Roadha Mihaaru

އެއްފައި ނެތަސް މިވަރުގެ ހީވާގި މީހަކު ނެތް!

23 މާޗް 2023

ހަށިގަނޑުގެ ގުނަވަނެއް މަދެވެ. އެކަމަކު މުހައްމަދު ޔޫސުފްގެ ހުރިހާ ބާރަކީ ކެރުމާއި ހިތްވަރެވެ. އޭނާ އަށް ނުކުރެވޭނެ ކަމެއް ނުދެއްކޭނެ އެވެ. ރުކަށް އަރަ އެވެ. ރާނަ އެވެ. މަހަށް ދެ އެވެ. ލަނޑާ ނަގަ އެވެ. ލޭނު އެޅި އެވެ. އިންޖީނު ގޭގައި ކުރަން ޖެހޭ ހުރިހާ ކަމަކަށް ވެސް އެހާ ފަރިތަ އެވެ.

ފަޒީނާ އަހުމަދު އދ. މަންދޫން ފަޒީނާ އަހުމަދު

ހަށިގަނޑުގެ ގުނަވަނެއް މަދެވެ. އެކަމަކު މުހައްމަދު ޔޫސުފްގެ ހުރިހާ ބާރަކީ ކެރުމާއި ހިތްވަރެވެ. އޭނާ އަށް ނުކުރެވޭނެ ކަމެއް ނުދެއްކޭނެ އެވެ. ރުކަށް އަރަ އެވެ. ރާނަ އެވެ. މަހަށް ދެ އެވެ. ލަނޑާ ނަގަ އެވެ. ލޭނު އެޅި އެވެ. އިންޖީނު ގޭގައި ކުރަން ޖެހޭ ހުރިހާ ކަމަކަށް ވެސް އެހާ ފަރިތަ އެވެ.

ޔޫސުފް، 56، ގެ އެއްފައި ބުރިކޮށްލަން ޖެހުނީ ކުޑައިރު ދިމާވި ސިއްހީ މައްސަލަތަކަކާ ހެދި އެވެ. އޭނާގެ ޅަ އުމުރާއި ޒުވާން ދުވަސްވަރުގައި ކުރިމަތިލާން ޖެހުނީ އެހެން މީހުންނަށް ވުރެން އުނދަގޫ ކަންތައްތަކަކާ އެވެ.

މަސައްކަތްތައް ދަސްކޮށްގެން އެ ހިތްދަތިކަމުން އޭނާ ކުރި ހޯދައިފި އެވެ. ދިރިއުޅުމުގެ ގަދަ ކަނޑުގައި އެކަނި ދިރިއުޅެވޭނެ ހާލަތަށް އޭނާ ތައްޔާރުވީ އެވެ.

މަންދޫގެ ސަހަރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ޔޫސުފް ބައިވެރިވަނީ. -- ފޮޓޯ | މިހާރު

މަންދޫގެ ސަހަރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ޔޫސުފް ބައިވެރިވަނީ. -- ފޮޓޯ | މިހާރު

ސްޓެލްކޯގެ އޮފީހުގައި ވަޒީފާ އަދާކުރަމުން އަންނަ ޔޫސުފާ މެދު މި ރަށުގެ ގިނަ ބަޔަކު ފަހުރުވެރިވެ އެވެ. އޭނާއަށް ނިސްބަތްކޮށް މިއަށް ވުރެން ވަކި ހީވާގި އެހެން މީހަކު ނުދެއްކޭނެއޭ ބުނަނީ އެހެންވެ އެވެ.

"ހެނދުނު ހޭލާ ގޮތަށް ނިދަން ވަންދެން އުޅެނީ އެކި މަސައްކަތުގައި، އަހަރެންނަށް ދިރިއުޅުމަކީ މިއީ،" ޔޫސުފް ބުންޏެވެ.

އެހެން މީހުންނަށް ޖެހޭ އުނދަގޫތައް ލުއިކޮށްދެ އެވެ. އާމްދަނީ ހޯދުމުގެ އިތުރުން ރައްޔިތުންނަށް ގޮވާލާ ކަންކަމުގައި އޭނާ ނަމޫނާ ދައްކަ އެވެ. ރަށު ތެރެ ކުނި ކެހުން ނުވަތަ ސަހަރާ ސާފުކުރަން ގޮވާލިޔަސް އެންމެ ކުރީގައި ހުންނަ އެކަކީ ޔޫސުފެވެ.

ދިރިއުޅުމުން ބައެއް ވާހަކަތައް ހިއްސާކުރަމުން ޔޫސުފް ބުނީ, އަމިއްލަ ނަފްސާއި ދިމާވި ހާލަތާ މެދު ދެރަވެ މާޔޫސްވެގެން ގޯސްމަގުން ދާން ކިތަންމެ ސަބަބެއް ދެއްކިދާނެ ކަމަށެވެ. ދެރަވާ ކަންކަން ދިމާވި ކަމަށާއި އެންމެ ބޭނުންވާ އުފާތަކުން ވެސް އޭނާ ވަނީ މަހްރޫމްވެފައިވާ ކަމަށެވެ.

