Roadha Mihaaru
މެދުއިރުމަތިން އެމެރިކާގެ ބާރު ދޫވެ ދައުރު ޗައިނާ އަށް

އެމެރިކާގެ ނުފޫޒު މެދުއިރުމަތިން ފޮހެވި އިސް ދައުރު ޗައިނާ އަށް

28 އެޕްރީލް 2023

ސައުދީ އަރަބިއްޔާ އާއި އީރާނުގެ ހާރިޖީ ވަޒީރުން ހަތް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ މި މަހު އެވެ. އެތައް އަހަރެއް ވަންދެން ދެކޮޅުވެރިކަމާއި ދުޝްމަނުކަން މަތީގައި އޮތް އެ ދެ ގައުމުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ދެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުން ބައްދަލު ކުރައްވައި މުޅި ދުނިޔެ ހައިރާން ކޮށްލައިފަ އެވެ. ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނު ފަހުން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސައުދީ އަރަބިއްޔާ އާއި އީރާނުގެ ހާރިޖީ ވަޒީރުން ހަތް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ މި މަހު އެވެ. އެތައް އަހަރެއް ވަންދެން ދެކޮޅުވެރިކަމާއި ދުޝްމަނުކަން މަތީގައި އޮތް އެ ދެ ގައުމުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ދެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުން ބައްދަލު ކުރައްވައި މުޅި ދުނިޔެ ހައިރާން ކޮށްލައިފަ އެވެ. ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނު ފަހުން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފި އެވެ.

ސައުދީ އާއި އިރާންގެ ސިޔާސީ ގުޅުން އަލުން ގާއިމުވުމާ، ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކުގެ ވަޅުގަނޑެއްގައި އޮތް ސީރިއާ އާއި ޔަމަނުގެ މައްސަލަ އަށް ސުލްހަ އަތުވެދާނެ ކަމުގެ ކުލަވަރު އަންނަނީ ފެންނަމުންނެވެ. އެ ހުރިހާ ބަދަލެއްގެ މެދުވެރިޔެއްގެ ގޮތުގައި އޮތީ ޗައިނާ އެވެ. ކުރިން އެމެރިކާގެ ނުފޫޒު އޮތް މެދުއިރުމަތިން، އެ ގައުމުގެ ބާރާއި ނުފޫޒު ދޫވެ އެ ސަރަހައްދުގައި އާ ނުފޫޒެއް ގާއިމު ކުރީ ޗައިނާ އެވެ.

އެމެރިކާ އަށް ނުކުރެވުނު ކަންކަން ޗައިނާ އިން ކުރަން ފަށައިފި ކަމަށް މެދުއިރުމަތީގެ މީޑިއާ އިން ވެސް ބުނެ އެވެ. އެމެރިކާ އޮތީ އިރާނާ ދެކޮޅު ބާރެއްގެ ގޮތުގަ އެވެ. ކުރިން އެމެރިކާ އަށް ވަފާތެރި ގައުމެއްގެ ގޮތުގައި ސައުދީ އަރަބިއާ އޮތުމުން، އެ ގައުމުން ވެސް އިރާނާ މެދު ދެކެނީ ދެކޮޅުވެރިއެއްގެ ނަޒަރުންނެވެ. މިދިޔަ ހަތް ވަރަކަށް އަހަރު ތެރޭގައި މެދުއިރުމަތިން އެމެރިކާގެ ބާރު މަޑުމަޑުން ދޫވާން ފެށި އެވެ. އޭގެ ފައިދާ ނަގައި އެތެރެއަށް ދެމިގަތީ ޗައިނާ އެވެ.

