Roadha Mihaaru
ކައިރި ކައިރީގައި ދެމަފިރިންގެ ކުއްލި ވަކިވުމުން ހިތާމަ

ކައިރި ކައިރީގައި ދެމަފިރިންގެ ކުއްލި ވަކިވުމުން ފުން ހިތާމަ

27 މާޗް 2023

އާއިލާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާ އަށް ދިޔައީ މަންމަ، ރައިހާނާ ހަސަންގެ ކުޑަކަމުދިޔުމުގައި މައްސަލައެއް އުޅޭތީ އޮޕަރޭޝަނެން ކުރަން ޑޮކްޓަރުން ލަފާ ދިނުމުންނެވެ. އެ ދަތުރުގައި ފިރިމީހާ، ހުސެއިން ޒަކަރިއްޔާ ވެސް ގެންދިޔައީ ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހަދާލާށެވެ. މީގެ ހަ އަހަރު ކުރިން އެކްސިޑެންޓެއްގައި އޭނާގެ ފައި ބިންދައިގެން ދިއުމުން ފައިގައި ރިއްސާތީ އުޅުން ފިޔަވައި ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާއިލާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާ އަށް ދިޔައީ މަންމަ، ރައިހާނާ ހަސަންގެ ކުޑަކަމުދިޔުމުގައި މައްސަލައެއް އުޅޭތީ އޮޕަރޭޝަނެން ކުރަން ޑޮކްޓަރުން ލަފާ ދިނުމުންނެވެ. އެ ދަތުރުގައި ފިރިމީހާ، ހުސެއިން ޒަކަރިއްޔާ ވެސް ގެންދިޔައީ ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހަދާލާށެވެ. މީގެ ހަ އަހަރު ކުރިން އެކްސިޑެންޓެއްގައި އޭނާގެ ފައި ބިންދައިގެން ދިއުމުން ފައިގައި ރިއްސާތީ އުޅުން ފިޔަވައި ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ.

އަށް ކުދިންގެ ތެރެއިން މެދަށް ހުންނަ އަލީ އަޒުހަރު ބުނީ މަންމަ ދެއްކުމުން އޮޕަރޭޝަން ކުރަން ނުޖެހޭނެ ކަމަށް ޑޮކްޓަރުން އެންގުމުން، ދެން ހުރި ކަންތައްތައް ނިންމުމަށް ފަހު ރާއްޖެ އަންނަން ނިންމީ މިދިޔަ ޖެނުއަރީ 6 ގަ އެވެ.

އެކަމަކު، އެ ދަތުރު ނިމެން އުޅެނިކޮށް ހުސެއިން ރޯގާ ޖެހިއްޖެ އެވެ. މަތިންދާ ބޯޓުގައި ގިނަ އިރު އިންނަން އުނދަގޫވާނެތީ ފުރުމުގެ ދެ ދުވަސްކުރިން، ލ. ގަމުގެ އާއިލާއިން ނިންމީ ބައްޕަ ޑޮކްޓަރަށް ދައްކާށެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދަން ޖެހުނީ ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ. ލިފްޓު ތެރެއަށް އެރުމާއެކު 84 އަހަރުގެ ބައްޕަ ވެއްޓުނީ ކަމަށް އަޒްހަރު ބުންޏެވެ.

"ލިފްޓަށް އެރިތަނާ ކޮއްކޮ އެހި ބައްޕަ ކައިރީގައި ކިހިނެއް ވަނީ ހެއްޔޭ. ބުނީމަ ބައްޕަ ބުނީ ވަރު ދެރަވަނީ އޭ. އެހެން ބުނުމާއި ލިފްޓް ތިރިވުމާއި ބައްޕަ ތިރިވުން ވެސް އެއްކޮށް ދިޔައީ. އެއީ ބައްޕަގެ އެންމެ ފަހުގެ ބަހަކީ." އޭނާ ބުންޏެވެ.

"ކުއްލި މަރެއް ބައްޕަގެ މަރަކީ. އަނެއްހެން ބަލިވެފައެއް ނޫން. ރޯގާ ޖެހުނު، އެކަމަކު އެއީ އާއްމު ބައްޔެއްތާ."

ބައި ގަރުނު އެއްކޮށް އުޅުނު އަލަތު ފިރިމީހާ ޖެނުއަރީ 4 ގައި ލޯ ކުރިމަތީގައި ނިޔާވުމުން އެންމެ ބޮޑު ހިތާމައެއް ކުރިމަތިވީ ރައިހާނާ، 74، އަށެވެ. ދެ މީހުން އެއްކޮށް ބިނާކުރި ދިރިއުޅުމުގެ މުހިއްމު ބައިވެރިޔާ ނެތްކަމުގެ އިހުސާސް އޭނާއަށް ވަރަށް ބޮޑަށް ކުރި އެވެ.

