17 މެއި 2023
އޭ ލެވެލް ނިންމިއިރު، ޑރ. ނާއިފާ އަފީފް، ހިދުމަތް ކުރާނީ ކޮން ދާއިރާއަކުންތޯ ނުނިންމަވަ އެވެ. އެކަމަކު ހިތާއި ސިކުނޑީގައި އެނބުރެމުން ދިޔައީ ގިނަ ބަޔަކަށް އެހީވެވޭނެ ގޮތެކެވެ. އުއްމީދު ކުރެއްވީ، ޝައުގުވެރިވެވަޑައިގަންނަވާ އަދި އޭނާގެ ހިދުމަތް ބަލައިގަންނަ ދާއިރާކުން އެންމެ ދުރަށް ވަޑައިގަތުމަށެވެ.
އޭ ލެވެލް ނިންމިއިރު، ޑރ. ނާއިފާ އަފީފް، ހިދުމަތް ކުރާނީ ކޮން ދާއިރާއަކުންތޯ ނުނިންމަވަ އެވެ. އެކަމަކު ހިތާއި ސިކުނޑީގައި އެނބުރެމުން ދިޔައީ ގިނަ ބަޔަކަށް އެހީވެވޭނެ ގޮތެކެވެ. އުއްމީދު ކުރެއްވީ، ޝައުގުވެރިވެވަޑައިގަންނަވާ އަދި އޭނާގެ ހިދުމަތް ބަލައިގަންނަ ދާއިރާކުން އެންމެ ދުރަށް ވަޑައިގަތުމަށެވެ.
އޭނާގެ އެ ހުވަފެން ހަގީގަތަށް ވާން ނަސީބު އަތުގައި ހިފި އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހިދުމަތް ދެއްވާ އަދި އަމިއްލަ ކްލިނިކް، "އޯރަކެއާ" ހިންގަވަމުން އަންނަ ނާއިފާ އަކީ ރާއްޖޭގައި މިހާރު އެ ދާއިރާ އިން އެންމެ ކުޅަދާނަ، ތަޖުރިބާކާރު އެއް ޑޮކްޓަރެވެ. ހިދުމަތުގައި އޭނާ 27 އަހަރު ހޭދަކުރައްވައިފި އެވެ.
މި ހިސާބަށް އޭނާ އަށް ވަޑައިގެންނެވުނީ ފުރަތަމަ ވަޒީފާ އިންނެވެ. ސެންޓްރަލް ކްލިނިކުގެ ދަށުން ހިންގާ ޑެންޓަލް ކްލިނިކުގެ އެހީތެރިއެއްގެ ގޮތުގައި އުޅުއްވަނިކޮށް ފަހިވީ ޑެންޓަލް ހައިޖީން އާއި ޑެންޓަލް ތެރަޕީ ކިޔެވުމުގެ ކޯހެކެވެ. އިނގިރޭސި ވިލާތުން ލިބުނު އެ ކޯހަށް ދަތުރު ފެއްޓެވި އިރު، ނާއިފާގެ ދެ ވަނަ ވިސްނުމެއް ނެތެވެ.
"[ވަޒީފާއާ] ހިސާބުން މި ކަމަށް، ޑެންޓިސްޓަކަށް ވާން ޝައުގު އުފެދިއްޖެ،" މި ދާއިރާ އިން ނާއިފާގެ 27 އަހަރުވީ ހިދުމަތް ފެއްޓެވި ގޮތް ވިދާޅުވެދެއްވި އެވެ.
ނާއިފާ ފެއްޓެވި އިރު ދަތުގެ ފަރުވާގެ ހިދުމަތުގެ ދާއިރާގައި ގޮންޖެހުންތައް ގިނަ އެވެ. އަންހެން ޑެންޓިސްޓުން މަދުވުމަކީ ވެސް ކުރިއަށް ވަޑައިގަތުމަށް އުނދަގޫވި ސަބަބެކެވެ.
