Roadha Mihaaru
ހޯނޑެއްދޫ ފެނަށް ޖެހި، ފެން ހަދިޔާކުރަން އެދިއްޖެ

ހޯނޑެއްދޫ ފެނަށް ޖެހި، ފެން ހަދިޔާކުރަން އެދިއްޖެ

20 އެޕްރީލް 2023

ގދ. ހޯނޑެއްދޫ ފެނަށް ޖެހި، އެ ރަށަށް ފެން ހަދިޔާ ކުރަން ރަށު ކައުންސިލުން މިއަދު އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގދ. ހޯނޑެއްދޫ ފެނަށް ޖެހި، އެ ރަށަށް ފެން ހަދިޔާ ކުރަން ރަށު ކައުންސިލުން މިއަދު އެދިއްޖެ އެވެ.

ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ، މި ރޯދަމަހުގެ ކުރިން އެ ރަށް ފެނަށް ޖެހި، ފެން ފޯރުކޮށް ދިނުމަށް އެދި މިދިޔަ މަހު 26 ވަނަ ދުވަހު ފެނަކައިގައި އެދިފައި ވާނެ ކަމަށެވެ.

އެ ރަށުގެ ގޭގޭގައި އާންމު ފެންތާނގިތަކުން ފެން ހުސްވުމުން ދެން ބޭނުން ކުރީ ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި ވާރޭ ފެން ސްޓޯރޭޖްގައި ހުރި ފެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޯދަ މަހު ކުރީކޮޅު އެ ސްޓޯރޭޖުން ވެސް ފެން ހުސްވެއްޖެ،" ވިރާޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެ ފަހުން ކައްކަން ބޭނުން ކުރީ މިސްކިތު ވަޅުން ފެން ނަގައިގެން ކަމަށެވެ. އަދި ބައެއް ގޭގެއިން މިނަރަލް ވޯޓާ ފެން ބޯން ބޭނުން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ހުރިހާ އެންމެންނަށް މިނަރަލް ވޯޓާ ގަނެގެން ބޭނުމެއް ނުކުރެވޭނެ ދެއްތޯ. މިނަރަލް ވޯޓާ ގަނެގެން ބޭނުން ކުރި ގޭގެއިން ބޯފެން ނުލިބޭ ބައެއް ގޭގެއަށް ބޯނެ ފެން ދިން،" އޭނާ ވިދާޅުވި އެވެ.

ބޯ ފެން ފޯރުކޮށް ދޭން އެދި ހޯޑެއްދޫ ކައުންސިލުން އާންމު ކުރި އިއުލާން

އޭނާ ވިދާޅުވީ އެންމެ ބޮޑު ދަތި ކަމެއް ކުރިމަތި ވަނީ ބޯން ބޭނުން ކުރާ ފެން ލިބުމުގައި ކަމަށެވެ.

"މި ރަށުގައި ވެސް އާންމުކޮށް ބޯން ބޭނުން ކުރަނީ ވާރޭ ފެން. ނޫނީ މިނަރަލް ވޯޓާ،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން އާންމުކޮށް މި ހުޅުވާލީ މި ރަށަށް ބޯން ބޭނުން ކުރާ ފެން ފޯރުކޮށް ދިނުމަށް އެދި."

ވިރާޝް ވިދާޅުވީ މިއަދު ފެނަކައިން ފެން ފޯރުކޮށް ދޭނެ ކަމަށް ބުނާ ކަމަށެވެ. އެ ކުންފުނިން ފެން ފޯރުކޮށް ދިނުން ލަސްވެފައި ވުމުން، ހޯނޑެއްދޫ ހިމެނޭ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"ހޯނޑެއްދޫ އޮތީ ބޯފެނަށް ޖެހިފައި. މާޗް މަހުން ފެށިގެން ސަރުކާރުގައި އަދި ފެނަކައިގައި ބޯފެނަށް އެދި ކައުންސިލުން ދެންނެވުމުން (ސައީދު) ދިނީ ބީރު ކަންފަތެއް،" ޓްވިޓާގައި ފިރުޝާން ވިދާޅުވި އެވެ.