Roadha Mihaaru
ސިސިލްފަރަށް ހުއްދަ ނުދިން މައްސަލަ އޭސީސީއަށް

ސިސިލްފަރަށް ހުއްދަ ނުދިން މައްސަލަ އޭސީސީއަށް ހުށަހަޅައިފި

21 މެއި 2019

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ސިސިލްފަރަށް ނުދިން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ސިސިލްފަރަށް ނުދިން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.

އެ މައްސަލާގައި، ސިވިލް ކޯޓުގައި ސިސިލްފަރު ތަމްސީލުކުރައްވާ ވަކީލް ނާޒިމް ސައްތާރު މިއަދު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭތީ އެކަން ބަލަން މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށެވެ.

ސިސިލްފަރު ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލަމުން އަންނަކަން އޭސީސީން އޭސީސީން ކަށަވަރުކޮށްދިނެވެ.

ހުއްދަ ނުދިން މައްސަލާގައި ހިތްހަމަނުޖެހިގެން ސިސިލްފަރު ގްރޫޕުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލެއް ނުލިބިގެން މިހާރު ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ނިންމައިފަ އެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަނީ މާކްސް ދިނުމުގައި މިނިސްޓްރީން އަމަލުކުރީ މައުލޫމާތު ދިން ގޮތާ ޚިލާފަށް އަދި އިވެލުއޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގައި 35 އަހަރުގެ ތަޖުރިބާ އެ ކުންފުންޏަށް ލިބިފައިވާއިރު، މާކްސް ދިންއިރު ތަޖްރިބާގެ ބައިން އެ ކުންފުންޏަށް އެންމެ ޕަސެންޓެއްގެ މާކްސް ވެސް ލިބިފައިނުވާ ކަމަށާއި އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް އެ މައްސަލާގައިވެ އެވެ.