"އަޅުގަނޑު މި ދާއިރާ އަށް ނުކުތް އިރު މި މަސައްކަތުގައި އުޅޭ ދިވެހިން މަދު. ގިނައިން އޭރު ފެންނާނީ ވެސް މި މަސައްކަތުގައި ފިރިހެނުން. އޭރު ހިތަށް އެރީ، ޗެލެންޖިން ކަމެއް ވީމާ، އަންހެނުން މި ދާއިރާއަށް ނުނިކުންނަނީ އޭ. އެކަމަކު މިހާރު އެ މަންޒަރު ބަދަލުވެއްޖެ،" ރާއްޖޭގެ ޑެންޓިސްޓްރީ ދާއިރާ އަށް އެންމެ ފުރަތަމަ ނުކުތް އަންހެން ޑެންޓިސްޓުންގެ ލިސްޓުގެ އެންމެ ކުރީ ހިމެނިވަޑައިގަންނަވާ ނާއިފާ ވިދާޅުވި އެވެ.
ޑެންޓަލް ހައިޖިނިސްޓެއްގެ ގޮތުގައި ޑެންޓިސްޓްރީ އަށް ނުކުންނެވި އިރު ޑރ. ނާއިފާއަކީ މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓުގެ އެކްޓިން އެޗްއޯޑީއޯ އެވެ. އޭނާއަކީ އެ ހޮސްޕިޓަލުގެ އެންމެ ކުޅަދާނަ އެއް ޑެންޓަލް ސާޖަން އެވެ.
ޑރ. ނާއިފާ އޭނާގެ ކްލިނިކްގައި ހިދުމަތް ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކެރިއަރުގެ އެންމެ ކުރީގެ ހަނދާންތައް އާ ކުރައްވަމުން ނާއިފާ ވިދާޅުވީ ޑެންޓަލް ތެރަޕިސްޓެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ކަމަށެވެ. އޭނާ 1996 ގައި އެ ހޮސްޕިޓަލާ ގުޅިވަޑައިގެންނެވި އިރު، ޑެންޓިސްޓްރީގައި މަސައްކަތް ކުރަން ތިބީ މަދު ބަޔެކެވެ. ހިދުމަތަށް ހުސްކުރެއްވި ވަގުތާއި ބެހެއްޓެވި ފަރުވާތެރިކަމުގައި އޭނާ އަށް ގިނަ ބައެއްގެ އިތުބާރު ލިބުނެވެ.
މި ދާއިރާ އިން ކުރިއަށް ވަޑައިގަތުމަށް ނާއިފާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ އެވެ.
ޑެންޓަލް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، އަނެއްކާ ވެސް އިތުރު ތައުލީމު ހޯއްދަވައި ޑރ. ނާއިފާ ދެން ނުކުންނެވީ ޑެންޓިސްޓަކަށެވެ. އައިޖީއެމްއެޗްގެ ސީނިއާ ޑެންޓިސްޓެއްގެ ގޮތުގައި ހިދުމަތް ދެއްވަން ފެއްޓެވީ 2002 ވަނަ އަހަރެވެ.
ނާއިފާ ހިދުމަތް ދެއްވަނީ: އޭނާއަށް ކުރިއަށް ވަޑައިގެންނެވުނީ ހޯއްދެވި އިތުބާރުން. -- ފޮޓޯ | ފަޔާޒް މޫސާ
"އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަޅުގަނޑުގެ ކެރިއާ ފެށި އިރު އައި ޕޭޝަންޓުން އަދިވެސް އެބަ އާދޭ. އެ މީހުންގެ ދަރިންނާއި މާމަ، ކާފަ ދަރިން ވެސް ހަމަ އަޅުގަނޑަށް ދައްކަން ގޮވައިގެން އެބަ އާދޭ އަޅުގަނޑަށް ކުރާ އިތުބާރުގެ ސަބަބުން. އަޅުގަނޑު ބުނާނީ ޕޭޝަންޓުގެ ފަރާތުން ލިބުނު އިތުބާރަކީ އަޅުގަނޑު މި ދާއިރާގައި ކުރިއަށް ދިއުމުގެ ސިއްރޭ،" ޑރ. ނާއިފާ ވިދާޅުވި އެވެ.
"އަދި މިހާރު ހުރި ހިސާބަށް އައިސް އަމިއްލަ ޕްރެކްޓިސްއެއް ފަށައި، ކްލިނިކެއް ހުޅުވުމާ ހިސާބަށް މި ދިޔައީ ވެސް އެހެންވެ އޭ."
