާރުން ދީފައި ވަނިކޮށް 2013 ވަނަ އަހަރު ސަރުކާރުން އެ ތަން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ.

އެ މައްސަލާގައި މިނިސްޓަރު އައިޝާއާ ދެކޮޅަށް އެ ކުންފުނިން ދައުވާކުރީ ބަދަލުގެ ފައިސާ ދައްކަން ކޯޓުން ދިން އެއް މަސް ދުވަހުގެ މުއްދަތުގައި އެ ފައިސާ ދައްކާފައި ނުވާތީ އޭނާގެ އިހުމާލު އޮތް ކަމަށް ކަނޑައެޅުމަށެވެ. އެކަމަކު ސިވިލް ކޯޓުން ނިންމާފައި އޮތީ މިނިސްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އާއި ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމާފައި އޮތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ ނިންމުން އެ ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ވެސް ހައި ކޯޓުގެ ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ.

މިއީ ރާއްޖޭގައި މިނިސްޓަރަކާ ދެކޮޅަށް މިފަދަ ދައުވާއެއް ކުރި ފުރަތަމަ މައްސަލަ އެވެ.