އަޒްހަރު ބުނިގޮތުގައި މަންމަ އާއި ބައްޕައަކީ އެންމެ ކުރީއްސުރެ ވެސް ވަރަށް ލޯބިން އުޅުނު ދެ މީހުންނެވެ. ބައްޕަގެ ހުރިހާ ކަމެއް ވެސް ކޮށްދިނީ މަންމަ އެވެ.

ރައިހާނާ އާއި ހުސެއިން، އަދި އެ މީހުންގެ ހަގު ދަރިފުޅު ]މެދުގައި[އާ އެކު، އާއިލާ ފޮޓޯއަކަށް ހުއްޓިލައިގެން.

ރައިހާނާ އާއި ހުސެއިން، އަދި އެ މީހުންގެ ހަގު ދަރިފުޅު ]މެދުގައި[އާ އެކު، އާއިލާ ފޮޓޯއަކަށް ހުއްޓިލައިގެން.

"އެންމެ ކުރީއްސުރެ ވެސް ގުޅުން ވަރަށް ރަނގަޅު. ބައްޕައަށް މަންމަ ކޮށްދޭނެ ހުރިހާ ކަމެއް. ކާން ބަތްތަށި ވެސް މޮޑެދީފައި ބަހައްޓާނީ. އަނެއްކާ އެކްސިޑެންޓަށްފަހު ކޮޓަރި ތެރޭގައި ބައްޕަ ކާ އެއްޗެހި ގެނެސް ތައްޔާރުކޮށްދީ އެ ހުރިހާ ކަމެއް ކޮށްދޭނެ. ލާ ގަމީހުގެ ގޮށް ވެސް އަޅުވަދޭނެ ބައްޕަ އަތުގައި އުނދަގުލެއް ހުންނާތީ. އެ ލެވެލްއަށް ބައްޕަގެ ހުރިހާ ކަމެއް ބަލަހައްޓައިދޭނެ މަންމަ. ހަމަ މަންމަގެ ގައިން ބައެއް ދިޔަ ކަހަލަ، ދުވަހުން ދުވަހަކަށް ވީކް ވަމުން ދިޔަކަން ފާހަގަވި." އަޒްހަރު ބުންޏެވެ.

ހުސެއިން ނިޔާވުމުން އެ ހުރިހާ ދަރިންނަށް އެންމެ ހިތްވަރު ދިނީ ވެސް މަންމަ އެވެ. އޭގެ އެއް ދުވަސް ފަހުން އިންޑިއާގައި ބައްޕަ ވަޅުލުމަށްފަހު، އެ ރޭ ހުރިހާ ކުދިންނާ މަންމަ ބައްދަލުކޮށް އެދުނީ، އަޒްހަރު ބުނިގޮތުގައި، ހުރިހާ އެންމެން ވެސް ގުޅިގެން އުޅުމަށެވެ.

"މަންމަ ބުނީ ހުރިހާ ކުދިން ގުޅިގެން އުޅެއްޗޭ. އެންމެ ދޮށީ ބޭބެ، ހާދީބެ ދައްކާފައި ބުނީ އެއީ ތި ހުރިހާ ކުދިންގެ ބައްޕައޭ. މަންމަގެ ހާލަތުން ދަރިންތަކެއް ބޮޑުކުރެވުނުކަމާއި އެހެން ގޮސް، އަސަރުހުރި ވާހަކަތަކެއް ދެއްކީ." އަޒްހަރު ބުންޏެވެ.

ބައްޕަ ވަޅުލުމަށްފަހު އޭގެ ފަސް ދުވަސް ފަހުން އެ އާއިލާ ރާއްޖެ އައިސް، މާލޭގައި މަޑުނުކޮށް ހަމަ އެ ރޭ ދިޔައީ ކައްދުއަށެވެ. އެ ހުރިހާ ވަގުތެއްގައި ވެސް ރައިހާނާ ވަރަށް ކެތްކުރި އެވެ. އެކަމަކު އޭނާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ.

"ޓްރާންސިޓް ފްލައިޓެއްގައި ދިޔައީ ވެސް އައީ ވެސް. އެކޮޅަށް ދިޔައިރު މަންމަ އަމިއްލައަށް އެއާޕޯޓުގައި ހިނގާފައި އުޅުނީ. އެކަމަކު، ބައްޕަ ނިޔާވި ފަހުން ދުވަހުން ދުވަހަކަށް މަންމަ ވީކްވާ ކަން ފާހަގަކުރެވުނު. މިކޮޅަށް އަންނަން އެއާޕޯޓުގައި ވެސް ފުރަތަމަ ގޮނޑިއަށް ލައިގެން ގެންގުޅެން ޖެހުނީ. މަންމަ ވެސް އޭރު ހުރީ ރޯގާ ޖެހިފައި މާލެއަށް އައި އިރު." އޭނާ ބުންޏެވެ.