އައިޖީއެމްއެޗާއި އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އަމިއްލަ އެކި ކުލިނިކްތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު، އެ ތަޖުރިބާގެ އަލީގައި ޑރ. ނާއިފާ މިއަދު ހުންނެވީ ހިތްހަމަޖެހިވަޑައިގަންނަވާ ހިސާބެއްގަ އެވެ. އަމިއްލަ ކްލިނިކުން ވެސް ފަރުވާ ދެއްވުމުގެ މަގު ފަހިވެފައި އޮތުމަކީ އޭނާ އަށް ލިބިވަޑައިގަންނަވާ ޚާއްސަ އުފަލެކެވެ.
"އެކި ތަންތަނުގައި މަސައްކަތް ކުރުމަށް ފަހު، މިހާރު މި އޮތީ ކެރިއަރުގެ އެންމެ ޗެލެންޖިން މަސައްކަތް ވެސް ފެށިފައި. އަމިއްލަ ކްލިނިކެއް ހިންގުމަކީ އުނދަގޫ، ބުރަ މަސައްކަތެއް. އެކަމަކު ގިނަ ޕޭޝަންޓުންނަށް އަޅުގަނޑުގެ ފަރާތުން ހިދުމަތް ފޯރުކޮށްދީ، އަޅުގަނޑު އިތުބާރު ކުރާ އެކި ޑެންޓިސްޓުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތަން ހުޅުވީ. މިވީ ކުޑަ ދުވަސްކޮޅުގަ ވެސް އަޅުގަނޑަށް އިތުބާރު ކޮށް ޕޭޝަންޓުން މި ތަން ބަލައިގަންފި،" ޑރ. ނާއިފާ ވިދާޅުވި އެވެ.
ޑެންޓަލް ސާޖަން ވިދާޅުވި ގޮތުގައި މި ހިދުމަތަކީ ސިކުނޑިއަށް ބާރު ބޮޑު ހައްޓަށް ވަރުބަލި މަސައްކަތެކެވެ.
"ވަރަށް ގިނަ އިރު އެއް ގޮތަކަށް ހުންނަން ޖެހިދާނެ ދަތެއް ނަގަން. އަނެއްކާ ކަނދުރާ އަށް ވަރަށް ވާން ކުރާނެ މިކަމުގައި އުޅޭ އިރު. އެ ކަހަލަ ފިޒިކަލް ގޮންޖެހުންތަކެއް ހުރޭ. އަނެއްކާ ޕޭޝަންޓުން އާއްމުކޮށް ސާޖަރީ ހަދަން އަންނަ އިރު ހުންނާނީ ވަރަށް ވޭނުގައި. އެހެންވީމާ އެ ހުރިހާ ކަމަކާ ޑީލްކޮށް ހެދުމަކީ ކިހާ ޗެލެންޖިންކަމެއް ކަން އަސްލު މި ކަމުގަ ނޫޅޭ މީހަކަށް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ބުރަކަމާއި ގޮންޖެހުންތަކާ އެކު ވެސް ވަރުބަލިކަން އިހްސާސް ނުވަނީ މި ދާއިރާއަށް ޑރ. ނާއިފާގެ އޮތް ލޯތްބެވެ.
ޑެންޓިސްޓްރީ އަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން، އެ ފަދަ ގޮންޖެހުންތަކާ އެކު ވެސް، މި ކަމަށް ހޭދަ ކުރާ ވަގުތަކަށް ވަކި ބަދަލެއް ނާދެ އެވެ. ހާއްސަކޮށް "އޯރަކެއާ"އާ އެކު މި ކަމަށް ހޭދަ ކުރާ ވަގުތު ވަނީ އިތުރުވެފަ އެވެ.
ހަފްތާއަކު ތިން ދުވަހު ޓްރީ ޓޮޕްގައި ޕޭޝަންޓުންނަށް ފަރުވާ ދެއްވުމަށް ފަހު، ދެން ހުރިހާ ވަގުތެއް އޭނާ ހުސްކުރައްވަނީ އަމިއްލަ ކްލިނިކްގަ އެވެ. ރެ އާއި ދުވާލު ފޫހިކަމެއް ނެތި އޭނާ ހުންނަވަނީ ހިދުމަތަށް ހުސްވެ އެވެ.
