Roadha Mihaaru
މެލޭޝިޔާގައި ގިނަ ކުށްތަކަކުން މަރުގެ އަދަބު އުވާލައިފި

މެލޭޝިޔާގައި ގިނަ ކުށްތަކަކުން މަރުގެ އަދަބު އުވާލައިފި

04 އެޕްރީލް 2023

މެލޭޝިޔާގައި މަރުގެ އަދަބު ދޭ ކުށްތަކުގެ ތެރެއިން ގިނަ ކުށްތަކަކުން މަރުގެ އަދަބު އުވައިލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން އިއްޔެ ފާސްކޮށްފި އެވެ.

މެލޭޝިޔާގައި މަރުގެ އަދަބު ދޭ ކުށްތަކުގެ ތެރެއިން ގިނަ ކުށްތަކަކުން މަރުގެ އަދަބު އުވައިލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން އިއްޔެ ފާސްކޮށްފި އެވެ.

ތަފާތު ހުކުމްތަކުގައި މަރުގެ ހުކުމް އިއްވާފައިވާ 1300 އަށް ވުރެ ގިނަ ކުށްވެރިން މިހާރު ވެސް، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި އެބަ ތިއްބެވެ. ގިނަ ކުށްތަކެއްގައި މަރުގެ އަދަބު ދެވޭ ގޮތަށް އެ ގައުމުގެ ގާނޫނީ އޮނިގަނޑު އޮތް ނަމަވެސް، މެލޭޝިޔާ ސަރުކާރުން ވަނީ، މަރުގެ ހުކުމް ތަންފީޒުކުރުން 2018 ވަނަ އަހަރުން ފެށިގެން މަޑު ޖައްސާލައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓެއްގައި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ، މީގެ ކުރިން މަރުގެ އަދަބު ދެވޭ ގޮތަށް އޮތް ތަފާތު 11 ކުށަކުން މަރުގެ އަދަބު އުވައިލުމަށް ފާސްކޮށްފަ އެވެ. އެ 11 ކުށުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ޓެރަރިޒަމްގެ ކުށް ވެސް ހިމެނެ އެވެ.

އެ 11 ކުށުގެ ތެރެއިން ކުށެއް ސާބިތުވުމުން އާންމު އުސޫލުން މަރުގެ އަދަބު ނުދޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް، ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މަރުގެ ހުކުމް އިއްވުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ. ގާނޫނީ އަދި ޝަރުއީ ނިޒާމަށް މި ބަދަލު ގެނައުމާ ގުޅިގެން، މީގެ ކުރިން މަރުގެ ހުކުމް އިއްވަމުން އައި ގިނަ ކުށްތަކުގައި މީގެ ފަހުން ކަނޑައެޅޭނެ އެންމެ ބޮޑެތި އަދަބުތަކަކީ، އުމުރަށް (ގިނަވެގެން 40 އަހަރަށް) ޖަލަށް ލުމުގެ ހުކުމާއި، ދުއްރައިން ތެޅުން ފަދަ ހުކުމްތަކެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން މި ގޮތަށް ފާސްކުރި ނަމަވެސް، އެ ބިލު މަޖިލީހުން ފާސްވިކަމަށް ނިންމޭނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އިން އެ ބިލް ފާސްކުރުމުންނެވެ. މުޅި މަޖިލީހުގެ ރޫހު ހުރި ގޮތަށް ބަލާއިރު، މަތިގެ އިން ވެސް އެ ބިލު އެ ގޮތަށް ފާސްވާނެ ކަމަށް ބެލެވެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން، އެ ގައުމުގެ ގާނޫނުތަކާ ބެހޭ ވަޒީރުގެ ނައިބު ރާމްކަރްޕާލް ސިންގް ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، މަރުގެ އަދަބަކީ ކުށް ކުރުން މަދުކުރެވޭ އަދަބެއްގެ ގޮތުގައި ފާހަގަނުކުރެވޭ ކަމަށެވެ.

"މަރުގެ އަދަބު ދީގެން ހާސިލުކުރަން ބޭނުންވި ނަތީޖާ، އެ ހުކުމް ތަންފީޒުކޮށްގެން މިހާތަނަށް ހާސިލެއް ނުވި،" ރާމްކަރްޕާލް ސިންގް ވިދާޅުވި އެވެ.

މެލޭޝިޔާގެ ގާނޫނީ އޮނިގަނޑުގައި މަރުގެ އަދަބު ދެވޭ 34 ކުށެއް ހިމެނިފައި އޮވެ އެވެ. އޭގެ ތެރެއިން އިއްޔެ މަރުގެ އަދަބު އުވައިލަން ފާސްކުރި 11 ކުށަކީ، މީގެ ކުރިން މަރުގެ އަދަބުތައް ތަންފީޒު ކުރަމުން އައި 11 ކުށެވެ.