ހުސެއިން އާއި ރައިހާނާ އެންމެ ފަހުން އިންޑިއާއަށް ކުރި ދަތުރުގައި.

ހުސެއިން އާއި ރައިހާނާ އެންމެ ފަހުން އިންޑިއާއަށް ކުރި ދަތުރުގައި.

ރައިހާނާ ރަށަށް ދިޔަޔަސް ކޮންމެ ދެ ދުވަހަކުން އަޒްހަރު ގުޅި އެވެ. އޭނާ ބުނީ މަންމައަށް ގުޅާއިރު ވެސް ބަލިވެ އުޅޭ ވާހަކަ ނުބުނާ ކަމަށެވެ.

މަންމަ ރަށަށް ދިޔަތާ ދެ ހަފުތާ ފަހުން އަޒުހަރު މިދިޔަ ޖެނުއަރީ 24 ގައި ރަށަށް ދިޔައީ ތިން ދުވަސް ފަހުން އަނބުރާ މާލެ އަންނަ ގޮތަށެވެ. މަންމަ ގެނެސްދޭން އެދުނު ރަތް ހަނޑުލާއި އޯޓްސް އަދި ޔޯގަޓް ގަނެގެން އަޒްހަރު ރަށަށް ދާން ފްލައިޓު ނައްޓާލީ 24 ވަނަ ދުވަހުގެ އިރުއޮއްސި 6:35 ގަ އެވެ. ފްލައިޓު ނައްޓާލުމުގެ ކުރިން މަންމައާ ވާހަކަދެއްކިއިރު ހާލު ރަނގަޅެވެ. އޭރު ހުރީ ވެސް ގޭގަ އެވެ.

އެކަމަކު، ކައްދުއަށް ފްލައިޓު ޖައްސައި ފޯނު ބަލާލިއިރު ފެެނުނީ މަންމަ އެޑްމިޓުކުރި ހަބަރެވެ. އެހެންވެ، އަޒުހަރު ވެސް އަވަސް އަރުވާލައިގެން ދިޔައީ މަންމަ އެޑްމިޓުކޮށްފައި އޮތް ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އޭނާ ބުނީ އޭރު މަންމަގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެކަމަކު، ހޮޑުލައި، އެކި އުނދަގޫތައް ވަމުން ގޮސް ހޮސްޕިޓަލުގައި އެޑްމިޓުކުރިތާ ދެ ވަނައަށް ވީ ދުވަހު އަދި ފިރިމީހާ ނިޔާވިތާ 23 ވަނަ އަށް ވީ ދުވަހު ރައިހާނާ ވެސް ނިޔާވީ އެވެ. ހިތާމައިގެ މައްޗަށް ހިތާމަ އެވެ.

"މަންމަ ކާނެ ވަކި ވައްތަރެއްގެ ޔޯގަޓެއް. އެ ޔޯގަޓްގެ 2-3 ތަށި ވެސް ކެއި. އަދި ވެސް ގަބޫލެއް ނުކުރެވޭ ނިޔާވި ކަމަށް. ފޯނެއް އަންނައިރަށް މަންމަ ގުޅާ ކަމަށް ހީކޮށް، ފޯނު ބަލާލެވޭ." އަޒްހަރު ބުންޏެވެ.

ބައްޕައާ ގުޅިފައިވާ އަޒްހަރުގެ އެންމެ ބޮޑު ހަނދާނަކީ ރަށުގައި އުޅުނުއިރު އިރުއޮއްސޭއިރު ގެއަށް ނާންނާތީ އަދަބެއްގެ ގޮތުން، އިސްތިރިއެއް ހިފަހައްޓައިގެން ހުންނަން އެދުނު އެދުމެވެ. ބާރަ ވަރަކަށް އަހަރު ކިޔަވަން މާލެ އަންނަނިކޮށް، ކަންފަތު ފޫޅުގައި ހިފެހެއްޓުމަށްފަހު، މީހުންގެ ކައިރީގައި ދޮގު ނުހެދުމާއި ތެދު ބަހުން ވާހަކަ ދެއްކުމަށް މަންމަ ދިން ނަސޭހަތް އަޒްހަރު އަދި ވެސް ހަނދާނުގައި އެބަހުއްޓެވެ.

ކައިރި ކައިރީގައި މަންމަ އާއި ބައްޕަ ނިޔާވި ނަމަވެސް، އެ ދެ މީހުންނަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، އަޒްހަރު ބުނިގޮތުގައި ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވުމެވެ. ނުބައި މަގަމުން ނުގޮސް، އަމިއްލަ މަސައްކަތުން އުޅޭނެ ދަރިންތަކެއް ބޮޑުކުރުމަކީ ލިބުނު ހެޔޮ ރަހުމަތެކެވެ.