Roadha Mihaaru
ޖަދަލުކުރިއަސް އަޅުގަނޑުގެ އަމާޒު ސީދާ: ރައީސް

އެއްކޮޅުންނާއި ދެކޮޅުން ޖަދަލުކުރިއަސް އަޅުގަނޑުގެ އަމާޒު ވަރަށް ސީދާ: ރައީސް

23 ޖެނުއަރީ 2017

އަމިއްލަ ޕާޓީގެ ތެރެއިންނާއި އިދިކޮޅު ފަރާތްތަކުން ޖަދަލުކުރިއަސް އެމަނިކުފާނުގެ އަމާޒު ވަރަށް ސީދާ ކަމަށާއި ރާއްޖެ އަށް ތަރައްގީ ގެނައުމުގައި ހުއްޓުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަމިއްލަ ޕާޓީގެ ތެރެއިންނާއި އިދިކޮޅު ފަރާތްތަކުން ޖަދަލުކުރިއަސް އެމަނިކުފާނުގެ އަމާޒު ވަރަށް ސީދާ ކަމަށާއި ރާއްޖެ އަށް ތަރައްގީ ގެނައުމުގައި ހުއްޓުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މ. މުލަކުގައި ގާއިމްކުރި ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ސިޔާސީ އެއްވެސް ވާދަވެރިއަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރައްވައިގެން ނޫން ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރައްވަން ކަމަށާއި އެކަން ކާމިޔާބުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކާ އިސްވެ އަޅުގަނޑު ނެތިން މިއަދު ވެސް ޖަދަލުކުރާކަށް. އެހެން ނަމަވެސް އަޅުގަނޑު މިކުރާ މަސައްކަތުގައި، ރައްޔިތުންނަށް ހިދުމަތް ދެމުންދާ ދިއުމުގައި ސިޔާސީ ވާދަވެރިން އެއްކޮޅުންނާއި ދެކޮޅުން ވެސް ޖަދަލުކުރައްވާ ކަމަށްވަންޏާ އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދަން ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ގޮންޖެހުންތަކުގެ ތެރެއިން ވެސް ރައްޔިތުންނަށް ކޮށްދޭން ހުރި ބޮޑެތި މަސައްކަތްތައް ސަރުކާރުން ފުރިހަމަކޮށްދޭނެ އެވެ. ދިއްގަރާއި އެހެން ރަށްތަކަށް ވެސް ވަޑައިގަންނަވާއިރު މަޝްރޫއުތައް ނިމިފައި ހުރި މަންޒަރު ފެނިވަޑައިގަތުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއޮތް މެންދުރުގެ އަވި ބާރު އިރު ވެސް އަޅުގަނޑުމެންނަށް އިހްސާސްކުރެވިގެން ދަނީ ރައްޔިތުންގެ މޫނު މަތިން ހިނިތުންވުން. މިއީ ދެއްތޯ އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ ކަންތައްތަކަކީ. އަޅުގަނޑުމެންނަށް މިއަދަކު ޒީނަތްތެރިއެއް ނުވޭ މުޒާހަރާއެއްކޮށްގެންނެއް،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ބޭރު ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ހުންނަވައި ދިވެހި ގައުމާއި ދިވެހި ދައުލަތަކީ އަދާވާތްތެރިއެއް ކަަމަށް ސިފަކޮށް ބޭރު ގައުމުތަކުގައި ވާހަކަ ދައްކާ ދެއްކުންތައް ބަލައިނުގަނެވޭ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާނަމަ، ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ގަބޫލުކުރައްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތްކުރައްވައި ވިދާޅުވީ އެ އިންތިހާބުގައި ދިއްގަރުން ވެސް ޕީޕީއެމަށް އަޣުލަބިއްޔަތު ހޯދައިދޭން ޖެހެ އެވެ. ތަރައްގީގެ ވިސްނުމަށް ވޯޓު ދިނުމަކީ ދިއްގަރުގެ ކުރިއެރުމަށް އެ ރަށުގެ ރައްޔިތުންނަށް ކުރެވޭނެ އެންމެ ހެޔޮކަންތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.