"ކައިވެނިކޮށް ދިރިއުޅުން ނުފެށުނީމަ ދެރަވޭ. އެކަމުގައި ކާމިޔާބުވާގޮތެއް ނުވި."

ޔޫސުފް އޭނާގެ ސައިކަލްގައި ދުއްވާފައި ދަނީ: މި ސައިކަލާ އެކު ދިރިއުޅުން ވަރަށް ފަސޭހަވެފައިވާ ކަަމަށް އޭނާ ބުނޭ.

ޔޫސުފް އޭނާގެ ސައިކަލްގައި ދުއްވާފައި ދަނީ: މި ސައިކަލާ އެކު ދިރިއުޅުން ވަރަށް ފަސޭހަވެފައިވާ ކަަމަށް އޭނާ ބުނޭ.

އެކަމަކު އެއީ މިންވަރު ކުރެއްވި ގޮތެވެ. އޭނާ ރުހި ގަބޫލެވެ.

"އެންމެންނަށް އެއްގޮތެއް ނޫން ދިމާވާނީ. މެދުވެރިކުރެއްވި ގޮތުގައި އަޅުގަނޑު މިހާތަނަށް ދިރިއުޅުން މި ހޭދަކުރީ. ވަރަށް ހިތްހަމަޖެހޭ, އެއްވެސް ޝަކުވާއެއް ނެތް," އޭނާ ބުންޏެވެ.

ޕޯލިއޯ: ދިރިއުޅުން އުނދަގޫކޮށްލި ބަލި

ޔޫސުފް ބުނި ގޮތުގައި ނުކުޅެދުންތެރިކަން ދިމާވި ސަބަބެއް ސީދާ ނޭނގެ އެވެ. އޭރު އޭނާގެ ބައްޔާ ގުޅުވައި ކިޔައި އުޅުނީ ޕޯލިއޯ ޖެހުނީ ކަމަށެވެ. ނުރައްކާތެރި އެ ބަލި ރާއްޖެ އިން ޖެހުނު ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވި އިރު ބައެއް މީހުން އެ ބަލީގައި މަރުވެސް ވި އެވެ.

"ހިނގެން ފެށިތަނާ ކުއްލިއަކަށް ހުމެއް އައީ. ދެން ވީ ގޮތެއް މާބޮޑަކަށް ހަނދާނެއް ވެސް ނުހުރޭ. ނުވެސް އެނގޭ," އޭނާ ބުންޏެވެ.

ހާލަތު އޭރު ހުރި ގޮތުން ފަރުވާއެއް ވެސް އެކަމަކަށް ނުހޯދުނެވެ.

ޔޫސުފް "މިހާރު"އާ ވާހަކަ ދައްކަނީ: މަސައްކަތް ދަސްކޮށްގެން ކައިރި ރަށްތަކަށް ވެސް ވަޒީފާއަށް ދިޔަ.

ޔޫސުފް "މިހާރު"އާ ވާހަކަ ދައްކަނީ: މަސައްކަތް ދަސްކޮށްގެން ކައިރި ރަށްތަކަށް ވެސް ވަޒީފާއަށް ދިޔަ.

ހަނދާން ހުންނަން ފެށީއްސުރެން އުޅެން ޖެހުނީ ބިންމަތީގަ އެވެ. އެއް ތަނުން އަނެއް ތަނަށް ގޮސް އުޅުނީ ދެއަތް ބޭނުންކޮށްގެންނެވެ. އެހެން އުޅެނިކޮށް ލިބުނު ފުރޮޅުލީ ގޮނޑި ވީ ވަރަށް ބޮޑު ފަސޭހައަކަށެވެ.

އެހެން މީހުންގެ އެހީތެރިކަމާ އެކު ކަންކަން ކުރިއަސް ވިސްނޭ އުމުރަށް އެޅުމާ އެކު ޔޫސުފް ބޭނުންވީ އެކަކަށް ވެސް އޭނާގެ އުނދަގުލެއް ނުޖައްސާށެވެ. ފަހަރަކު ކަމެއް ކުރެވޭތޯ ބެލީ އެވެ.

ފުރަތަމަ މަސައްކަތް ކުރަން ފެށީ ދުވާލަކަށް 10ރ.ގެ ރޭޓުންނެވެ. ރޭނުމާއި ސިމެންތި ޖަހަން ދަސްކޮށްގެން ރަށާއި ރިސޯޓްތައް އަދި ކައިރި ރަށްތަކަށް ގެންގޮސްގެން ވެސް މީހުން އޭނާ ލައްވައި އެ މަސައްކަތް ކުރުވި އެވެ. ފަހުން ވަރަށް ރަނގަޅު އަގެއް އެ މަސައްކަތުން ލިބުނެވެ.

ދެން ދިޔައީ މަހަށެވެ. މަސްވެރިކަން ކުރަން ކަނޑުމައްޗަށް އަރައި ވެސް އޭނާ ކުރަން ޖެހިލުންވާ އެއްވެސް ކަމެއް ނުދެއްކޭނެ އެވެ.

