Roadha Mihaaru
4 ގަޑިއިރު ފަހުން ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދީފި

މައްސަލަ ހައްލުކޮށް، ހަތަރު ގަޑިއިރު ފަހުން ހިޔާގެ ޓަވަރުތަކަށް އަލުން ކަރަންޓް ދީފި

27 މާޗް 2023

ހުޅުމާލެ 2 ގެ ހިޔާގެ ގިނަ ޓަވަރުތަކުން މިއަދު ރޯދަވީއްލަން ކައިރިވެފައި ވަނިކޮށް ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލަ ހައްލުކޮށް ހަތަރު ގަޑިއެއްހާއިރު ފަހުން އެ ހުރިހާ ޓަވަރުތަކަށް އަލުން ކަރަންޓު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ 2 ގެ ހިޔާގެ ގިނަ ޓަވަރުތަކުން މިއަދު ރޯދަވީއްލަން ކައިރިވެފައި ވަނިކޮށް ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލަ ހައްލުކޮށް ހަތަރު ގަޑިއެއްހާއިރު ފަހުން އެ ހުރިހާ ޓަވަރުތަކަށް އަލުން ކަރަންޓު ދީފި އެވެ.

"ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އަޅުގަނޑުމެންގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި،" ސްޓެލްކޯ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

ހިޔާގެ 8 ޓަވަރަކުން ކަރަންޓު ކެނޑުނީ މިއަދު ހަވީރު 5:30 ހާއިރެވެ. އެއީ އެކަކުން ފެށިގެން އަށްވަނަ ޓަވަރާ ހަމައަށެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރުގެ ބަސްބާ ޝޯޓުވުމުންނެވެ. އެ ސަބްސްޓޭޝަންގެ ސްވިޗްގިއަރު ބަދަލުކުރުމަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ސްޓެލްކޯއިން ފުރަތަމަ ލަފާކުރި ނަމަވެސް އޭގެ ކުރިން މައްސަލަ ހައްލުކުރި އެވެ.

ކަރަންޓު ކެނޑުނީ މަޣުރިބް ނަމާދަށް ބަންގި ގޮވަން ކުޑަތަން ވަނިކޮށެވެ. އެހެންވެ، ހިޔާގައި ދިރިއުޅޭ މީހުން މިއަދު ރޯދަވީއްލާފައި ވަނީ ކަނު އަނދިރީގަ އެވެ. އަދި އެއީ 25 ބުރިއަށް އިމާރާތް ކޮށްފައިވާ ޓަވަރުތަކެއް ކަމަށް ވުމުން ފްލެޓްތަކަށް އަރައިފޭބުމުގައި އެތައް ބަޔަކަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ.