Roadha Mihaaru
ރާނީގެ ފިލްމަށް ނޯވޭ ސަފީރު ފާޑު ވިދާޅުވުމުން ރައްދެއް

ރާނީގެ އާ ފިލްމަށް ނޯވޭ ސަފީރު ފާޑު ވިދާޅުވުމުން ރައްދު ދީފި

03 އެޕްރީލް 2023

ނޯވޭއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހާންސް ޖޭކޮބް ފްރައިޑެންލަންޑް، މިދިޔަ މަހު ނެރުނު ފިލްމު "މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމަށް ފާޑު ވިދާޅުވުމުން އެ ފިލްމުގެ ބަތަލާ ރާނީ މުކަރްޖީ ރައްދު ދީފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ނޯވޭއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހާންސް ޖޭކޮބް ފްރައިޑެންލަންޑް، މިދިޔަ މަހު ނެރުނު ފިލްމު "މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމަށް ފާޑު ވިދާޅުވުމުން އެ ފިލްމުގެ ބަތަލާ ރާނީ މުކަރްޖީ ރައްދު ދީފި އެވެ.

ރާނީގެ ހުނަރުވެރި އެކްޓިން ފެންނަ އެ ފިލްމުގައި ކިޔައިދިނީ 2011 ވަނަ އަހަރު ނޯވޭއަށް ހިޖުރަކުރި އިންޑިއާގެ ދެމަފިރިއަކަށް ދިމާވި ހިތްދަތި ހާދިސާއެއްގެ ވާހަކަ އެވެ. ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ދަރިން އަނބުރާ ހޯދަން މަޔަކު ކުރާ ހިތްވަރުގަދަ މަސައްކަތްތަކުގެ މި ވާހަކަ އަކީ ހަގީގީ ހާދިސާއެކެވެ.

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމުގައި މިސަސް ޗެޓަޖީ (ރާނީ) އާއި އޭނާގެ ދެ ދަރިން

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމުގައި މިސަސް ޗެޓަޖީ (ރާނީ) އާއި އޭނާގެ ދެ ދަރިން

ސަފީރު ޖޭކޮބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ހިޔާލީ ފިލްމެއް ކަމަށެވެ. އޭގައި ހަގީގަތާ ހިލާފު ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ފިލްމުގައި ނޯވޭއިން އާއިލާތަކާއި އެހެން ސަގާފަތްތަކާ މެދު ދެކޭ ގޮތް ގެނެސްދީފައި ވަނީ ހަގީގަތާ ހިލާފަށް،" ސޯޝަލް މީޑިއާގައި ޖޭކޮބް ޝެއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ސަފީރަށް ރައްދުދީ ރާނީ ބުނީ އެ ފިލްމަކީ ވަކި ގައުމެއްގެ ނުވަތަ ވަކި ބައެއްގެ އަގުވައްޓާލަން ކުޅެފައިވާ ފިލްމެއް ނޫން ކަމަށެވެ.

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމުގައި ރާނީ

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމުގައި ރާނީ

"މި ފިލްމު ހަދާފައި ވަނީ ވަކި މީހަކު ދެރަކުރާކަށް ނޫން. އެއީ އެންމެނަށް އެނގެންޖެހޭ، އަދި އޭގެ މަންޒަރުތައް ފެންނަން ޖެހޭ، ކުޅަދާނަ މަންމައެއްގެ ވާހަކައެއް. ދުނިޔޭގައި ހިނގާ މިފަދަ ހާދިސާތަކާ މެދު މީހުން ހޭލުންތެރިކުރުވަން ޖެހޭ،" ރާނީ ބުންޏެވެ.

ރާނީ ބުނީ އެއީ ހަގީގީ ވާހަކައެއް ކަމަށާއި، ފިލްމު ހެދުމުގެ އަމާޒަކީ ޖޭކޮބް ވިދާޅުވި ފަދައިން ގައުމެއްގެ އަގުވައްޓާލުން ނޫން ކަމަށެވެ.

"މި ފިލްމުން ރީތިކޮށް ދައްކައިދޭނެ އެއީ ސިސްޓަމްގެ ފައިދާ ނާޖާއިޒް ގޮތުގައި ނަގާ މީހުން. އެކަމަކު، ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ގައުމު ދިފާއުކުރާނެ. ފިލްމު ބެލުމުގެ އަމާޒަކަށް ވާން ޖެހޭނީ އޭގައި އެ ކިޔައިދޭ ވާހަކަ ދެނެގަތުން،" ރާނީގެ ރައްދުގައިވެ އެވެ.

އެ ހާދިސާގައި، ދަރިންތައް އަނބުރާ މަންމައަށް ހޯދައިދިނުމުގައި އިންޑިއާގެ ސަރުކާރުން ވެސް އެހީތެރިވިކަން ފާހަގަކޮށް ރާނީ ބުނީ، އެކަމުން ވެސް އެނގެނީ އެއީ ހަގީގީ ހާދިސާއެއް ކަމެވެ.

ދަރިން ރަނގަޅަށް ނުބަލަހައްޓާ ކަމަށް ބުނެ ނޯވޭގެ "ޗައިލްޑް ވެލްފެއާ ސާވިސް" އިން އަތުލި އިންޑިއާގެ އަންހެނެއްގެ ދަރިންތައް އަނބުރާ ހޯދުމަށް އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކޯޓުގައި ކުރި ހަނގުރާމައިގެ ވާހަކައިގެ މައްޗަށް، އާޝިމާ ޗިއްބަރް ހެދި އެ ފިލްމު އިންޑިއާގެ އިތުރުން ނޯވޭގައި ވެސް އަންނަނީ މަގްބޫލުކަން ހޯދަމުންނެވެ.

އެކަމުން ވެސް ދޭހަވަނީ އެ ފިލްމުގައި ގެނެސްދެނީ ގައުމެއްގެ ގޯސް ވާހަކަ ނޫންކަމާއި، އެއީ ރަނގަޅު ކުރަން ޖެހޭ ސިސްޓަމެއްގެ ވާހަކަ ކަމަށް ރާނީ ބުނެފައިވެ އެވެ.