އެކަމަކު ސުވާލަކީ މެދުއިރުމަތީގެ ގައުމުތައް ސުލްހަވެރިކަމާ އެކު ކިހާ ދުވަހަކު ޗައިނާ އަށް ބޭއްވޭނެތޯ އެވެ؟ މެދުއިރުމަތީގެ އެހެން ދެ ގައުމެއް ކަމަށްވާ އޮމާނާއި އިރާގުގެ ގުޅުން ރަނގަޅު ކުރެވޭތޯ އަހަރުތަކެއް ކުރިން ޗައިނާ އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. މި ފަހަރު ޗައިނާ އިން މަސައްކަތް ފެށީ އާ ވިސްނުމަކާ އެކު އެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ރަނގަޅު ކުރަން ޗައިނާ އިން މަސައްކަތް ފެށީ ޗައިނާގެ ވިޔަފާރީގެ އިންވެސްޓްމެންޓް ކޮންމެ ގައުމެއްގައި ގާއިމު ކުރުމަށް ފަހު އެވެ. ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ވެސް ޗައިނާއާ ދުރު ނުވެވޭނެކަން ކަށަވަރު ކުރުމަށް ފަހު އެވެ.

ސައޔދޫ އަރަބިއާ، ޗައިނާ އަދު އިރާންގެ ހާރިޖީ ވަޒީރުން: ސަލާމް ކުރައްވަނީ: ޗައިނާ މެދުވެރިވެ ސައުދީ އާއި އިރަންގެ ގުޅުން ޗައިނާއިން ވަނީ އެކުވެރިކޮށް ދީފަ

ސައޔދޫ އަރަބިއާ، ޗައިނާ އަދު އިރާންގެ ހާރިޖީ ވަޒީރުން: ސަލާމް ކުރައްވަނީ: ޗައިނާ މެދުވެރިވެ ސައުދީ އާއި އިރަންގެ ގުޅުން ޗައިނާއިން ވަނީ އެކުވެރިކޮށް ދީފަ

ސައުދީ އާއި އިރާންގެ ގުޅުމާ، ޔަމަނާއި ސީރިއާގެ މަސްރަހަށް ސުލްހަ ގެނައުން އެކަންޏެއް ނޫނެވެ. މެދުއިރުމަތީގައި ޗައިނާ އިން އަލަށް ފެށި މަސައްކަތް އެ ވަރުން ފުއްދާކަށް އެ ގައުމުން ބޭނުމެއް ނުވެ އެވެ.

މިދިޔަ ހަފުތާގައި ޗައިނާގެ އާ ހާރިޖީ ވަޒީރު ކިން ޖޭން ވިދާޅުވީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން މެދުވެރިއެއްގެ ދައުރު އަދާކުރަން ވެސް ބެއިޖިން އޮތީ ތައްޔާރަށް ކަމަށެވެ.

ހާރިޖީ ދާއިރާގެ އިލްމީ ދިރާސާ ކުރައްވާ ޖަރުމަންގެ އެސޯސިއޭޓް ޕްރޮފޮސަރެއް ކަމަށްވާ ޖޫލިއާ ގުރޯލް-ހެލަރު ވިދާޅުވިގޮތުގައި ސައޫދީ އާއި އީރާން އެއްބަސްވުމަކީ ޗައިނާ އިން ކުރިމަގުގައި އަދާކުރާނެ އިސް ދައުރުގެ ފެށުން ކަމުގައި ވެދާނެ އެވެ.

"މިއީ ސުލްހަ ގާއިމުކުރުމުގެ މެދުވެރިއެއްގެ ގޮތުގައި ޗައިނާ އިން ކުރިން އަދާކުރި ދައުރަށް ވުރެ ބޮޑު ދައުރެއް އަދާކުރަން ތައްޔާރަށް އޮތް ކަމުގެ އިއުލާން ކުރުމެއް،" އޭނާ ވިދާޅުވި އެވެ.

