Roadha Mihaaru
ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ ބަލަން ކޮމިޓީއެއް

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ ބަލަން އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް

21 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ބަލަން އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ބަލަން އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ބޮޑުތަކުރުފާނު މަގުން މޮޓޯކޭޑް ހުއްޓުވައި ބަޔަކު އަޑުގަދަކޮށް ނުރައްކާތެރި ހާލަތަކަށް ވައްޓާލި މައްސަލާގައި އެންއެންޑީއެފަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. މިކަމުގައި ސަލާމަތީ ހިދުމަތްތަކުގެ އިހުމާލު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އެމްއެންޑީއެފުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

"މި ކޮމިޓީއަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމިޓީއެކެވެ،" ބަޔާނުގައިވެ އެވެ.

މޮޓޯކޭޑް ހުއްޓުވި މައްސަލާގައި މިހާރު ވަނީ ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފަ އެވެ.

މި މައްސަލާގައި ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ސެކިއުރިޓީ އަރުވަން ޖެހޭ ރައީސްގެ މޮޓޯކޭޑް ހުއްޓުވައި މުޒާހަރާކުރި ސަރަހައްދުގައި 15 މިނެޓް މަޑުކޮށްގެން އޮންނަން ޖެހުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެއީ، ސެކިއުރިޓީ ބަލިކަށިވެފައި އޮތް ވަރު އަންގައިދޭ ވަރަށް ވަރުގަދަ ހެއްކެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ގިނަ މެމްބަރުން ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ބްރީޗްވީ ސަލާމަތީ ހިދުމަތްތަކުގެ އިހުމާލުން ކަމަށެވެ. އެ ކަމުގައި ޒިންމާވާން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.