Roadha Mihaaru
އިމުގެ މައްސަލަ: ރާއްޖޭގެ ކާމިޔާބަށް ޝަހީދުގެ ތައުރީފު

އިމުގެ މައްސަލާގައި މޮރިޝަސްގެ މައްޗަށް ރާއްޖެ ހޯދި ކާމިޔާބީ އަށް ޑރ. ޝަހީދުގެ ތައުރީފު

28 އެޕްރީލް 2023

ރާއްޖޭގެ ދެކުނު ސަރަހައްދު ޗާގޯސް އާ ވީ ސަރަހައްދުގެ އިން ކަނޑައެޅުމުގައި މިއަދު މޮރިޝަސްގެ މައްޗަށް ރާއްޖެ އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހޯދި ކާމިޔާބަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ތައުރީފު ކުރައްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ދެކުނު ސަރަހައްދު ޗާގޯސް އާ ވީ ސަރަހައްދުގެ އިން ކަނޑައެޅުމުގައި މިއަދު މޮރިޝަސްގެ މައްޗަށް ރާއްޖެ އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހޯދި ކާމިޔާބަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ތައުރީފު ކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ދެ ސަރުކާރެއްގައި ކުރެއްވި، ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ޝަހީދު ވިދާޅުވީ ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަމަށް އެ ގައުމުން ވާކާލާތު ކުރާ ސަރަހައްދުން ފަހަތަށް ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅާ އެއްގޮތަށް ކޯޓުން ރާއްޖޭގެ ކޮޅަށް ނިންމުމަކީ ކާމިޔާބެއް ކަމަށެވެ.

"މިއަދު އިޓްލޮސްގައި މުހިންމު ގިނަ ޕޮއިންޓްތަކެއް ރާއްޖޭގެ ކޮޅަށް ކާމިޔާބު ވުމުން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތަށް މަރުހަބާ ކިޔަން،" އދ. ގެ ރެޕެޓުއާގެ މަގާމު ވެސް ކުރިން ފުރުއްވި ޝަހީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީއާ އެއްގޮތަށް ކޮސްޓް ރިކަވަރީ ކްލޭމްސް މޮރިޝަސް އިން ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިަށް ތަހުނިޔާ ދަންނަވަން."

މިއަދުގެ ކާމިޔާބީގައި ކްރެޑިޓް ހައްގުވާ ފަރާތްތަކަށް ކްރެޑިޓް ދިނުމަށް ވެސް ޝަހީދު އިލްތިމާސް ކުރެއްވި އެވެ. އޭނާ އެދިވަޑައިގަތީ ރާއްޖޭގެ އީއީޒެޑްގެ މައްސަލަތަކުގައި ދެން ހުރި ކަންކަމުގައި ވެސް ރާއްޖޭގެ ކޮޅަށް ކާމިޔާބެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.