09 މެއި 2023
ކެނެޑާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތާއެކު، ކެނެޑާގައި ހުންނަވާ ޗައިނާގެ ޑިޕްލޮމޭޓު ޒާއޮ ވެއި، ކެނެޑާ އިން ބޭރުކޮށްލަން ނިންމުމާ ގުޅިގެން ޗައިނާގައި ހުންނަވާ ކެނެޑާ ކޮންސުލް، އަނބުރާ ގައުމަށް ފޮނުވައިލުމަށް ޗައިނާ އިން މިއަދު ނިންމައިފި އެވެ.
ކެނެޑާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތާއެކު، ކެނެޑާގައި ހުންނަވާ ޗައިނާގެ ޑިޕްލޮމޭޓު ޒާއޮ ވެއި، ކެނެޑާ އިން ބޭރުކޮށްލަން ނިންމުމާ ގުޅިގެން ޗައިނާގައި ހުންނަވާ ކެނެޑާ ކޮންސުލް، އަނބުރާ ގައުމަށް ފޮނުވައިލުމަށް ޗައިނާ އިން މިއަދު ނިންމައިފި އެވެ.
ކެނެޑާ ސަރުކާރުން ބުނި ގޮތުގައި ޗައިނާގެ ޑިޕްލޮމެޓް ކެނެޑާ އިން ބޭރުކޮށްލަން ނިންމީ، ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޕާޓީ ތަމްސީލު ކުރައްވާ މެންބަރަކަށް ބިރު ދެއްކުމުގައި ޗައިނާގެ ޑިޕްލޮމެޓް ބައިވެރިވާތީ އެވެ. އެއީ ކޮން މެމްބަރެއްކަން ކެނެޑާ ސަރުކާރުން ނުބުނި ނަމަވެސް، ކެނެޑާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޗައިނާ އެމްބަސީގެ ތެރެއިން ރޭވިފައިވާ ހަރަކާތްތަކެއްގެ ތެރެއިން ބިރު ދައްކަމުން ދަނީ، ގާނޫނު ހަދާ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީ ތަމްސީލުކުރައްވާ މައިކަލް ޗޯންގް އަށެވެ.
މައިކަލް ޗޯންގް އަކީ ޗައިނާގެ ހޮންކޮންގް ދަރިކޮޅުގެ މީހެކެވެ. ޗައިނާގެ ބައިމަދު އުއިގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ކުށްވެރިކުރުމަށް، 2021 ވަނަ އަހަރު އޭނާ ވަނީ ކެނެޑާގެ ގާނޫނު ހަދާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އެ ގަރާރާ ގުޅިގެން، ޗައިނާ ސަރުކާރުން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.
"އަހަރެން ވަރަށް ސާފު ބަހުން މި ބުނަނީ: އަހަރެމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއްވެސް ސިފައެއްގެ ބޭރުގެ ނުފޫޒެއް ފެތުރުމަކީ އަހަރެމެން ތަހައްމަލު ކުރާނެ ކަމެއް ނޫން. މިފަދަ ކަމެއްގައި ބޭރު ގައުމެއްގެ އެއްވެސް ޑިޕްލޮމޭޓަކު އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ، އެމީހަކު އަނބުރާ ގައުމަށް ފޮނުވައިލާނެ ކަމަށް، ކެނެޑާގައި ތިއްބަވާ ހުރިހާ ޑިޕްލޮމޭޓުންނަށް ކުރިން ވެސް އޮންނާނީ އިންޒާރުކޮށްފައި،" ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ކެނެޑާގެ މި ނިންމުމަށް ދެކޮޅު ހަދަމުން ޗައިނާ ސަރުކާރުން ބުނެފައިވަނީ، ކެނެޑާ ސަރުކާރުން އެ ތުހުމަތުކުރާ އެއްވެސް ކަމެއްގައި ޗައިނާގެ ޑިޕްލޮމޭޓަކު ބައިވެރިނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ޝައުގުވެރިކަމެއް ޗައިނާގައި ނެތް ކަމަށް ވެސް ޗައިނާ ސަރުކާރުން ބުންޏެވެ.
ކެނެޑާގެ ވެރިރަށް އޮޓާވާގައި ހުންނަ ޗައިނާ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކެނެޑާގެ ދާޚިލީ އެއްވެސް ކަމަކާ ޗައިނާގެ އެއްވެސް ޑިޕްލޮމޭޓަކު ނުބެހެ އެވެ.
"ކެނެޑާ ސަރުކާރުން މި އެޅި ފިޔަވަޅާ މެދު ޗައިނާ އިން އެންމެ އެކަށީގެންވާ ގޮތަކަށް ފިސާރި ސާބިތުކަމާ އެކު ފިޔަވަޅު އަޅާނެ. މިހާ ފަރުވާ ކުޑަ އަދި ފިނޑި ގޮތަކަށް ކެނެޑާ އިން އަމަލުކުރާ ނަމަ، ވަރަށް ސާބިތުކަމާއެކު ފުރިހަމަ ބާރާ އެކުގައި ޗައިނާ އިން ރައްދުގައި ފިޔަވަޅު އަޅާނެ،" ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައިވެ އެވެ.
ޗައިނާ އެމްބަސީން އެ އިންޒާރު ދިންތާ 24 ގަޑިއިރު ވެސް ނުވަނީސް، ޗައިނާ ސަރުކާރުން މިއަދު ނިންމާފައިވަނީ، ވެރިރަށް ބެއިޖިންގައި ހުންނަ ޗައިނާގެ ކޮންސުލޭޓް ޖެނެރަލްގައި ހުންނަވާ ކޮންސުލް ޖެނިފާ ލީން ލާލޯންޑް ޗައިނާ އިން ބޭރުކޮށްލުމަށެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޗައިނާ އިން ބޭރުވުމަށް، ޗައިނާގެ ޚާރިޖިއްޔާ އިން މިހާރު ވަނީ ޖެނިފާ އަށް އަންގައިފަ އެވެ.
ޗައިނާގެ ސަފީރާ ދެކޮޅަށް ކެނެޑާއިން ފިޔަވަޅު މި އެޅީ، ޗައިނާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާ، ކެނެޑާގެ ޕާލަމެންޓް މެމްބަރުން ދިރިއުޅުއްވާ ތަންތަނާ ބެހޭ މައުލޫމާތުތައް، ޗައިނާ އެމްބަސީން ހޯދާ ކަމަށް، ކެނެޑާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ފަޒީލް ހިމެނޭހޭން 3 ގައުމެއްގެ ސަފީރުންނަށް ރުހުންދީފި
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"
ޗައިނާއިން ގައުމުގެ ދާހިލީ ކަންކަމާ ނުބެހޭނެ: ސަފީރު
ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް
ރާއްޖެ-ޗައިނާގެ ގުޅުމަކީ މިސާލެއް: ސަފީރު
ޗައިނާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ: އާ ސަފީރު
އިންޑިއާ، ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި
މީހެއްގެ އަޑު ބޭނުންކުރާތީ ޓިކްޓޮކަށް ދައުވާކޮށްފި