06 އެޕްރީލް 2023
ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލިތާ ހަތް އަހަރު ފަހުން، ސައޫދީ އަރަބިއްޔާ އާއި އީރާންގެ ޚާރިޖީ ވަޒީރުން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ދެގައުމުގެ ދެމެދުގައި އަލުން ވައިގެ ދަތުރުތައް ފެށުމަށް، އެއްބަސްވެވަޑައިގެން އެކަން އިއުލާން ކުރައްވައިފި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލިތާ ހަތް އަހަރު ފަހުން، ސައޫދީ އަރަބިއްޔާ އާއި އީރާންގެ ޚާރިޖީ ވަޒީރުން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ދެގައުމުގެ ދެމެދުގައި އަލުން ވައިގެ ދަތުރުތައް ފެށުމަށް، އެއްބަސްވެވަޑައިގެން އެކަން އިއުލާން ކުރައްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރް ފައިސަލް ބިން ފަރްހާން އާއި އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހްޔާން ބައްދަލު ކުރެއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. ދެ ގައުމުގެ ޚާރިޖީ ވަޒީރުން މި ބައްދަލުކުރެއްވީ، ސައޫދީ އަރަބިއްޔާ އިން، 2016 ވަނަ އަހަރު ސިޔާސީ ގުޅުން ކަނޑައިލިތާ ހަތް އަހަރަށް ފަހު، މި ދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެ ގުޅުން އަލުން އިއާދަކުރުމަށް ފަހު އެވެ.
ދެ ގައުމުގެ ޚާރިޖީ ވަޒީރުން މިއަދު އެއްބަސްވެވަޑައިގެންނެވި އެހެން ކަންކަމުގެ ތެރޭގައި، އެއް ގައުމުން އަނެއް ގައުމުގެ ރައްޔިތުންނަށް ވިސާ ދޫކުރުން ހިމެނެ އެވެ. އޭގެ އިތުރުން ދެ ގައުމުގެ އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުގެ މަންދޫބުން އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރުން ވެސް ހިމެނެ އެވެ.
އެޕްރީލް 6، 2023؛ ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރް ފައިސަލް ބިން ފަރްހާން (ކ) އާއި އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހްޔާން (ވ) އާއި ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް ޗައިނާގެ ވެރިރަށް ބެއިޖިންގައި މިއަދު ބައްދަލުކުރައްވަނީ. --އޭއެފްޕީ
ޗައިނާ މެދުވެރިއަކަށްވެ، ސައޫދީ އާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރިކަން އިއުލާން ކުރީ، މާޗް މަހުގެ 10 ވަނަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭގެ ފަހުން ދެ ގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ދެ ފަހަރެއްގެ މަތިން ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އީރާންގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ދެ ގައުމުގެ ޚާރިޖީ ވަޒީރުން މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވީ، އެއް ގައުމުގައި އަނެއް ގައުމުގައި ގާއިމުކޮށްފައިވާ އެމްބަސީ އާއި ކޮންސުލޭޓް އަލުން ހުޅުވުމާ ބެހޭ ގޮތުންނެވެ. ދެ ބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ސައޫދީ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް ސައޫދީ ސަރުކާރުން ހިންގާ ޓީވީ ޗެނަލް އަލް އަޚްބާރިއްޔާގެ ޓުވިޓާ އެކައުންޓުން އާންމުކުރި ކުރު ވީޑިއޯއެއްގައި، ޗައިނާގެ ސަގާފީ ކުރެހުމެއްގެ ކައިރީގައި ބަހައްޓާފައި ހުރި ދެ ގައުމުގެ ދެ ދިދަ ކައިރީގައި ތިއްބަވައިގެން ދެ ބޭފުޅުން ވަރަށް އެކުވެރި މާހައުލެއްގައި ސަލާމްކުރައްވާ މަންޒަރު ފެނެ އެވެ. އެއަށް ފަހު، ބައްދަލުވުން އޮތް ކޮޓަރިއަށް ދެ ބޭފުޅުން ވަދެވަޑައިގެން ދެ ގޮނޑީގައި އިށީނދެވަޑައިގެން މަޝްވަރާތައް ފައްޓަވަ އެވެ.
ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން އިއާދަކުރިތާ 10 ދުވަސް ވެސް ނުވަނީސް، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދު ވަނީ، އެ ގައުމަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް އެދިވަޑައިގެން، އީރާންގެ ރައީސް އިބްރާހީމް ރައީސީ އަށް ދައުވަތެއް ފޮނުއްވައިފަ އެވެ. އެކަން އީރާން ސަރުކާރުން ކަށަވަރުކޮށްދިން ނަމަވެސް، ސައޫދީ ސަރުކާރުން އެކަމާ ބެހޭ ގޮތުން ރަސްމީ ގޮތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ސައޫދީ އާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އިއާދަކުރުމާ އެކު، ކުރިއަށް އޮތް ދެ މަސް ތެރޭގައި، އެއް އެއް ގައުމުން އަނެއް ގައުމުގައި ހިންގަމުން އައި އެމްބަސީ އަލުން ހުޅުވުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އޭގެ އިތުރުން، ސަލާމަތީ ކަންކަމުގަ އާއި އިގްތިސާދީ ގޮތުން އެއްބާރުލުމާ ބެހޭ ގޮތުން، މީގެ 20 އަހަރު ކުރިން ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަލުން އަމަލުކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ސައޫދީގައި އީރާންގެ އެމްބަސީ ހުޅުވައިފި
ޗައިނާ އިއްތިހާދުގައި ސައޫދީ ބައިވެރިވާނެ
އީރާން-ސައޫދީ ޚާރިޖީ ވަޒީރުން މިމަހު ބައްދަލުކުރައްވަނީ
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ ރަސްގެފާނު އީރާންގެ ރައީސަށް ދައުވަތު އަރުވައިފި
މެދުއިރުމަތިން އެމެރިކާގެ ބާރު ދޫވެ ދައުރު ޗައިނާ އަށް
ސައޫދީގެ ޑިޕްލޮމެޓިކް ވަފްދެއް އީރާނަށް
ސަލްމާން ރަސްގެފާނުގެ ދައުވަތެއް އީރާންގެ ރައީސަށް
އީރާންގައި އިންވެސްޓްކުރަން ސައޫދީ ތައްޔާރު