Roadha Mihaaru
ވިސްނުމުގެ ހުނަރު ދަސްކޮށްދޭން ޖެހޭ: މިނިސްޓަރު

ތަފާތު ދާއިރާތަކުން ވިސްނުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ: މިނިސްޓަރު

24 ޑިސެމްބަރ 2022

ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ވިސްނުމުގެ ހުނަރު ދަސްކޮށްދޭނެ ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ވިސްނުމުގެ ހުނަރު ދަސްކޮށްދޭނެ ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ 6 ވަނަ "އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައެއް މުފައްކިރުންގެ ނަޒަރުގައި، ކުރީގެ ތައުލީމީ ނިޒާމުގެ ގޮތްތަކާއި 21 ވަނަ ގަރުނާ ނުގުޅޭ ކަމަށާއި އިންގިލާބީ ބަދަލެއް އަންނަން ޖެހޭ ކަމަށެވެ.

އެ ބަދަލަށް ދަރިވަރުން ތަމްރީނު ކުރުމަށް އިސްކަން ދޭންވީ ކަންކަމާއި ބޭނުންވާ ހާލަތްތައް ދެނެގަނެ އެ ބޭނުންކުރާނޭ ގޮތް ދަރިވަރުންނަށް ދަސްކޮށްދޭން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ މަދަރުސާ ކުއްޖަކާ މިއަދު ކުރިމަތިވާ އިންފޮމޭޝަން އާއި ޑިސްއިންފޮމޭޝަން ވަނީ ލާ މެހިފައި. ފޭކު ހަބާރާއި ހަގީގީ ހަބަރު ވަނީ އެއްވެފައި. ސައްހަ ނޫން އެތައް މައުލޫމާތުގެ ބޯވާރެއިން، ހަގީގަތުގެ މަލަމަތިވެސް ގެއްލޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ތައުލީމީ ބައެއް މުފައްކިރުންގެ ނަޒަރުގައި، މިކަމަށް އެންމެ މުހިއްމީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުސީ ސިފަތައް ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ކުދިންނަށް ދަސްކޮށްދޭން ޖެހެނީ ކްރިޓިކަލް ތިންކިންގެ ހުނަރު. ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ގާބިލުކަން. މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މައުލޫމާތުގެ މިންވަރަކުން. އެހެން ކަމުން އެކި ދާއިރާތަކުން ދަރިވަރުންނަށް އެނގެން ޖެހޭ މައުލޫމާތު މިވަނީ އިތުރުކުރަން ޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިމާގެ ޝައުގުވެރިކަން ހޯދުމަށް ތަފާތު މައުލޫމާތާއި މަންޒަރުތައް ވާދަކުރަމުންދާއިރު، ދަރިވަރުންގެ ގައިގައި ވަކި ސިފަތަކެއް އަށަގަންނުވަން ޖެހެ އެވެ.

- ވަކި ކަމަކަށް ސަމާލުކަން ދީ، ފޯކަސް ކުރުމާއި، ވިސްނާ ގޮތާ ބެހޭ ގޮތުން ވިސްނުން

- ނަފްސަށް އިތުބާރު ކުރުމާއި އަނެކާގެ އިހުސާސްތައް ދެނެގަތުން

- ގުޅިގެން މަސައްކަތްކުރުމާއި، މުއާމަލާތްކުރުން ދަސްކޮށްދިނުން

- ކަންކަން ހޯދާބެލުމުގެ ޝައުގުވެރިކަން، ކިޔުރޯސިޓީ ނުވަތަ އަރުމަވެރިކަން

- އަމިއްލައަށް ތަޖުރިބާކޮށްގެން ދަސްކުރުމާއި ކުރަން ފަށާކަމެއް ދޫނުކޮށް އެއްވާނެއްގައި ކުރުން

މިނިސްޓަރު ވިދާޅުވީ މި މަހާސިންތާ ނިމޭއިރު ޒަމާނީ ތައުލީމާ ބެހޭ ގިނަ މައުލޫމާތުތަކެއް ބައިވެރީންގެ މެދުގައި ފެތުރި، ގައުމުގެ މިސްރާބު ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހދ. ކުޅުދުއްފުށީގައި މިއަދު ފެށި އެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

ޓީޗާސް ކޮންފަރެންސަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގަ އެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެިން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި އިލްމީ، މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރާއްޖޭން ބޭރުން ޓީޗަރުންނާއި އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނެ އެވެ.

ހަ ވަނަ ޓީޗާސް ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ އިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން ހަތަރު ވޯކްޝޮޕް ކުރިއަށް ދާނެ އެވެ. އަދި ތައުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަންވެސް އޮންނާނެ އެވެ.