Roadha Mihaaru
ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވޭ:ޖޭއެސްސީ

ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވޭ: ޖޭއެސްސީ

11 އެޕްރީލް 2023

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހެޅިޔަސް އޭނާއާ ގުޅޭ ސުލޫކީ އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހެޅިޔަސް އޭނާއާ ގުޅޭ ސުލޫކީ އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކޯޓުގެ ބައެއް މައްސަލަތަކުގެ ފައިލް، ގާޒީ ފަރުހާދު ކޯޓުން ބޭރަށް ގެންދާ ކަމަށް ބުނެ އޭސީސީ އަށް ބަޔަކު ކުރިން މައްސަލަ ހުށަހަޅައި، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރި އެވެ.

އެކަމަކު، ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން އެ މައްސަލަ ބެލިއިރު، ފަނޑިޔާރުންގެ ޖަމިއްޔާގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވާ ފަރުހާދަށް ކުރާ އެ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް އަދި އެފަދަ ހޯދުމެއް ވެސް ހޯދިފައި ނުވާ ކަމަށެވެ. އެއީ ސައްހަ ޝަކުވާއެއް ކަމަށް ނުވާތީ އެ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަރުހާދު ވަނީ އެ ތުހުމަތުތައް ބަޔަކު ކުރުމާ ގުޅިގެން އެއީ ރަނގަޅު ތުހުމަތުތަކެއްތޯ ބަލައި ދިނުމަށް އަމިއްލަ އަށް އޭސީސީ އާއި ޖޭއެސްސީ އަށް ވެސް ކުރިން ހުށަހަޅުއްވައިފަ އެވެ.

ފަރުހާދަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު، ސިވިލް ކޯޓުގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނަ މައްސަލަތައް ނިންމެވި ފަނޑިޔާރެވެ.

ސާބިތު ނުހިފޭ ތުހުމަތުތައް ފަނޑިޔާރުންނާ ބެހޭގޮތުން ގެނައުމުގައި ސަމާލުވުމަށް ވެސް ފަރުހާދުގެ މައްސަލައާއެކު ޖޭއެސްސީން މިއަދު އިލްތިމާސްކުރި އެވެ.