މަސްރަހު ދިރާސާ ކުރައްވާ ތަޖުރިބާކާރު އެހެން ބޭފުޅުން ވިދާޅުވާގޮތުގައި އެ ހުރިހާ ކަމެއް ހިނގަނީ މެދުއިރުމަތީގެ އެންމެ ބޮޑު ބާރުގެ ގޮތުގައި އޮންނަ އެމެރިކާގެ ނުފޫޒު މިހާރު ކުޑަވެފައި ވުމުންނެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމުމާއި ސައުދީ އަރަބިއްޔާއާ އެކު އޮތް ގުޅުން ފަނޑުވުމަކީ އެމެރިކާ އަށް މެދުއިރުމަތީގެ ބާރު ގެއްލެން ދިމާވި ސަބަބުތަކެވެ. އެމެރިކާ އިން ގިނަ ދުވަސްތަކެއް ވަންދެން ވެރިވެ އޮތް އިރާގާއި އަފްޣާނިސްތާނުގައި ހަލަބޮލިކަން އުފައްދައި، އެ ދެ ގައުމުން އެމެރިކާ ފޭބުމުގެ ސަބަބުން ވެސް މެދުއިރުމަތީގައި އެމެރިކާގެ އިތުބާރު ގެއްލުނެވެ.

އެމެރިކާގެ އެތެރޭގެ ދާހިލީ ސިޔާސީ ކަންކަމުގެ ސަބަބުން ވެސް އެ ގައުމަށް ނުތަނަވަސް ކަމެއް އޮތީ ކުރިމަތި ވެފަ އެވެ. ނަސްލީ އިމްތިޔާޒުގެ ސަބަބުން އެމެރިކާގެ އެތެރެ އޮތީ ބައިބައި ވެފަ އެވެ. ދުނިޔެ އަށް ހަމަޖެހުން ގެނައުމުގެ ބާރެއްގެ ހައިސިއްޔަތުން އެތައް އަހަރެއް ވަންދެން އެ ގައުމުން އަދާކުރަމުން އަންނަ ދައުރާ މެދު އެމެރިކާގެ އާންމުންގެ މެދުގައި ދަނީ ހިޔާލު ތަފާތުވުން އެފެދެމުންނެވެ.

އެމެރިކާގެ މަގާމު ޗައިނާ އަށް އަދާކުރެވިދާނެތަ؟

އެންމެ ކުރު ޖަވާބަކީ؛ ހަލުވިކަމާއެކު ޗައިނާގެ ނުފޫޒު ބާރުގަދަވަމުން ދިޔަ ނަމަވެސް، ވޮޝިންޓަންގެ އެތައް އަސްކަރީ މަރުކަޒުތަކަކާއި ދިފާއީ އައްޑަނަތަކެއް ހުރުމުން އަދި ވެސް މެދުއިރުމަތީގައި އެމެރިކާ މަގާމު ބަދަލު ކުރުމުގެ ގާބިލުކަން ޗައިނާގެ ނެތެވެ. ފަހަރެއްގައި އެމެރިކާ އިން ގެންގުޅޭ ގޮތަށް އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ބަހައްޓާ ގުދަންތައް ހަދައިގެން ޗައިނާ އިން އެ ކަން ކުރަން ބޭނުން ނުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އަސްކަރީ މަރުކަޒުތައް އެމެރިކާ އަށް ދީގެން ތިބެ ވެސް ޗައިނާ އަށް މެދުއިރުމަތި ބަދަލުކޮށްލެވިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