ޑރ. ނާއިފާގެ އޯރަކެއާ ކްލިނިކުގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޑެންޓަލް ތިން ޗެއާއާ އެކު ހިދުމަތް ދެމުން އަންނަ އޯރަކެއާގައި ޑރ. ނާއިފާގެ އިތުރުން ޑެންޓަލް ސްޕެޝަލިސްޓަކާއި ވިޒިޓިން އޯތަޑެންޓިސްޓެއް ހިދުމަތް ދެއްވަ އެވެ. އެ ކްލިނިކުގެ މަސައްކަތުގައި ނާއިފާ އެކު އިސްކޮށް އުޅުއްވަނީ ފިރިމީހާ އާއި ދަރިފުޅެވެ.
"ކްލިނިކްގެ އޮޕަރޭޝަންސްތަކުގައި ފިރިމީހާ އާއި ދަރިފުޅުގެ ބައިވެރިވުން ވަރަށް ބޮޑު. އެ ދެ މީހުން ވެސް ގިނަ ވަގުތު ހޭދަކުރަނީ މި ތަނުގެ އެކި މަސައްކަތްތަކުގައި. ކްލިނިކެއް އަޅުގަނޑަށް މި ހިންގެނީ އަޅުގަނޑުގެ އާއިލާގެ ސަބަބުން،" ޑރ. ނާއިފާގެ ދުނިޔެ އިން ކުރިއަށް ވަޑައިގަތުމަށް އާއިލާއިން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރެއްވި އެވެ.
ހިދުމަތް ކުރައްވާނެ ދާއިރާއަކާ މެދު ސުވާލު އުފެދުނު ނާއިފާ އަށް 27 އަހަރުގެ ތެރޭގައި އެތައް ބައެއްގެ ލޯތްބާއި އިތުބާރު ލިބިއްޖެ އެވެ. އެއީ، އޭނާ މި ދާއިރާ ދޫކޮށް ނުލައްވަން ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އެހެންވެ ދެން ވެސް ކުރިމަތީގައި އޮތީ، ޗެލެންޖެކެވެ.
އިތުބާރުކުރާ މީހުން ބޭނުންވާ ގޮތަށް، ކުރިއަށް ވަޑައިގަތުމަށް "އޯރަކެއާ" ގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމެވެ. އެއީ އޭނާއަށް ކުރި އިތުބާރު ދެމިއޮންނާނެ ކްލިނިކަކަށް ހެއްދެވުމެވެ.
"އުއްމީދަކީ ކުރެވެން އޮތް އެންމެ ބޮޑަށް މި ކްލިނިކް ފުޅާކުރުން،" ޑރ. ނާއިފާ ވިދާޅުވި އެވެ.
އޭނާ މި ދާއިރާ އިން ރިޓަޔާ ކުރައްވާ އިރު ވެސް ހިތްދޫވި ދާއިރާއިން ހިދުމަތް މެދުނުކެނޑި ލިބެން ބޭނުންވުމަކީ މިހާރު އެންމެ ބޮޑު އަޒުމެވެ.
ސިއްހީ މަރުކަޒެއްގައި އަލަށް ދަތުގެ ފަރުވާދެނީި
ހއ. އަތޮޅު ހޮސްޕިޓަލުގައި ތިން ހިދުމަތެއް ފަށައިފި
އެސިޑް އެކުލެވޭ ބުއިންތަކުން ދަތްތައް ހަލާކުވޭ: ދިރާސާ
ހިތުގެ މައްސަލަ ދެނެގަނެވޭ ދަތްއުނގުޅާ ބުރުހެއް
ދަތް އުފުރާލުމުން ލޭ މަނާ ނުވެ މީހަކު މަރުވެއްޖެ
މައުތުވޮޝް އިން ހަކުރުބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ
މި މީހާ ދަތް ނޫނގުޅައި 20 އަހަރު ހުރި
ދަތެއްގައި ރިއްސާތީ ދެއްކުމުން ޖެހުނީ ލޮލެއް ނަގަން
އަނގައިގެ ކެންސަރަށް ހޭލުންތެރިކުރަން ކެމްޕޭނެއް
ފުއްޕާމޭގެ ރައްކަލަށް އަނގަ ސާފުކޮށް ބަހައްޓަންޖެހޭ