"ފަހަރަކު ކަމެއް އެގޮތަށް ދަސްކުރަމުން ގޮސް މިހާރު ކުރަން ނޭނގޭ އެއްވެސް ކަމެއް ނުދެއްކޭނެ. ރުކަށް ވެސް އެރިން. ގަހަށް އަރައި ގަސް ވެސް ކެނޑިން. ލަނޑާ ނެގުން ލޭނު އެޅުން ފަރުމަސްވެރިކަން ވެސް ފުދޭވަރަކަށް ދުވަސްވަންދެންކޮށް އުޅުނިން," ޔޫސުފް ބުންޏެވެ.

އަމިއްލަ ހަލާލު މަސައްކަތުން އޭނާ ވަނީ ގެދޮރު ވެސް ހަދައިފަ އެވެ. މިއީ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އޭގެ ފަހުން މިހާރު ދުއްވާ ސައިކަލް ގަނެވުމާ އެކު ހުރިހާ ގޮތަކުން ވެސް ދިރިއުޅުން ލުއިވެއްޖެ އެވެ. ކަމެއް ނުކުރެވި، ތަނަކަށް ނުދެވި ހުންނަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ އަށް މިހާރު މާބޮޑެވެ.

މަންދޫގެ ތާރީހުގައި ޔޫސުފްގެ ހިއްސާ އޮތީ، އެ ރަށުގައި އެންމެ ފުރަތަމަ އެޅި އިންޖީނުގެއާ ވެސް ގުޅިފަ އެވެ. ޒުވާނުންތަކެއް ނުކުމެ އެޅި އިންޖީނުގޭގެ މަސައްކަތުގައި އޭނާ އުޅުނެވެ.

"މިހާރު ވެސް މިއުޅެނީ އިންޖީނުގެ މެއިންޓެނެންސް ބައިގެ މަސައްކަތުގައި. ވަރަށް އިސްކަންދެން ގަޑިއަށް. މިހާ ދުވަސްވި އިރު ދުވަހަކު ވެސް ގަޑި ޖެހިފައެއް ނޯންނާނެ. ސަލާމެއް ނުބުނަން."

"އިންޖީނުގެ އަޅައި އެތަނުގައި މަސައްކަތް ވެސް ކުރިން. އެކަނިމާ އެކަނި ވެސް އުޅުނިން ތެޔޮ އަޅައި އިންޖީނު ބަލަހައްޓަން. ފޮޅައި ސާފުކޮށް ތެޔޮ ބަދަލުކޮށް ހެދިން. ހެނދުނު ފަށާ ގޮތަށް ރޭގަނޑު 12 ޖެހީމަ އޮށޯންނަނީ. ކިތަންމެ ވިއްސާރައަކަސް ނުގޮސް ނުހުންނަން," އޭނާ ބުންޏެވެ.

"މިހާރު ވެސް މިއުޅެނީ އިންޖީނުގެ މެއިންޓެނެންސް ބައިގެ މަސައްކަތުގައި. ވަރަށް އިސްކަންދެން ގަޑިއަށް. މިހާ ދުވަސްވި އިރު ދުވަހަކު ވެސް ގަޑި ޖެހިފައެއް ނޯންނާނެ. ސަލާމެއް ނުބުނަން."

ޔޫސުފް ސައިކަލްގައި ރަށު ތެރޭގައި: އޭނާ އަކީ މަސައްކަތުގައި ފަރުވާތެރި މުރާލި މީހެއް.

ޔޫސުފް ސައިކަލްގައި ރަށު ތެރޭގައި: އޭނާ އަކީ މަސައްކަތުގައި ފަރުވާތެރި މުރާލި މީހެއް.

މި ހިތްވަރު އެހެން މީހުން ހޯދާނީ ކިހިނެއް ހެއްޔެވެ؟

މި ސުވާލަށް ހިތްހެޔޮކަމާ އެކު އޭނާ އެންމެންނަށް ވެސް ދެނީ އެއް ޖަވާބެކެވެ.

"ކެތްތެރިވެ ކުރާކަމެއް ރަނގަޅަށް ކުރެވޭތޯ ބެލުމަކީ ކުރެވޭނެ ކަމެއް. ދުވަހަކު ވެސް ހިއެއްނުކުރަން މިހިސާބަށް އާދެވިދާނެއެކޭ. އެކަމަކު ރަނގަޅު ދިރިއުޅުމެއް ﷲގެ އިރާދަފުޅުން ލިބުނީ. އާއިލާ ކިތަންމެހާ ވެސް ރަނގަޅު," ޔޫސުފް ބުންޏެވެ.

ނުކުޅެދުންތެރި މީހަކަށް ވާތީ، މީހުންގެ މަލާމާތެއް އޭނާއަކަށް ނުލިބެ އެވެ. މަސައްކަތް ހަވާލުކުރަނީ އިހްތިރާމާއި ފުރިހަމައަށް ނިންމާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. ދިރިއުޅުމުގައި އޭނާ ހޯދި ކާމިޔާބީއަކީ އެ އެވެ. އޭނާގެ މުރާލި ކަމަކީ އެހެން މީހުންނަށް ހިތްވަރެކެވެ.