Roadha Mihaaru
ޗައިނާ މެދުވެރިއަކަށްވެ ސައޫދީ އާއި އީރާން ސުލްހަކޮށްފި

ޗައިނާ މެދުވެރިއަކަށްވެ ސައޫދީ އާއި އީރާން ސުލްހަކޮށްފި

10 މާޗް 2023

ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ގުޅުން ގޯސްވެ ސިޔާސީ ގުޅުންތައް ކަނޑާލިތާ ހަތް އަހަރު ފަހުން އަލުން ގުޅުންތައް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއް ހަދައި އެކަން މިއަދު ދެ ގައުމުން އިއުލާނުކޮށްފި އެވެ.

ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ގުޅުން ގޯސްވެ ސިޔާސީ ގުޅުންތައް ކަނޑާލިތާ ހަތް އަހަރު ފަހުން އަލުން ގުޅުންތައް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއް ހަދައި އެކަން މިއަދު ދެ ގައުމުން އިއުލާނުކޮށްފި އެވެ.

މެދުއިރުމަތީގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ސަބަބަކަށް މި ދެ ގައުމުގެ ގޯސް ގުޅުން ވެފައި ވަނިކޮށް ސުލްހަވާން ނިންމީ ޗައިނާ މެދުވެރިއަކަށްވެގެން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ. މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގުގެ އިސްނެންގެވުމަކަށް މިދިޔަ ހޯމަ ދުވަހު ބެއިޖިންގައި ބޭއްވި މަޝްވަރާތަކުގެ ނަތީޖާ އެވެ.

މި އެއްބަސްވުން މިއަދު އިއުލާނުކުރީ ޗައިނާގައި، އެ ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނަކުންނެވެ. އޭގައި ބުނެފައިވަނީ މިއީ ގުޅުން ރަނގަޅު އަވަށްޓެރިންގެ ގޮތުގައި ގައުމުތަކަށް ތިބުމުގެ މުހިންމުކަމާ އެކު ރައީސް ޝީ ބޭއްވެވި މަޝްވަރާތަކެއް ކަމަށާއި މިއީ ގުޅުންތައް އިޔާދަކުރަން އީރާނާއި ސައޫދީން ވެސް ބޭނުންވެގެން އެ ކުރި މަޝްވަރާތަކެއް ކަމަށެވެ.

އީރާންގެ ސެކިއުރިޓީ އޮފިޝަލެއް ކަމަށްވާ އަލީ ޝަމްޚާނީ އާއި ސައޫދީ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން މުހައްމަދު އާލް އައިބާން ސޮއިކުރެއްވި އެއްބަސްވުމުގައި ބުނެފައިވަނީ ކުރިއަށް އޮތް ދެ މަސް ތެރޭ ދެ ގައުމުން ވެސް އެމްބަސީތައް އަލުން ހުޅުވާނެ ކަމަށެވެ. އަދި ކޮންމެ ގައުމަކުން ވެސް އަނެއް ގައުމެއްގެ މިނިވަންކަމަށް އިހްތިރާމްކޮށް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން، ދެ ގައުމުން 2001 ވަނަ އަހަރު ސޮއިކުރި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށައި ވިޔަފާރި އާއި އިގްތިސާދާއި ޓެކްނޮލޮޖީ އާއި އިންވެސްޓްމަންޓުގެ ދާއިރާތަކުން އެއްބާރުލުމާ ބެހޭ ގޮތުން 1998 ވަނަ އަހަރު ސޮއިކުރި މުއާހަދާއަށް އަމަލުކުރަން ފެށުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އީރާނާ އެކު ސުލްހަވުމަށް ހެދި އެއްބަސްވުމާ ބެހޭ ގޮތުން ނެރުނު ބަޔާން ސައޫދީގެ ފޮރިން މިނިސްޓްރީން ޓްވީޓްކޮށްފައި

"އީރާނާއި ސައޫދީން ކުރީގެ ގުޅުމަށް އިޔާދަވުމަކީ މުޅި ސަރަހައްދާއި އިސްލާމީ ދުނިޔެއަށް ވެސް މުހިންމު ނިންމުމަކަށް ވެގެން ދާނެ،" އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރް އަބްދުލްއަހިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ސުލްހަވާން ނިންމި އިރު އީރާން މިހާރު އޮތީ ބައިނަލްއަގުވާމީ ދުނިޔޭގައި ކުރިއަށްވުރެ ވެސް ބޮޑަށް އެކަހެރިވެފަ އެވެ. އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލާގައި ކުރަމުން އަންނަ މަޝްވަރާތައް އޮތީ، އީރާނުން ރަޝިއާއަށް ހަތިޔާރު ވިއްކާތީ، ހުއްޓުމަކަށް އައިސްފަ އެވެ.

ސައޫދީން އީރާނާ ސިޔާސީ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު، އީރާންގެ ވެރިރަށް ތެހެރާންގައި މުޒާހަރާކޮށް، އެ ތަނުގައި ހުންނަ ސައޫދީ އެމްބަސީއަށް ގެއްލުންދީ ހުޅުޖެހި މައްސަލައިގަ އެވެ. އެކަން ކޮށްފައިވަނީ ސައޫދީގައި ޝީއީން އުޅޭ ހިސާބުތަކުގައި މުޒާހަރާކުރުމުގައި އިސްކޮށް އުޅުނު ޝީއީންގެ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ނިމްރު ބަޣްރު އާލް ނިމްރު ދަންޖައްސައި މެރުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމާ އެކުގަ އެވެ. އޭގެ ފަހުން ސައޫދީން ވަނީ އީރާނަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި ޝީއީންގެ 30 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ.

ސައޫދީގައި ހަމަނުޖެހުން އުފެއްދުމަށް އީރާން އަޑީގައި އޮވެގެން މަސައްކަތްކުރާ ކަމަށް ސައޫދީން ތުހުމަތުކުރެ އެވެ. ސައޫދީގެ އަވަށްޓެރި ޔަމަންގެ ހޫތީ ހަނގުރާމަވެރިނަށް ހަތިޔާރު ދެނީ ވެސް އީރާނުން ކަމަށް ސައޫދީ ބުނެ އެވެ. ހޫތީން ޑްރޯން ބޭނުންކޮށްގެން ސައޫދީގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދޭން ފެށުމުން 2019 ވަނަ އަަހަރު މައްސަލަ އިތުރަށް ގޯސްވި އެވެ.

އީރާނާއި ސައޫދީން މީގެ ކުރިން 2021 ވަނަ އަހަރު ވެސް ވަނީ އިރާގާއި އޯމާނުން އިސްވެ ބޭއްވި ސުލްހައިގެ މަޝްވަރާތަކެއްގައި ވެސް ބައިވެރިވެފަ އެވެ.