Roadha Mihaaru
ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި

އަރަބިއްޔާގެ އާ އިމާރާތަށް ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި

16 ޖޫން 2022

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިއަދު ފެށުނީ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ގެއްލުން ވެފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.

އެހެންވެ، އެ ސްކޫލްގެ އާ އިމާރާތް ބާޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަޅަން ސަރުކާރުން ނިންމީ އެވެ.

މިނިސްޓަރު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ މި އަހަރުގެ ތެރޭގައި އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާ ޖަމާލުއްދީންގައި ހުރި އިމާރާތްތައް ތަޅާލާނެ ބަޔަކު ހޯދަން މީގެ ކުރިން އިއުލާންކުރުމުން 22 ފަރާތަކުން ކުރިމަތިލި އެވެ. އެ މަސައްކަތް މިދިޔަ މަހުގެ 10 ގައި ވެލްޓްރޭޑިން ޕްރައިވެޓް ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރީ 2.4 މިލިއަން ރުފިޔާއަށެވެ.

އެ މަސައްކަތް ހަވާލުކުރީ 75 ދުވަސް (ދެ މަހާއި ބައިގެ) ތެރޭގައި ނިންމާށެވެ.

ބާޖަމާލުއްދީންގެ ނަމުން މަޝްހޫރުވި އިމާރާތުގައި އެންމެ ފުރަތަމަ ހިންގީ ޖަމާލުއްދީން ސްކޫލެވެ. އެ ތަން ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން އެ ސްކޫލްގެ ދަރިވަރުންނަށް އެ އިމާރާތާ ޖެހިގެން އާ ސްކޫލެއް ހަދައިދީ ދަރިވަރުން ބަދަލުކުރި އެވެ.