Roadha Mihaaru
ކުރިއެރުމާއި އުފާފާގަތިކަމުގެ ދީން

ކުރިއެރުމާއި އުފާފާގަތިކަމުގެ ދީން

13 އެޕްރީލް 2023

މާތްވެގެންވާ އިސްލާމްދީނަކީ، އެންމެހާ އިންސާނުންގެ ހަމަޖެހުމާއި ކުރިއެރުމާއި އުފާފާގަތިކަމަށް ގޮވާލާ ދީނެވެ. ހަގީގަތުގައި، ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަން ކަށަވަރު ކޮށްދޭ ހަމައެކަނި ދީނަކީ، އިސްލާމްދީނެވެ. މާތް الله ވަހީ ކުރެއްވިއެވެ. ﴿ مَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْـيِـيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ ﴾ (النحل : 97) މާނައީ: [مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، صالـح عمل އެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.]

މި އާޔަތުގައި މާތް الله ސަރީހަ އިބާރާތުން ބަޔާން ކުރައްވާފައިވާ ގޮތުގައި، ހެޔޮ އަމަލު ކުރާ މީހުންނަށް މި ދުނިޔޭގައި ވެސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ދެއްވާނެ އެވެ. އަދި އާހިރަތުގައި ވެސް ހެޔޮވެގެންވާ ދަރުމައާއި ސަވާބު ދެއްވާނެ އެވެ. އެކަން އެހެން އޮތުމުން އެނގެނީ، ދުނިޔޭގެ ހަމަޖެހުމާއި އުފާފާގަތި ކަމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ މާތް الله ރުހިވޮޑިގެންވާ ކަމެއްކަމެވެ.

ޝަރްއުގެ ދަލީލުތަކަށް ނަޒަރު ހިންގާލާއިރު، މި ދުނިޔޭގެ ކުރިއެރުމަށާއި ތަރައްގީ އަށް މަސައްކަތް ކުރުމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ވެސް މެ އެވެ. ފަހެ، މާތް الله ވަހީ ކުރެއްވި އެވެ. ﴿ وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْأَخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِـى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُـحِبُّ ٱلْمُفْسِدِينَ ﴾ (القصص : 77) މާނައީ: [އަދި ތިބާޔަށް الله ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) اۤخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: اۤخرة ގެ ދިންނެވުމާއި، رحـمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެ އިން ތިބާޔަށް ލިބެންވީ ބައި ހަނދާން ނައްތައި ނުލާށެވެ! އަދި الله، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާ ވެސް (الله ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދި ނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، الله ލޯބިވެވޮޑިގެނެއް ނުވެތެވެ.]

على بن أبـى طالب رضى الله عنه ވިދާޅުވި އެވެ. [ތިބާގެ ސިއްހަތާއި ހަށިގަނޑުގެ ބާރާއި ޒުވާންކަމާއި މުއްސަނދިކަމުގެ މަތިން ހަނދާން ނައްތާނުލާށެވެ. އަދި އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި ވެސް އެ ތަކެތީގެ ބޭނުން ކުރާށެވެ.]

މީގެ އިތުރުން، عزّة އަކީ، މާތް الله އެކަލާނގެ ޒާތުފުޅަށާއި އެކަލާނގެ ރަސޫލާ އަށާއި މުއުމިންތަކުންނަށް ހާއްސަ ކުރައްވާފައިވާ ސިފައެއް ކަމުގައި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވުމުން، މުސްލިމް ފަރުދުންނަށާއި މުޅި އިސްލާމީ އުންމަތަށް عزّة އާއި قدر ހޯދައި ދޭން މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއްކަން އޮޅުމެއް ނެތި އެނގެ އެވެ.

އަޅުގަނޑުމެންގެ އަމިއްލަ ކުރިއެރުމަށާއި ފޯރުންތެރި ކަމަށާއި އާއިލާ އާއި މުޖްތަމައުގެ ތަރައްގީއަށާއި ގައުމާއި މުޅި އިސްލާމީ އުންމަތުގެ قدر އާއި ހައިބަތާއި، عزّة އަށްޓަކައި ގަދައަޅައި މަސައްކަތް ކުރުން ދޫކޮށްލުމަކީ، ފަހަރެއްގައި ވެސް އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ކުރިއެރުމާއި ތަރައްގީ ބިނާވެގެން ވަނީ، ތައުލީމާއި ހުނަރުވެރިކަމާއި ސިޔާސީ ހޭލުންތެރިކަމުގެ މައްޗަށް ކަމަށް ވާތީ، އަޅުގަނޑުމެން އެންމެ އިސްކަން ދޭން ޖެހޭނެ ކަމަކީ، އަޅުގަނޑުމެންގެ ދަރިންނަށް މަތީ ފެންވަރުގެ ތައުލީމެއް ހާސިލް ކޮށްދިނުމަށެވެ. އޭގެ ތެރޭގައި، އިސްލާމީ ތައުލީމާއި ތަރުބިޔަތާއި ގައުމީ އަދި ސިޔާސީ ހޭލުންތެރިކަން ވަރަށް މުހިންމު ބައެއް ކުޅޭނެ އެވެ. ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ތައުލީމު ހާސިލް ކޮށްދޭން ވާނެ އެވެ. ކުރިއެރުމުގެ ފުރުސަތުތައް ވެސް ދެޖިންސުގެ މީހުންނަށް ހަމަހަމަކޮށް ހޯދައިދޭން ވާނެ އެވެ.

އަޅުގަނޑު މިދެންނެވީ މާ އާ ވާހަކަތަކެއް ނޫނެވެ. އެންމެން ވެސް ދަންނަ ހަގީގަތްތަކެކެވެ. ނަމަވެސް މި ވާހަކަތައް ދަންނަވާލަން މި ޖެހުނީ، ތަންދޮރު އޮޅުންނުފިލާ ބަޔަކު އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި ހަމަތައް އޮޅޭ ގޮތަށް ވާހަކަ ދައްކާ ހަދަމުން ދާތީ އެވެ. އަންހެން ކުދިންގެ ތައުލީމަށް ހުރަސް އެޅުމަށާއި އަންހެނުންގެ ގައުމީ އަދި ސިޔާސީ ދައުރު ހަނިކުރުމަށް މަސައްކަތް ކުރަމުން ދާތީ އެވެ.

އިސްލާމްދީނަކީ، ވަރަށް މަތިވެރި އަގީދާތަކަކާއި އުސޫލުތަކެއްގެ މައްޗަށް އެކުލެވިގެންވާ ސާފުސީދާ ދީނެކެވެ. ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުންނާއި ޝަރްއުގެ އެހެން ދަލީލުތަކުން އެ ދީނުގެ އުސޫލުތަކާއި حكم ތައް ދެނެގަތުމަކީ، ދަތިކަމެއް ނޫނެވެ. ބޭނުން ވަނީ، ތަންކޮޅެއް ބޮޑު ހިތްވަރަކާއި މަސައްކަތެކެވެ.