Roadha Mihaaru
ދަތް އުފުރާލުމުން ލޭ މަނާ ނުވެ މީހަކު މަރުވެއްޖެ

ދަތް އުފުރާލުމުން ލޭ މަނާ ނުވެ މީހަކު މަރުވެއްޖެ

20 ޑިސެމްބަރ 2017

އިންޑިޔާގެ އަވަށެއްގައި ދިރިއުޅޭ އަބްދުލްގާދިރު ބަގަލްކޯޓް ޑިސެމްބަރު 8 ވަނަ ދުވަހު ދަތުގެ ޑޮކްޓަރަކަށް ދެއްކީ ދަތެއްގައި ވަރަށް ބޮޑަށް ރިއްސާތީ އެވެ. ޑރ. މަލަގަދްސް ރަތުނާ ޑެންޓަލް ކްލިނިކަށް އޭނާ ފަރުވާ ހޯދަން ދިއުމުން އޭނާއަށް ފަރުވާ ދިނީ ޑރ. ވީރެޝް މަލަގަދް ނަމަކަށް ކިޔާ ޑޮކްޓަރެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިޔާގެ އަވަށެއްގައި ދިރިއުޅޭ އަބްދުލްގާދިރު ބަގަލްކޯޓް ޑިސެމްބަރު 8 ވަނަ ދުވަހު ދަތުގެ ޑޮކްޓަރަކަށް ދެއްކީ ދަތެއްގައި ވަރަށް ބޮޑަށް ރިއްސާތީ އެވެ. ޑރ. މަލަގަދްސް ރަތުނާ ޑެންޓަލް ކްލިނިކަށް އޭނާ ފަރުވާ ހޯދަން ދިއުމުން އޭނާއަށް ފަރުވާ ދިނީ ޑރ. ވީރެޝް މަލަގަދް ނަމަކަށް ކިޔާ ޑޮކްޓަރެކެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނާ ގޮތުން އަބްދުލްގާދިރުގެ ތިން ދަތް ޑރ. ވީރެޝް އުފުރާލި އެވެ. ދަތްތައް އުފުރުމުން ލޭ އަންނަން ފަށައި ލޭ މަނައި ނުވެގެން ކިމްސް ހޮސްޕިޓަލުގައި އޭނާ ޑިސެމްބަރު 9 ވަނަ ދުވަހު އެޑްމިޓްކުރީ ކަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅި އަބްދުލްގާދިރުގެ ބޭބެ އަބްދުއްރައްޒާގު ބުންޏެވެ.

ގާދިރު މިހާރު ވަނީ މަރުވެފަ އެވެ.

އޭނާގެ ބޭބެ ބުނީ ޑިސެމްބަރު 11 ގައި އަބްދުލްގާދިރު ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައި އޮއްވާ ޑރ. ވީރެޝް އޭނާ ކައިރިޔަށް ދިޔަ ކަމަށެވެ. ޑޮކްޓަރު އައީ ލިޔުމެއް ހިފައިގެން ކަމަށާއި އަބްދުލްގާދިރު ކޯމާގައި އޮއްވާ އޭނާގެ އިނގިލީގެ ނިޝާން ޑޮކްޓަރު ގެނައި ގަނޑުގައި ޖެއްސި ކަމަށް ވެސް ބޭބެ ބުނެ އެވެ.

ބަލިމީހާގެ ހާލަތަކަށް ޑެންޓިސްޓް ޒިންމާ ވާން ނުޖެހޭ ކަމަށް އެ ސިޓީގައި ލިޔެފައި އޮތް ކަމަށްވެ އެވެ. އަދި ހެޔޮއެދިގެން ކަމަށް ބުނެ ބަލިމީހާއަށޭ ކިޔާފައި ޑޮކްޓަރު 10،000 ރުޕީސް ވެސް ދިން ކަމަށް ބޭބެ ބުންޏެވެ.

ގާދިރުގެ އާއިލާއިން ބުނަނީ ދަތް އުފުރި ފަހުން ލޭ މަނާނުވެ ގާދިރު ކޯމާ އަށް ދިޔައީ ކަމަށެވެ. އެެހެންވެ ޑެންޓިސްޓާ ދެކޮޅަށް އެމީހުން ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.

ގާދިރަށް ފަރުވާ ދިން ކިމްސް ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. ޑީ.ޑީ. ބަސަންތު ވިދާޅުވީ ދެ ދުވަހެއް ކުރިން ގެނެވުނު ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށެވެ. ނަމަވެސް ބަސަންތު ވިދާޅުވި ގޮތުގައި އޭނާ މަރުވި ސަބަބެއް ބުނަން އެނގޭނީ ޕޯސްޓް މޯޓަމް ރިޕޯޓް ލިބުުމުންނެވެ.

ޑރ. ވީރެޝް ބުނީ ދަތުގެ އޮޕަރޭޝަން ކުރި ފަހުން ގާދިރުގެ އަނގައިން ވަރަށް ގިނައިން ލޭ އައިކަން އޭނާއަށް ވެސް ފަހުން އެނގުނު ކަމަށެވެ. ނަމަވެސް އާއިލާއިން ފުރަތަމަ އޭނާއަށް އެކަން ނާންގާ ކަމަށާއި އޭނާ ކައިރީ އެ ވާހަކަ ބުނީ ތިން ދުވަސް ފަހުން ކިމްސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށް ވެސް ވީރެޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގާދިރު އެޑްމިޓް ކުރި ފަހުން ގާނޫނީ ވަކީލެއް ކަމަށް ބުނާ މީހަކު އޭނާ އަތުން ބިރުދައްކައިގެން ފައިސާ ހޯދަން މަސައްކަތް ކޮށްފައިވެ އެވެ. އަދި އިންސާނިއްޔަތަށްޓަކައި 10،000 ރުޕީސް ބަލިމީހާ އަށް ދީ އޭނާ ލައްވާ ސްޓޭޓްމަންޓެއްގައި ސޮއި ކުރުވިކަމަށް ވީރެޝް އެއްބަސްވެ އެވެ.

އެކަމަކު އޭނާ ބުނި ގޮތުގައި އޭރު ގާދިރުގެ ހޭވެރިކަން ހުއްޓެވެ. އަދި އައިސީޔޫގައި ކޯމާގައި އޮތް ބަލިމީހެއްގެ ފިންގަޕްރިންޓް ނަގަން ކިމްސް ހޮސްޕިޓަލުން ހުއްދަ ދީފާނެތޯ އޭނާ ސުވާލު އުފެއްދި އެވެ.