Roadha Mihaaru
ސިއްހީ މަރުކަޒެއްގައި އަލަށް ދަތުގެ ފަރުވާދެނީި

ސިއްހީ މަރުކަޒެއްގައި ފުރަތަމަ ފަހަރަށް ދަތުގެ ފަރުވާދޭ ޔުނިޓެއް

18 އޯގަސްޓް 2020

ކ. މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާދޭން މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާދޭން މިއަދު ފަށައިފި އެވެ.

މިއީ ރާއްޖޭގެ ސިއްހީ މަރުކަޒެއްގައި ދަތުގެ ފަރުވާ ދޭން ޚާއްސަ ޔުނިޓެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ. އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާ އެކު މިހާރު 17 ތަނެއްގައި ދަތުގެ ފަރުވާ ލިބެ އެވެ.

އޮންލައިންކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ފައްޓަވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ، މާފުއްޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުންގެ އިތުރުން ޖަލުގައި ގައިދީން ބައިތިއްބާ ރަށަކަށް ވާތީ މާފުށީ ސިއްްހީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ޚަރަދުތައް ކުޑަވާނެ ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ ނިޒާމުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ކަމަކީ ސިއްހީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާފުއްޓާ ކައިރި ރަށްތަކުގެ ރަށްވެހިންނަށް ވެސް މި ލިބިގެން ދިޔައީ ވަރަށް ބޮޑު ލުޔެއް،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައިދީންނަށް ފޯރުކޮށް ދިނުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މާފުށީ ކައިރީގައި ރިސޯޓްތައް ތަރައްގީ ކުރާއިރު، އެ ރަށުގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެކަމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.