Roadha Mihaaru
އަގުހެޔޮކޮށް ހައްޖަށް ގެންދަން ތިން ކުންފުނި ހޮވައިފި

އަގު ހެޔޮކޮށް ހައްޖަށް ގެންދަން ތިން ކުންފުންޏަކަށް ހުއްދަ ދީފި

20 އެޕްރީލް 2023

ރާއްޖެއިން މި އަހަރު ހައްޖަށް ގެންދަން ހުޅުވާލުމުން ކުންފުނިތަކުން ފުރަތަމަ ހުށަހެޅި އަގުތައް ބޮޑުކަމުން ބީލަން ބާތިލްކޮށް އަގު ކޮންޓްރޯލްކޮށްގެން ތިން ކުންފުންޏަކަށް ހުއްދަދީފި އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ގެންދަން ހުޅުވާލުމުން ކުންފުނިތަކުން ފުރަތަމަ ހުށަހެޅި އަގުތައް ބޮޑުކަމުން ބީލަން ބާތިލްކޮށް އަގު ކޮންޓްރޯލްކޮށްގެން ތިން ކުންފުންޏަކަށް ހުއްދަދީފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ދެ ވަނަ ފަހަރަށް ބީލަން ހުޅުވަލުމުން ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދަން ހޮވި ކުންފުނިތަކާއި އަގުތައް އާއްމުކޮށްފަ އެވެ. ހުއްދަ ދޫކުރީ މީގެކުރިން ވެސް އާއްމުކޮށް ރާއްޖެ އިން މީހުން ހައްޖަށް ގެންދާ ތިން ކުންފުންޏަކަށެވެ.

ހުއްދަ ދިން ކުންފުނިތައް

- އަލްހަރަމައިން ހައްޖު އެންޑް އުމްރާ (75،250ރ)

- ސިސިލްފަރު ހައްޖު އެންޑް އުމްރާ (75،465ރ.)

- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (75،000ރ.)

ރާއްޖެއަށް 1،000 ހައްޖު ކޯޓާ ކަށަވަރުވެފައި އޮތަސް މިއިން ކޮންމެ ކުންފުންޏަކަށް ދޫކުރީ 90 ޖާގަ އެވެ. ބާކީ ޖާގަތައް ދޫކުރަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނަށެވެ.

އެއް އަހަރަށް ހުއްދަދޫކުރި މި ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލްތަކެއް އެބަހުއްޓެވެ. ހުއްދަދީފައިވާ އަގަށް ވުރެން އިތުރަށް ފައިސާ ނެގުމާއި ކުންފުނިތަކަށް ފައިސާ ދެއްކުމާއި ހުއްދަ ދީފައިވާ ކޯޓާއަށް ވުރެން އިތުރަށް މީހުން ގެންދަން ފައިސާ ނެގުމަކީ ވެސް މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެެވެ.

ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ކުރިން ހުޅުވާލިއިރު އިސްލާމިކް މިނިސްޓްރީން ވަކި އަގެއް ކަނޑައެއްނާޅަ އެވެ. އެކަމަކު ބިޑްތައް ބާތިލްކޮށް އަލުން ހުޅުވާލި އިރު، އަގުގެ ގޮތުގައި ހުށަހެޅޭނީ 75،000-95،000ރ.އާ ދެމެދުގެ އަގެއް ކަމަށް އިއުލާންގައިވެ އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރިން ބިޑް ހުށަހަޅާފައި ވަނީ ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެން ނުވާ އަގުތަކެކެވެ. އެކަމަކު ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުން ހުށަހެޅި އަގުތަކުގެ ތަފްސީލެއް މިނިސްޓްރީން އާއްމެއް ނުކުރެ އެވެ.

ހައްޖަށް ގެންދިއުމުގެ އަގުގެ ގޮތުގައި ކުރިން އަމިއްލަ ކުންފުނިތަކުން ވެސް ނަގަމުން އައީ، ގާތްގަނޑަކަށް 70،000ރ. އެވެ. ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.

ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ރަސްމީ ކޯޓާގެ ގޮތުގައި 1،000 ކަނޑައަޅާފައި އޮތަސް ސަރުކާރުތަކުން އެދުމުން މި އަދަދު އިތުރުކޮށްދެ އެވެ.

ރާއްޖެއަށް މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު، 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ސައުދީ އަރަބިއްޔާގައި އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން 27 އެވެ.

ހައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ޖުމްލަ 899،533 މީހުން ބައިވެރިވި އެވެ. ކޮވިޑްއާ ގުޅިގެން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އެ ހުރިހާ ޖާގައެއް ވެސް އެ ފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.