ޝަންހާއީ އިންޓަނޭޝަނަލް ސްޓަޑީޒް ޔުނިވާސިޓީގެ މިޑްލް އީސްޓް ސްޓަޑީޒް އިންސްޓިޓިއުޓްގެ ޕްރޮފެސަރެއް ކަމަށްވާ ފާން ހޮންގްޑާ ވިދާޅުވީ، މެދުއިރުމަތީގައި ޗައިނާ އިން ވިސްނުން ގެންގުޅޭނީ ޒަމާނުއްސުރެ ހިފަހައްޓަމުން އައި މަގާމު އަތުލަން ނޫން ކަމަށެވެ. ޗައިނާގެ ބާރު މައިގަނޑު ގޮތެއްގައި އޮތީ އެ ގައުމުގެ އިގްތިސާދީ ނުފޫޒާއި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ފަދަ މަޝްރޫއުތަކުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަންކަން އެ ސަރަހައްދުގައި މި ވަގުތު ދެމެހެއްޓުމަކީ ޗައިނާ އިން އުފާކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. "މެދުއިރުމަތި ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް ޗައިނާއިން ދުވަހަކުވެސް ގެންގުޅޭ ކަމަކަށް ނުބެލެވޭ،" އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ފޭން ވިދާޅުވި އެވެ.

ޗައިނާއިން އެހީ ވެދީގެން ތަރައްގީކޮށްފައިވާ މައްކާގެ ރޭލް ނެޓްވޯކް  ބަޔަކު ބޭނުން ކުރަނީ

ޗައިނާއިން އެހީ ވެދީގެން ތަރައްގީކޮށްފައިވާ މައްކާގެ ރޭލް ނެޓްވޯކް ބަޔަކު ބޭނުން ކުރަނީ

"މެދުއިރުމަތީގައި އެމެރިކާ ބަދަލުކުރުމުގެ ވިސްނުމެއް ބެއިޖިންގެ ނެތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެނީ މެދުއިރުމަތީގައި އެމެރިކާ އިން ހިންގާ ގިނަ އަމަލުތަކަކީ ޗައިނާ ރުހޭ ކަންތައްތަކެއް ނޫން. ކުރުކޮށް ދަންނަވާ ނަމަ މެދުއިރުމަތީގެ ގައުމުތަކަށް އެއްބާރުލުން ދިނުމުގެ އަމިއްލަ ގޮތެއް ޗައިނާގެ އެބައޮތް."

ސަބަބަކީ ޗައިނާ އިން ކޮށްފައިވާ އިގްތިސޯދީ އިންވެސްޓްމެންޓްތަކެވެ. ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުމެވެ. އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ސައުދީ އާއި އިރާން އަތުން ވެސް އެންމެ ގިނައިން ތެޔޮ ގަންނަނީ ޗައިނާއިންނެވެ.

މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ޗައިނާއިން ގާއިމުކޮށްފައިވާ ވިޔާފާރީގެ ގުޅުންތައް

- އިރާގުން ތެޔޮ، ގަތަރުން ގޭސް ގަތުން.

- އަލްޖީރިއާ އާއި މޮރޮކޯ އާއި ތުރުކީ އާއި މިސްރު އަދި ސައުދީ އަރަބިއްޔާ އަށް ހަތިޔާރު އެކްސްޕޯޓް ކުރުން.

- ގާހިރާ އިން ބޭރުގައި މިސްރުގެ އާ ވެރިރަށް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

- މައްކާގައި މެޓްރޯ ރޭލް ނެޓްވޯކް ޗައިނާގެ އެހީފައި ބިނާކުރުން.

ޗައިނާ އިން 2005-2022 ހަމައަށް މެދުއިރުމަތީގައި 273 ބިލިއަން ޑޮލަރަށް ވުރެ ގިނަ އިންވެސްޓް ކޮށްފައި ވެއެވެ. އެއީ މެދުއިރުމަތީގެ އެންމެ ބޮޑު އިންވެސްޓަރެވެ.

އެ ސަބަބުތަކާ އެކު މެދުއިރުމަތީގައި އެމެރިކާ އަށް ވުރެ ޗައިނާގެ ނުފޫޒު ގަދަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެ ސަރަހައްދުގެ ގައުމުތަކުގެ އާންމުންގެ ފަރާތުން ވެސް، ޗައިނާ އަށް އޮތް އިހުތިރާމު ބޮޑުކަން އެނަލިސްޓުން ފާހަގަކުރެ އެވެ.